ކޮންމެ އަހަރެއް ފެށިގެން އަންނަ އިރު، ސިޔާސީ ޕާޓީތަކަށް މެންބަރުން އިތުރުވުމަކީ އައު ކަމެއް ނޫނެވެ. މި ގޮތުން ޕާޓީތަކުގެ ދަފްތަރުގައި، އަހަރުގެ ކުރީކޮޅު އަލަށް ރަޖިސްޓްރީވެފައި ތިބޭ ގިނަ މީހުންނަކީ، ޕާޓީއަކަށް ވަނުމަށް ދުވަހަކު ފޯމެއް ވެސް ނުފުރާ، އިނގިލީގެ ނިޝާން ވެސް ނުޖަހައި ތިބި މީހުންނެވެ. ނަމަވެސް، އެމީހުންނަށް ނުވެސް އެނގި، އެ ތިބެނީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައެވެ.
މި ކަމުގެ އެންމެ ބޮޑު އިއްތިފާގަކީ، ކޮންމެ އަހަރަކު މި ގަނޑެއް ގަންނައިރު، އެވަގުތަކު ވެރިކަން ކުރާ ޕާޓީއަށް އެންމެ ގިނައިން މީހުން އިތުރުވުމެވެ. ކަނޑައެޅިގެން ފާޅުގައި އެ ޕާޓީއެއްގެ ސިޔާސަތާ ދެކޮޅަށް މަސައްކަތްކޮށް އަޑުއުފުލާ އެތައް ބަޔަކު ވެސް، ޕާޓީގެ ދަފްތަރުގައި އެބަ ރަޖިސްޓްރީވެއެވެ. ޕާޓީއެއްގައި އުޅޭ އެތައް ބަޔަކު ވެސް، އެމީހުންނަށް ނޭނގި އެހެން ޕާޓީއެއްގައި އެބަ ރަޖިސްޓްރީވެއެވެ.
އާންމު ރައްޔިތުންނޭވެ! ހޭއަރައި ވިސްނާށެވެ! މިއީ ބަޔަކަށް ނޭނގި ހިނގާ ކަމެއް ނޫނެވެ. ނުވަތަ "ޓެކްނިކަލް މައްސަލައެއް" މެދުވެރިވެގެން ހިނގާ ކަމެއް ވެސް ނޫނެވެ. ހަމައެހެންމެ މިއީ ޕާޓީއަށް މީހުން އިތުރުކޮށް، ޕާޓީގެ ބޮޑުކަމާއި ހައިބަތު ދައްކަން ކުރާ ކަމެއް ވެސް ނުމެ ނޫންމެއެވެ. މިކަމުގެ ހަގީގީ ސިއްރު ގުޅިފައި އޮތީ ދައުލަތުގެ ބަޖެޓު ލޫޓުވުމާއެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 35 ވަނަ މާއްދާގައި ބުނާ ގޮތުން، ސިޔާސީ ޕާޓީ ހިންގުމަށް ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 (ސުމެއް ޕޮއިންޓް އެކެއް އިންސައްތަ) އާއި %0.2 (ސުމެއް ޕޮއިންޓް ދޭއް އިންސައްތަ) އާ ދެމެދުގެ ޢަދަދަކަށް، ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަންވާނެއެވެ. އަދި މި ފައިސާ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވާ މެންބަރުންގެ ޢަދަދުގެ ނިސްބަތުން ކަމަށް، އެ ގާނޫނުގެ 36 ވަނަ މާއްދާގައި ބުނެފައި އޮވެއެވެ.
ރައްޔިތުންނޭވެ! ތިޔަ ބޭފުޅުންނަށް ނޭނގި ތިޔަ ބޭފުޅުންގެ ނަން، ޕާޓީތަކުގެ ދަފްތަރަށް އެ އަރުވަނީ، ހަމައެކަނި މި ފައިސާގެ ދަހިވެތިކަމުގައެވެ. ތިޔަ ރައްޔިތުންގެ ނަމުގައި ދައުލަތުގެ ބަޖެޓުން ފައިސާ ވަގަށް ނެގުމަށެވެ. އެކަން އެ ހިންގަނީ އެކަމަށް ވަރަށް ބޮޑަށް ދުރާލައި ރާވައި ތައްޔާރުވެގެން، އަދި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެސް ބައިވެރިވުމާ އެކުގައެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބަލަހައްޓާ އިލެކްޝަންސް ކޮމިޝަނުން، މިދިޔަ ފެބްރުއަރީ 2025 ގައި ބުނެފައިވާ ގޮތުން، އެ އަހަރު ފެށެން އުޅެނިކޮށް ވަގު ފޯމު ހުށަހަޅައިގެން 700 އަށް ވުރެ ގިނަ މީހުންގެ ޝަކުވާ އެ ކޮމިޝަނަށް ލިބުނެވެ. އޭގެ ތެރެއިން 63 އިންސައްތަ ޝަކުވާއަކީ ވެރިކަންކުރާ ޕީއެންސީއަށް ވަގަށް ވައްދާފައިވާ ކަމަށް ބުނެ ހުށަހެޅި ޝަކުވާއެވެ.
މިއީ ހަމައެކަނި އެ ކޮމިޝަނަށް ޝަކުވާ ހުށަހެޅި މީހުންގެ އަދަދެވެ. ވަގު ފޯމު ހުށަހަޅައިގެން ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުވި މީހުންގެ ތެރެއިން އިލެކްޝަނަށް ޝަކުވާ ހުށަނާޅައި ކިތައް މީހުން ތިބޭނެ ހެއްޔެވެ؟ އެހެންކަމުން، މިދިޔަ އަހަރު އެކަނިވެސް، ވަގު ފޯމު ހުށަހަޅައިގެން ޕާޓީތަކަށް ވެއްދި މީހުންގެ އަދަދު އެތައް ހާހަކަށް އެރުން އެކަށީގެންވެއެވެ.
ރައްޔިތުންނެވެ! އަދި އެއް ފަހަރު ވިސްނަވާށެވެ! މިދިޔަ އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 27.9 މިލިއަން ރުފިޔާ ދޫކުރިއެވެ. އޭގެ ތެރެއިން އެންމެ ގިނަ ފައިސާ (13.3 މިލިއަން ރުފިޔާ) ލިބުނީ ވެރިކަންކުރާ ޕީއެންސީއަށެވެ. އެއީ، ޑިސެންބަރު 31، 2024ގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި 68665 މެންބަރުން ތިބި ކަމަށް ބަލައިފައެވެ. އެހެންކަމުން، ޕާޓީގެ ރަޖިސްޓްރީގައި ނަން އޮތް ކޮންމެ މީހެއްގެ ނަމުގައި، ދައުލަތުގެ ބަޖެޓުން އެ ޕާޓީއަށް 193.23 ރުފިޔާ، 2025 ވަނަ އަހަރުގެ ބަޖެޓުން ލިބުނީއެވެ.
އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކަށް ބަލާއިރު، މީގެ ކުރިން ވަގު ފޯމު ހުށަހަޅައިގެން ސިޔާސީ ޕާޓީތަކަށް ވެއްދި ކަމުގެ ޝަކުވާ އެންމެ ގިނައިން ލިބިފައިވަނީ 2022 ވަނަ އަހަރުއެވެ. އޭރުވެސް އެކަން އެންމެ ވަރުގަދައަށް ކުރީ، މިހާރު ވެރިކަމުގައި ތިބި މީހުން، އޭރު ޕީޕީއެމް ކިޔާ ޕާޓީގެ ނަމުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވި ދުވަސްވަރުއެވެ. އެ އަހަރު ވަގު ފޯމު ހުށަހަޅައިގެން ޕީޕީއެމަށް 391 މީހަކު ވެއްދި ކަމުގެ ޝަކުވާ އީސީއަށް ލިބިފައިވެއެވެ. ދެ ވަނަ އަށް އެންމެ ގިނަ ފޯމު ހުށަހެޅީ އޭރު ވެރިކަން ކުރި އެމްޑީޕީގެ ދަފްތަރަށް މީހުން އިތުރު ކުރުމަށެވެ.
މި ހިސާބުތަކަށް ބަލާއިރު، މިހާރު ވެރިކަމުގައި މި ތިބަ މީހުންނަކީ މިފަދަ ޖަރީމާތައް ހިންގުމުގައި ތަޖުރިބާކާރު ބައެއްކަން ޔަގީނެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ތިއްބަސް، ވެރިކަމުގެ އާރާއި ބާރުގައި ތިއްބަސް، ދައުލަތް ލޫޓުވުމުގައި ފަސް ވަނަ ގިޔަރަށް ވުރެ ހަލުވިކަމަށް ފެނެއެވެ.
ރައްޔިތުންގެ ނަމުގައި ރައްޔިތުންނަށް ނޭނގި ވަގަށް ފޯމު ފުރައި ދައުލަތުގެ އިދާރާތަކަށް ހުށަހަޅައިގެން، ދައުލަތުގެ ބަޖެޓުން ފައިސާ ނަގާއިރު، އެކަން ވައްކަމަށް ނުވެދާނެ އެއް ގޮތެއް ވެސް ނޯންނާނެއެވެ. އެކަން ކުރި ބަޔަކު މިދިޔަ އަހަރުތަކުގައި އެކަން ކޮށްފިއެވެ. މި އަހަރު ވެސް ކުރާނެކަން ޔަގީނެވެ. ދެން އެކަމުގައި ކިތަންމެ ކުޑަ ނަމަވެސް ބާރެއް އޮތީ އާންމު ރައްޔިތުންގެ އަތްމަތީގައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި، އެމީހެއްގެ ރުހުމުގައި ނުވަތަ ނުރުހުމުގައި ވިޔަސް ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ ނަމަ، އެމީހެއްގެ ނަން އެމީހަކު އަމިއްލައަށް އެ ޕާޓީއެއްގެ ދަފްތަރުން އުނިކުރުމުގެ ފުރުސަތު މިހާރު ކޮންމެ މީހަކަށް ވެސް ފަސޭހައިން ހަމަޖެހިފައި އޮންނާނެއެވެ. އިލެކްޝަންސް ކޮމިޝަންގެ "މައި ޕޯޓަލް" މެދުވެރިކޮށް، އެމީހަކު އަމިއްލައަށް ސިޔާސީ ޕާޓީން ވަކިވެވޭނެއެވެ.
ރައްޔިތުންނޭވެ! ތިޔަ ބޭފުޅުންގެ ނަމުގައި ދައުލަތުގެ ބަޖެޓުން ވަގަށް ފައިސާ ނެގުމުގެ އިހުތިޔާރު، އެއްވެސް ޕާޓީއަކަށް ދޭން ބޭނުންނުވާ ނަމަ، "މައި ޕޯޓަލް" މެދުވެރިކޮށް، ވަގަށް ވައްދާފައިވާ ޕާޓީން އަވަހަށް ވަކިވާށެވެ! އެހެން ނޫނިއްޔާ، މިއަހަރުގެ ބަޖެޓުން ވެސް ތިޔަ ބޭފުޅުންގެ ނަމުގައި ދައުލަތުގެ ބަޖެޓުން ވަގަށް ފައިސާ ނަގާނެކަން ގައިމެވެ.
ރައްޔިތުންގެ ނަމުގައި ބަޖެޓުން ޕާޓީއަށް ފައިސާ ނެގިޔަނުދީ! ރައްޔިތުންގެ ނަމުގައި ބަޖެޓުން ޕާޓީއަށް ފައިސާ ނެގިޔަނުދީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ