އެމްޑީޕީއަށް ވެރިކަން ލިބޭނީ އާންމު މެންބަރުންގެ މަސްލަހަތު އިސްކުރާ މީހަކު ހުންގާނާ ހަވާލުވެގެން: މީކާއިލް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އާންމު މެންބަރުންގެ މަސްލަހަތު އިސްކުރާ މީހަކު އެ ޕާޓީގެ ހުންގާނާ ހަވާލުވެގެން ކަމަށް ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ
ސޯޝަލްމީޑިއާގައި މިއަދު އާންމު ކުރެއްވި ވީޑީއޯއެއްގައި މީކާއިލް ވިދާޅުވީ 2028 ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ގެއްލިފައިވާ އިތުބާރު، އެމްޑީޕީން އަނބުރާ ހޯދަންޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ ވަކިވަކި ލީޑަރުންނާއި ވަކިވަކި ފަރުދުންގެ މަސްލަހަތަށްވުރެ ޕާޓީގެ އާންމު މެންބަރުންގެ މަސްލަހަތު އިސްކޮށްދޭނެ ފަރާތެއް ޕާޓީގެ ހުންގާނާ ހަވާލުވެގެން ކަމަށް މީކާއީލް ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ މަގާމުން މިދިޔަ އަހަރުގެ ނޮވެންބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ. އެހެންވެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހޮވި އެވެ.
ޣަފޫރަކީ މިވަގުތު އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ މެންބަރެވެ. މިވަގުތު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެންމެ ދުވަސްވީ މެންބަރުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ