އެންމެ ބާރުގަދަ ކޮމިޓީތަކުން މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ކޮމިޓީތަކުން އެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކޮށްފިއެވެ. އޭނާ ވަކިކުރިކަން ފެންމަތިވީ މިއަދެވެ. އެކަމަކު، ނާޒިމް ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލިއިރު ވެސް އެ ފަދަ ބަދަލެއް ގެނައިކަން އިއުލާނުކޮށްފައެއް ނުވެއެވެ. މަޖިލީހުގެ ރަސްމީ ވެބްސައިޓުން އެނގޭ ގޮތުގައި މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ. އޭނާގެ ބަދަލުގައި 241 ކޮމިޓީއަށް އައްޔަންކޮށްފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު އަބްދުﷲއެވެ. އަދި، އޭނާގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް އައްޔަންކޮށްފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޟަމީރެވެ. އެކަމަކު، އޭނާ ހިމެނިވަޑައިގަންނަވާ އެސްއޯއީ ކޮމިޓީން ވަކިކުރި ކަމަކަށް މަޖިލީހުގެ ވެބްސައިޓަކުން ނުދައްކައެވެ. މި ބަދަލާ ގުޅޭ ގޮތުން ސުވާލުކުރަން ނާޒިމަށް 'ސަން'އިން ގުޅި ނަމަވެސް މިހާތަނަށް ފޯނަށް ޖަވާބެއް ނުދެއްވާތީ ވީގޮތް ސާފެއް ނޫނެވެ. އަދި، މިއަދުގެ ޖަލްސާގައި މި ބަދަލު އިއުލާނު ނުކުރީ ކީއްވެ ކަމެއް ވެސް ނޭނގެއެވެ. މި ކަމާ ގުޅިގެން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހްގެ ބަހެއް ވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ނާޒިމަކީ ކޮމިޓީތަކުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި މެންބަރެކެވެ. https://sun.mv/214083 އެ ގޮތުން، މާލިއްޔަތު ކޮމިޓީގެ ގިނަ މަސައްކަތްތަކެއްގައި އިސްކޮށް އުޅުއްވީ މެންބަރު ނާޒިމެވެ. އޭގެ ތެރޭގައި، ފުލުހުންގެ ވެލްފެއާ ޕޮލްކޯއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުން ވެސް ހިމެނެއެވެ. އަދި، ސަރުކާރުގެ ހިއްސާވާ ބައެއް ކުންފުނިތަކާ ގުޅޭ މައްސަލަތައް ވެސް އޭނާ އިސްވެ ހުންނަވައިގެން ބެލިއެވެ. ކޮމިޓީތަކަށް މީގެ ކުރިން ވެސް ދޭތެރެއަކުން ޕާޓީތަކުން ބޭނުންވުމުން ބަދަލު ގެނެއެވެ. އަދި، ބައެއް ފަހަރު ސިޔާސީ ސަބަބުތަކާ ހެދި ވެސް ބަދަލުތައް ގެނެއެވެ. އެ ގޮތުން، މީގެ ކުރިން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވެސް 241 ކޮމިޓީއާއި މާލިއްޔަތު ކޮމިޓީން ވަކިކުރިއެވެ. އޭނާ އޭރު ކޮމިޓީތަކުން ވަކިކުރީ ސަރުކާރުގެ ސްޓޭންޑާ އެއްގޮތަށް ބައެއް ބިލުތަކަށް ވޯޓު ނުދިން މައްސަލައެއްގައެވެ. އެކަމަކު، ފަހުން އޭނާ ވަނީ އެ ދެ ކޮމިޓީއަށް ވެސް އައްޔަންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ