ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ފުރަތަމަ ސީޒަނުގައި ވެސް އޮޑި ސްޕޯޓްސް ކްލަބުން ތަށްޓެއް ހޯދައި ހާސިލްކުރި ބޮޑު ކާމިޔާބީގެ ހިއްސާ އަކަށް އޭނާ ވުމަކީ ވެސް ފަހުރެއްގެ ގޮތުގައި ދެކޭ ކަމަށް އޮޑީގެ ކޯޗު ސްޕެއިނުގެ އަންދްރޭ ގާސިއާ ބުނެފި އެވެ.
ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެން، މި ފަހަރުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދި އޮޑިން ވަނީ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދައިފަ އެވެ. ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ރޭ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ 1-1 އިން އެއްވަރުކޮށް، ޕެނަލްޓީގައި 5-4 އިން އޮޑިން މޮޅުވިއިރު، އެ ޓީމަށް މި ވަނީ ފުރަތަމަ ޑިވިޝަނުގެ ފުރަތަމަ ތަށި ލިބިފަ އެވެ.
އޮޑި އަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފުރަތަމަ ސީޒަނުގައި މި ވަރުގެ ކާމިޔާބެއް ހޯދި ފުރަތަމަ ޓީމެވެ.
"އަހަންނަށް އެހާ ގިނަ ވާހަަކައެއް މި ވަގުތަކު ނުދެއްކިދާނެ، އެއީ ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް މި ކުރެވެނީ، އަހަންނަށް ފެންނަ ގޮތުގައި މި ކާމިޔާބީ އަކީ ވަރަށް ބުރަ މަސައްކަތްކޮށްގެން މި ކްލަބަށް (ފުރަތަމަ ޑިވިޝަނުގައި) ލިބުނު ފުރަތަމަ ތަށި. އަހަރެން ވަރަށް އުފާކުރަން މި ކާމިޔާބީގެ ހިއްސާ އަކަށް ވެވުނީތީވެ. އަހަރެން ބުނަން ބޭނުންވަނީ އާއިލާ އަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަމޭ، މިއީ އެ މީހުން ކުރާ ހިތްވަރުގެ ނަތީޖާއޭ،" ރޭގެ ފައިނަލަށް ފަހު އޮޑިގެ ކޯޗު ގާސިއާ ބުންޏެވެ.
ދިވެހި ޕްރިމިއާ ލީގާ ދިމާކޮށް އޮޑިން ގެނައި ކޯޗު، ގާސިއާއާ އެކު އެ ޓީމުން ވަނީ އާދަޔާހިލާފު މަސައްކަތެއްކޮށްފަ އެވެ. ގާސިއާ ވަނީ ކާމިޔާބު ހޯދަން މުޅި ޓީމުން ދިން އެއްބާރުލުން ފާހަގަކޮށްފަ އެވެ.
"މި ކްލަބްގެ ސްޓާފުން، އަހަރެންގެ ހުރިހާ އެހީތެރިން، އަހަރެމެންގެ ކްލަބްގައި މި ތިބި ފައިޓަރުން ފަދަ ކުޅުންތެރިން. އެންމެ ފުރަތަމަ ދުވަހުން ފެށިގެން މި ވިސްނުމުގައި ކުރި މަސައްކަތުގެ ނަތީޖާ އަކީ މި ތަށި،" ގާސިއާ ބުންޏެވެ.
އޮޑީގެ ވަގުތީ ކޯޗަކަށް މި އަހަރުގެ ކުރީކޮޅުގައި މަސައްކަތްކުރި ފަރުހާދު އިސްމާއިލް (ފަރޭ)އާ އެކު ނުކުމެ، އޮޑިން އެފްއޭމް ލީގު ކަޕް ފައިނަލުގައި މާޒިޔާ އަތުން 4-0 އިން އަތުން ބަލިވި އެވެ. ގާސިއާ ހަވާލުވި ފަހުން، އޮޑިން މާޒިޔާއާ ފަރަގުކުޑަކުރަން ފެށި އެވެ.
އެ ގޮތުން، ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ މެޗުގައި މާޒިޔާ އިން ފަހު ވަގުތު ލަނޑު ޖަހައިގެން 1-0 އިން އޮޑި އަތުން މޮޅުވި އެވެ. އަދި، ލީގުގެ ދެ ވަނަ ބުރުގެ މެޗުގައި އޮޑިގެ ކުޅުންތެރިއަކު މަދުކޮށް ބޮޑުބައި ކުޅެން ޖެހުނު މެޗުން މާޒިޔާ މޮޅުވީ ވެސް 1-0 އިންނެވެ.
ގާސިއާ ބުނީ، ލީގުގައި އޮޑިން މާޒިޔާއާ ދެކޮޅަށް ކުޅެ، ބަލިވި ދެ މެޗުގައި ވެސް ނަތީޖާ ނުކުތީ "ވަރަށް ހަނި ފަރަގަކުން،" ކަމަށެވެ. އެހެންކަމުން، ރޭގެ ފައިނަލަށް ނުކުތީ ތައްޔާރީތަައް ވަރަށް ފުރިހަަމަ އަށް ބަހައްޓައިގެން ކަމަށް ގާސިއާ ވަނީ ބުނެފަ އެވެ.
"ވިސްނައިގެން ތިބީ ކުރިން މެޗުތަކުގައި އެ ދިޔަ ކަހަލަ ކުދިކުދި ކަންކަމަށް ވެސް ފަރުވާ ބަހައްޓައިގެން އަހަރެމެން ކުޅެފިއްޔާ، އަހަރެމެންނަށް ބޮޑު ފުރުސަތެއް އެބައޮތޭ މޮޅުވާން، އެކަން އަހަރެމެން ކުރީ، ޓްރޮފީ މި އޮތީ އަހަރެމެންނަށް ލިބިފައި. ވަރަށް ބޮޑު ހިތްހަމަޖެހުމެއް މި ކުޅުންތެރިންނާ އެކު މަސައްކަތްކުރުމަކީ،" ގާސިއާ ބުންޏެވެ.
ގާސިއާ ވަނީ ޓީމެއްގެ ގޮތުގައި އޮޑިން ކުރިއަރައި ދިއުމަށް ޕްރެޒިޑެންޓްސް ކަޕްގެ ކާމިޔާބީ އިސް ދައުރެއް އަދާކުރާނެ ކަމަށެވެ.
އޮޑީގެ ކާމިޔާބީ އަކީ އަހަންނަށް ފަހުރެއް: ގާސިއާ އޮޑީގެ ކާމިޔާބީ އަކީ އަހަންނަށް ފަހުރެއް: ގާސިއާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ