ވާނުވާގައި އަހަރަކަށް ވުރެ ގިނަ ދުވަސްވީ މީހުންގެ މައްސަލަތައް ކްރިމިނަލް ކޯޓުން މި އަހަރު ނިންމަނީ ވާނުވާގައި އަހަރަކަށް ވުރެ ގިނަ ދުވަސްވީ މީހުންގެ މައްސަލަތައް ކްރިމިނަލް ކޯޓުން މި އަހަރު ނިންމަނީ

ޝަރީއަތް ނިމެންދެން ބަންދުގައި ނުވަތަ އާންމުކޮށް މިހާރު ކިޔައި އުޅޭ ގޮތަށް ވާނުވާގައި، އަހަރަކަށް ވުރެ ގިނަ ދުވަސްވީ މީހުންގެ މައްސަލަތައް މި އަހަރު ބަލައި ނިމޭނެ ކަމަށް ކްރިމިނަލް ކޯޓުން އަންދާޒާކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް އާންމުކުރި ރިޕޯޓުގައި ބުނީ ކްރިމިނަލް ކޯޓުގެ އައު އިމާރާތާއެކު ކޯތުން މައްސަލަ ނިންމާ ރޭޓަށް ބަލާއިރު އެ ކޯޓުގައި އަހަރު ދުވަސްވީ ވާނުވާގެ މައްސަލަތައް މި އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
"ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އެއް އަހަރަށްވުރެ ގިނަ ދުވަސްވީ އެންމެހައި މައްސަލަތަކެއް 2026 ވަނަ އަހަރު ނިމޭނެކަމީ، އައު އިމާރާތުގެ ސަބަބުން ކޯޓުން މައްސަލަ ނިންމާ ރޭޓަށް އައި ކުރިއެރުމަށް ބަލާއިރު، ކުރެވޭ އުންމީދީ އަންދާޒާއެއް،" އެ ކޯޓުން ބުންޏެވެ.
ކްރިމިނަލް ކޯޓުން ބުނީ މިދިޔަ އަހަރު ފެށުނުއިރު ބަންދުގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހެއް 2026 ވަނަ އަހަރު ނިމޭއިރު ބަންދުގައި ނުހުންނާނެކަމީ ކޯޓުގެ މަސައްކަތުގެ ދުވެއްޔާއި ކޯޓުގެ އަމާޒަށް ބަލާއިރު ހާސިލުވާނެ ލަނޑުދަނޑިއެއްކަމާމެދު ޝައްކެއް ނެތް ކަމަށެވެ.
މިދިޔަ އަހަރު ފެށުނުއިރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ އަދަދު ހުރީ 272 ގަ އެވެ. އޭގެ ތެރެއިން މިދިޔަ އަހަރު ނިމުނުއިރު ބަންދުގައި ތިބީ 128 މީހުންނެވެ.
ކްރިމިނަލް ކޯޓުން އަންދާޒާ ކުރާގޮތުގައި މި އަހަރަކީ އެ ކޯޓުގެ މަސައްކަތުގެ ދުވެލި ތާރީހުގައި ވެސް ނުދެކޭހާ ބާރުމިނުގައި ހުންނާނެ އަހަރެއް ކަމަށް ބެލެވޭއިރު، މި އަހަރަކީ ބެކްލޮގްގައި ހުރި މަސައްކަތްތައް ވެސް ނިމެނޭ އަހަރެކެވެ.
މިދިޔަ އަހަރު ނިމުނުއިރު ކްރިމިނަލް ކޯޓުގެ ނުނިމިއޮތީ ޖުމްލަ 1،735 މައްސަލަ އެވެ. ކޯޓުގެ ދުވެލި މިވަގުތު ހުރީ މަހަކު 175 މައްސަލަ ނިންމުމުގެ ބާރު މިނުގައި ކަމަށްވާތީ، އެ ރޭޓުން މަސައްކަތް ކުރިއަށްދާނަމަ އަހަރު ނިމޭއިރު 2،000 އަށްވުރެ ގިނަ މައްސަލަ ނިމޭނެ އެވެ.
މިދިޔަ އަހަރު ނިންމި މައްސަލަތަކުގެ ތެރެއިން ތިން މީހުން މެރުމަށް ކޯޓުން ހުކުމް ކޮށްފައިވެ އެވެ. އޭގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި 62 މީހުން ޖަލަށް ލުމަށް ހުކުމްކޮށްފައިވެ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި 11 މީހުން ޖަލަށްލާން ހުކުމް ކޮށްފައިވެ އެވެ.
މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް އެންމެ ގިނައިން ހުށަހެޅީ ވައްކަމުގެ މައްސަލަތަކެވެ. އެއީ 160 މައްސަލަ އެވެ. އޭގެއިތުރުން މަސްތުވާތަކެތީގެ ޖިނާއީ ބޮޑެތި މައްސަލަތަކުގެ ގޮތުގައި 146 މައްސަލަ ވެސް ހުށަހަޅާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ