ތަޖުރިބާކާރު ފުލުހުންނާ ސީޕީ ބައްދަލުކޮށްފި

ފުލުހުންގެ ޚިދުމަތުގައި 35 އަހަރު ހޭދަކޮށްފައުވާ އޮފިސަރުންނާ ޕޮލިސް ކޮމިޝަނރު އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމަކީ ގައުމަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ފުލުހުންގެ ހިދުމަތުގެ އަގު ވަޒަންކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
އެ ބައްދަލުވުމުގައި ކޮމިޝަނަރު ވަނީ އެ އޮފިސަރުންގެ ހީވާގި މަސައްކަތާއި ޕްރޮފެޝަނަލިޒަމަށް ޝުކުރު އަދާކުރައްވައި، ވާޖިބު އަދާކުރެއްވުމުގައި އެ ބޭފުޅުން ވެވަޑައިގަންނަވަމުން ގެންދަވާ ގުރުބާނީ ފާހަގަކުރައްވައިފަ އެވެ. އަދި ފުލުހުންގެ މުއައްސަސާ ހިންގުން ހަރުދަނާ ކުރުމުގަ އާއި ކުރިއަށް އޮތް ޖީލުތަކުގެ ފުލުހުން ތަމްރީނުކުރުމުގައި އެ ބޭފުޅުންގެ ތަޖުރިބާގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ދިގު މުއްދަތެއްގެ ހިދުމަތަކީ ތެދުވެރިކަމާއި، ސާބިތުކަމާއި، ރައްޔިތުންނަށް ހިދުމަތްކުރުމުގެ ވަފާތެރިކަމުގެ ނަމޫނާއެއް ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި މުއައްސަސާގެ އެކިއެކި ކަންކަމާ ގުޅޭ ގޮތުން ތަޖުރިބާ ހިއްސާކޮށް މަޝްވަރާކޮށްފައިވެ އެވެ. އެގޮތުން ރާއްޖޭގައި ފުލުހުންގެ ހިދުމަތް ތަރައްގީވެ ބަދަލުވެގެން އައިސްފައިވާ ގޮތާއި، އެކި ދުވަސްވަރު ކުރިމަތިވި ގޮންޖެހުންތަކާއި، މުޖުތަމައުގެ އިތުބާރު ދެމެހެއްޓުމުގެ މުހިންމުކަމާ ބެހޭ ގޮތުން އޮފިސަރުން ތަޖުރިބާ ހިއްސާކުރެއްވި އެވެ. ސީޕީ ވަނީ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އޮފިސަރުންގެ އިލްމާއި ތަޖުރިބާއަކީ މިހާރު ހިނގަމުން އަންނަ މަސައްކަތްތައް ކުރިއެރުވުމުގައި އަގުނުކުރެވޭ ފަދަ މުހިންމު ތަޖުރިބާތަކެއްކަން ފާހަގަކުރައްވައިފަ އެވެ.
ސީޕީގެ މަގާމަށް އަހުމަދު އައްޔަންކުރީ މި މަހުގެ 5 ގަ އެވެ. އޭނަ އަކީ 1995 އިން ފެށިގެން ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ