ކެމޮމައިލް 69

"އެއްވެސް ކަމެއްގައި މާޔޫސްވެ ﷲގެ ރަހުމަތުން އުއްމީދު ކަނޑާނުލާށެވެ. ކޮންމެ ކަމަކަށްވެސް ﷲ ތައާލާ ކުޅަދުންވަންތައެވެ. ގިނައިން ޒިކުރުކޮށް ދުޢާކުރާށެވެ." *** އޭނަ މިރިއަމް ހަނދާންނެތޭ ކަންތައް ހަނދާނުގައި ބަހައްޓާނެއެވެ. ވައްޓާލާ އެއްޗެއްގައި ހިފަހައްޓާނެއެވެ. މިރިއަމް ރުޅިއައުމުން އޭނަ އޯގާތެރިވާނެއެވެ. ދުރަށް ދިޔަސް ފަހަތުގައި ހުންނާނެއެވެ. ކޮންމެހެން އޭނަ ވަރުގަދަވީމައެއްނޫނެވެ. މިރިއަމް އަދިވެސް ދުނިޔޭގައި ހުރުމުންނެވެ. މިރިއަމް ނެތް ދުވަހެއް އަޔަސް އޭނައަށް ހުރިހާކަމެއް އެނގިހުރެ ކެތްތެރިކަމާއި ވަފާތެރިކަމާއެކު އެބުރަދަން އުފުލާނީ އެއީ ކިހާ ބުރަކަމެއްކަން އެނގިހުރެއެވެ. *** މިރިއަމް ތަވާގެ ތެރެއަށް ދޭފަތް ލައިގެން ހުރެ މަޑުމަޑުން ހަލުވަމުން ދިޔައެވެ. މަރްވާ ރަގްމަތީގައި ޕްލާސްޓިކް ޖޯޑުތަކެއް ބަހައްޓައިގެން އިންގޮތުން ވަރަށް މުހިއްމު މަސައްކަތެއްގައި އިންފަދައެވެ. ހަމްޒާ ދޮރަށް ލެނގިލައިގެން ހުރީ ދެމައިންގެ ހަރަކާތްތަކަށް ސަމާލުކަން ދީގެންނެވެ. "މިރިއަމް ކޯނޗެއް ތިކައްކަނީ؟" "އޭނަ ވަރަށް އަވަހަށް ގެއަށް އަންނާނެ....އެހެންވެ ހޫނު ކޮށްލަނީ." މިރިއަމް އެނބުރި ބަލާނުލައެވެ. އޭނައަށް ހީވީ އެލަފުޒުތައް ހަތިޔާރަކަށްވެގެން މޭގައި ޖެހިހެންނެވެ. "އޭނަ؟" ހަމްޒާ ފަރުވާތެރިކަމާއެކު ސުވާލުކުރިއެވެ. "އެނގެއެއްނު. އެ ފިރިހެނާ އަވަހަށް ޑިނާ ނަގާނެ...ލަސްކުރަން ބޭނުމެއްނޫން...." މިރިއަމް ހިނިތުންވެލިއިރުވެސް ހުރިހާ ސަމާލުކަމެއް ހުރީ ތަވާއަށެވެ. އެއްވެސް އޮޅުމެއް ހާސްކަމެއް ނެތި ޔަގީންކަމާއެކު ބުނެލި ލަފުޒުތަކެވެ. "މިރިއަމް، މިރޭ އަހަރެމެން އެކަނި ކާން މިތިބީ.މިރިއަމް މަރްވާ އަދި ހަމްޒާ.."އޭނަ ކައިރިއަށް ގޮސް މިރިއަމްގެ ބޮލުގައި އަތް ޖައްސައިލިއެވެ. އެއާއެކު މިރިއަމްގެ އަތުގެ ހަރަކާތްތައް މަޑުޖެހިލިއެވެ. އޭނަ ހީކުރީ އަރައިރުންވާނެ ކަމަށެވެ. ނަމަވެސް ނިތްކުރިއަށް ރޫ އަރުވައިލަމުން ބަލައިލީ ކޮންމެވެސް ކަމެއް ގޯސްވެފައިވާކަން އެނގިގެންނެވެ."އޯ....ތިބުނީ ހަމަ ރަގަޅަށް....އަހަރެން ހަދާން ނެތުނީ...." މިރިއަމް އެހެން ބުނެފައިވެސް މޭޒުމަތީގައި ތަށިތައް ބެހެއްޓިއިރު އިތުރު ތަށްޓެއް ބެހެއްޓިއެވެ. ތިން ދުވަސްފަހުން އަނެއްކާ އެ މައްސަލަ ނުކުތެވެ. ޒުބޭރުގެ މަންމަ ހަނިއްޔާ އެގެއަށް އައީއެވެ. ޓަކިދިނީވެސް ކެތްތެރިކަން ކުޑަވެފައިވާ ވައްތަރަކަށް ތަންކޮޅެއް ބާރަށެވެ. ދޮރުގައި ތަޅައިގަތްފަދައެވެ. މިރިއަމް ދޮރު ހުޅުވައިލީ ހިތްހެޔޮ ހިނިތުންވުމަކާއި އެކުގައެވެ. ދޮރުމަތީގައި ހުރީ ކާކުކަން އެނގުމާއެކު މިރިއަމްގެ ލޮލުގެ ކުލަ ބަދަލުވިއެވެ. ހަނިއްޔާގެ ތުންފިތާލައިގެން ހުރެ ލިވިން ރޫމަށްވަދެ ވަށައިގެން ލޯ ހިންގައިލިއެވެ. އަގުބޮޑު ފަރުނީޗަރުތަކާއި ބިއްލޫރި ބައްތިތަކާއި ރަގްތަކެވެ. "ސޯ....."ހަނިއްޔާ އެނބުރުނެވެ." މިހާރު ދިރިއުޅުމުގެ ފެންވަރަކީ މިއީ ދޯ..ވަރަށް ޝާހީ....މުއްސަދި..." ހަމްޒާވެސް ނިދާކޮޓަރިން ނިކުމެގެން އައިއިރު ފެނުނު މޫނަކުން ހައިރާންވެ ސިހުނެވެ."ހަނިއްޔާ ދައްތަ........" "އަހަރެން މިހިސާބަށް އާދެވުނީ...." ހަނިއްޔާ އެ ޖުމްލަ ފުރިހަމަވިޔަ ނުދިނެވެ. އޭނަ ބުނީ މުޅިން ތެދެއްނޫނެވެ. ހަނިއްޔާ އެހިސާބަށް އައުމަކީ "އެކްސިޑެންޓް"އެއް ނޫނެވެ. މިރިއަމް އެ ދެމީހުންގެ ދޭތެރެއަށް ވަނެވެ." ސައި ގެނެސްދޭންވީ؟ ޒުބޭރުއަށް ރަގަޅުވާނީ ހަކުރުނާޅާ ހުރީމަ..." ކޮޓަރިތެރެއަށް ވެރިވި ހިމޭންކަން ފުންވިއެވެ. ހަމްޒާގެ މޭގަނޑުވެސް އަނގަޔަށް އައިހެން ހީވިއެވެ. ހަނިއްޔާގެ ލޮލުގެ ތޫނުކަން ތެޅިފައިވާ ބިއްލޫރިކޮޅެއްފަދައެވެ." ދެންމެ ތިބުނީ ކީކޭ؟" "އަހަރެން ބުނީ ސައި ގެނެސްދޭނަމޭ...." "ނޫން..ދެންމެ ތި ކީ އޭނަގެ ނަން...ޒުބޭރު އޭ..." ހަނިއްޔާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. "އާނ އެނަން ކީ..ކީއްވެ ނުކިޔެންވީ؟" މިރިއަމް ބުމަކައިރިކޮށްލިއެވެ. "މިރިއަމް..އިރުކޮޅަކަށް އިށީދެލަންވީނު.."ހަމްޒާ މަސައްކަތްކުރީ އެ މައުޟޫ އޮޅުވައިލުމަށެވެ. މިރިއަމް އޭނަގެ މޫނަށް ބަލައިލީ ހައިރާންވެފައެވެ." ކީއްވެ ތިހެން ވާހަކަދައްކަނީ؟" "ސަބަބަކީ ޒުބޭރު މިދުނިޔެއާއި ވަކިވެފައިވީމަ...އަހަރެންގެ ދަރިފުޅު ވަނީ ހަފޫޓް އަޑީގައި.....ކަލޭ އަމިއްލައަށް ވަޅުލީ.." އެ ލަފުޒުތައް އޭނަގެ މޫނަށް ވީއްލައިލި އެތިފަހަރެއްފަދައެވެ. މޫނުގައިވިހާ ކުލައެއް އޮއްސުނެވެ. "ނޫން...ނުވާނެ ތިހެނެއް.."އޭނައަށް ބުނެވުނީ މަޑުންނެވެ. "ކޮންމެހެން އޮޅުވައިލަންވެގެން ވާހަކަ ހަދާނެކަމެއްނެތް..."ހަނިއްޔާގެ އަޑު ތުރުތުރުލާންފެށިއެވެ." އޭނަ ގެއަށް އަންނަލެއް ލަސްވެގެން ކަމަށް ހެދިގެން ވާހަކަދައްކާނެކަމެއް ނެތް...ތި އުފަލުގައި ދިރި އުޅެމުންދަނީ އޭނަގެ ހަޔާތުގެ ބައްތި ނިވާލާފައި......." "މިރިއަމް.."ހަމްޒާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ."ލުކް އެޓް މީ...." އޭނަ ހަމްޒާގެ މޫނަށް ބަލައިލީ ބޭގަރާރުވެފައެވެ. ކޮޓަރިވެސް ހެއްލެން ފެށިހެން ހީވިއެވެ. "އަހަރެން ހަނދާން އެބަހުރި...."އޭނަ ބުނެލިއެވެ. އަދި ކުޑަދޮރު ކައިރީގައި ހުރި ހުސް ގޮނޑިއަށް އިޝާރާތްކޮށްލިއެވެ." ޒުބޭރު ހުރި..ރޭގައިވެސް...ހަމަ މިތާ އިށީދެގެން އިނީ...މަރްވާގެ ވާހަކަވެސް ދެއްކިއެއްނު.." ހަނިއްޔާގެ ރުޅިވެރިކަން ބިރުވެރިކަމަށް ބަދަލުވެ އެ ނަޒަރު މިރިއަމްގެ މޫނުގައި ހަރުލިއެވެ. "މިރިއަމް ބަލި....އެބުނަނީ އަސްލު...."ހަމްޒާ ސާފުކޮށްދޭން އުޅުނެވެ. "ނޫން....މަގޭ ފަރާތުން ހަމްދަރުދީ ހޯދަން ވާހަކަ ދައްކަން ނަހަދާ...."ހަނިއްޔާ ފަހަތަށް ފިޔަވަޅެއް އެޅިއެވެ. އަދި މިރިއަމްއާއި ދިމާލަށް އެނބުރުނެވެ."އަހަރެންގެ ދަރިފުޅު ދުނިޔެއާއި ވަކިވެގެން ދިޔައި ކަލޭގެ ސަބަބުން...ކަލޭގެ ކޮއްކޮ ބަދަލު ހިފަން ބޭނުންވީ..އެނގިއްޖެ؟"ހަނިއްޔާގެ އަޑު ބާރުވިއެވެ. ހަގީގަތަކީ އެ ގާނޫނީ މައްސަލަގަނޑުގައި މިރިއަމްގެ އެއްވެސް ބައިވެރިވުމެއް ނެތްކަމެވެ. އެ ފިރިހެންކުއްޖާގެ އާއިލާ ޒުބޭރުއަށް ޓާގެޓްކުރީ އެއްވެސް ވަރަކަށް މިރިއަމްއާއި ގުޅިގެނެއްނޫނެވެ. ޒުބޭރުގެ ގާނޫނީ ޒިންމާ ރަގަޅަށް އަދާކުރުމުން ލިބުނު އަދަބެވެ. "ނޫން ނޫން ތިހެނެއް ނޫން ކަންތައްވީ..."މިރިއަމް ބޯ ހޫރައިގަތެވެ. ހަނިއްޔާ ހިނގައިގަތްއިރު ފިޔަވަޅުތަކުގެ އަޑު ގުގުމަމުން ދިޔައީ ރުޅިއަށް ހައްލެއް ނުހޯދިއެވެ. "އޭނަ ކައިރީ ބުނޭ އޭނަގެ މަތިން ކިތަންމެ ހަނދާންކުރިޔަސް ދެން އަނބުރާ ނާންނާނެއޭ..." ހަނިއްޔާ ހަމްޒާއާއި ދިމާލަށް ބުނެލީ އެނބުރި ބަލައިލުމެއްނެތިއެވެ. *** ޖެހިގެން އައި ހަފްތާގައި ސާފުވީ މިއީ އާދައިގެ ހަނދާންނެތުމެއް ނޫންކަމެވެ. މިރިއަމް ހަމައެކަނި ހަނދާން ނެތެނީއެއް ނޫނެވެ. އޭނަ ދިޔައީ ހަނދާންތަކަށް ބަދަލު ގެންނަމުންނެވެ. އޭނަގެ ހަނދާނުގައިވަނީ ޒުބޭރުއާއެކު އުޅުނު ދިރިއުޅުމެވެ. ވަރުބަލިވެފައި ހުރެ ގެއަށް އަންނަ ވަގުތުތަކެވެ. ހަނިއްޔާ ރޭގަނޑު ކެއުމަށް އައިސް ހިމޭންކަމާއެކު ވަގުތު ހޭދަކުރެއެވެ. ލައިލާއާއެކު ނަމާދުކޮށް ނިމިގެން ބެލްކަނީގައި ސައިބޯން ތިބެފައި މިރިއަމް ކުއްލިއަކަށް ސުވާލެއްކޮށްލިއެވެ." ޒުބޭރު ގާތުގައި ބުނިންތަ ބައިސްކަލް މައްޗަށް ކާށްޓެއް ވެއްޓުނު ދުވަހުގެ ވާހަކަ؟" ލައިލާ ސިހޭގޮތްވިއެވެ."މިރިއަމް....ތިއީ މާކުރިން ހިނގާފައި އޮތްކަމެއްނު...ޒުބޭރު ނިޔާވުމުގެ ކުރިން..." "އާނ..އެހެން ދޯ އަހަރެންވެސް ބުނީ..."އޭނަ ހިނިތުންވެލިއެވެ. ލައިލާ ހިންދިރުވައިލިއެވެ. *** މިރިއަމްގެ ސިކުނޑި ހަގީގަތާއި ޚިޔާލުތަކުގެ ދެމެދުން ކައްސަމުން ދާއިރު ހަމްޒާއަށް ޖެހުނީ އެމަންޒަރުދެކެން ހުންނާށެވެ. ކަސްރަތުކުރުވާ ރަގަޅުކާނާ އަދި ބޭސް ދިނަސް މަޑުމަޑުންދަނީ ދަށަށެވެ. "މިރެކްލް" ބޭހެއް އީޖާދުކުރެވޭނެނަމައޭ އޭނަގެ ހިތަށް އަރައެވެ. އޭނަ ސައިންސްވެރިއަކަށްވިނަމައެވެ. ހަނދާނެތުމުގެ ބައްޔަށްވެސް ޝިފާއެއް އޮންނާނެއެވެ. އަދި ނުހޯދެނީއެވެ. އަމިއްލަ ނަފުސް ނޭގި ލޯބިވާ ހުރިހާ ފަރާތްތައް ނޭގުމަކީ އަނިޔާއެކެވެ.ނަމަވެސް ﷲ ތައާލާ އެފަދަ ބަލިތައް ޖައްސަވަނީވެސް އިމްތިހާނަށެވެ. އޭނަގެ އިމްތިހާނަކީ މިރިއަމްކަމަށްވެސް ވެދާނެއެވެ. ބައެއް ދުވަހު މިރިއަމްގެ ސިކުނޑި ތަންކޮޅެއް ތޫނެވެ. ހުރިހާ ބޭހަކާއި ޑޯޒެއް ރަގަޅަށް އޮޅުން ފިލާ އިހުތިރާމް ލިބިގެންވާ ނަރުހެކެވެ. އެހެން ދުވަހު ހަމަ އެ މިރިއަމް އިންނަނީ އެހެން މީހުންނަށް ނުފެންނަ ހެދުންތަކެއް ގޮނޑިމަތީގައި ބަހައްޓައިގެން ފަށްޖެހުމުގައި އަވަދިނެތިއެވެ. އަދި އިންތިޒާރުކުރެވެނީ ދެން އެ އެނބުރި ނާންނާނެ ފިޔަވަޅުތަކުގެ އަޑަށެވެ. ނޫނީ ހަގީގަތަކަށްނުވެ ގެއްލިފައިވާ ޕްލޭންތަކެއްގެ ވާހަކަތައް ދެއްކުމުގައެވެ. އެންމެ އުދަގޫ ވަގުތަކީ ހިމޭންކަމުގެ ވަގުތުތަކެވެ. ތަންކޮޅެއް ފަސޭހައިން ހެވި، ކައްކާއިރު ނާނާ އަޅުވައިލާ އަދި މާޒީއާއި ބެހޭގޮތުން ޔަގީންކަމާއެކު ވާހަކަދައްކާއިރުއެވެ. އެފަދަ ވަގުތުތަކުގައި އެދޭރެރެއަށް ވަދެ މެދުކަނޑުވައިލާނެ ގޮތެއް ނޭގޭތީއެވެ. "ހަމަޖެހުމަށްވުރެ ހަގީގަތުގެ ބަރަކާތް ބޮޑުހެއްޔެވެ؟ އޭނަ ގާތުގައި ޑޮކްޓަރަކު ބުނެފައިވިއެވެ."ކޮންމެވެސް ހިސާބަކުން ކުށުގެ އިސްލާހަކީ އަނިޔާވެރި އެއްޗަކަށްވެސް ވެދާނެ.." އޭރު ހަމްޒާއަށް އެ ލަފުޒުތައް ދޭހައެއްނުވިއެވެ. މިހާރު އެނގިއްޖެއެވެ. އިރުއޮއްސި ރަތްވިލާތަކުން އުޑުމަތީގައި ރަތުގެ އެކިކުލަތައް ޖެހެމުން ދިޔައިރު މިރިއަމް ކުޑަދޮރު ކައިރީގައި ހުރެ މަގަށް ބަލަމުން ދިޔައެވެ."އޭނަ ވަރަށް ލަސްވެއްޖެ...މިގަޑީގައި އާއްމުކޮށް ގެއަށް އަންނާނެ..." ހަމްޒާ ގާތުގައި ހުއްޓިލައިގެން ހުރިއިރު ލޮލުން ފެންނަނީ މާޔޫސްކަމެވެ. "އަހަރެމެން ކިހިނެއް ހަދަންވީ؟" "އިންތިޒާރުކުރާނީ.."ހަމްޒާ ޖަވާބުދިނެވެ. އެޖަވާބުން މިރިއަމްގެ ދެލޯ ދިއްލުނެވެ. ދެމީހުން އެކީގައި ތިބީ ދުވަހަކުވެސް ނާންނާނެ މީހެއްގެ އިންތިޒާރުގައެވެ. ހަމްޒާއަށް ހާމަވީ އަނިޔާވެރި ހިތި ހަގީގަތެކެވެ. މިރިއަމް ޒުބޭރު މަތިން ހަނދާން ނައްތާނުލާނެއެވެ. މިރިއަމްގެ ހަނދާނުގައި ޒުބޭރު ދިރިއުޅުންދާއިރު އެކަން ގެއްލިއްޖެނަމަ މިރިއަމް އިތުރަށް ބަރުބާދުވާނީއެވެ. އެހިތުން ކުރީގެ ފިރިމީހާގެ ހަނދާން ނައްތައިލަން މަސައްކަތްކުރާވަރަށްވުރެ ބޮޑަށް އޭނަ އަންހެނުންދެލެ ލޯބިވެއެވެ. *** މިރިއަމް ގުރުއާނުގެ އާޔަތެއް ކިޔަވަމުން މަރްވާގެ ހެދުންތައް އިސްތިރިކުރަމުންދިޔައެވެ. ހުޅުވާލެވިފައިވާ ކުޑަދޮރުތަކުން ވަންނަމުން ދިޔަ ތާޒާ ވައިރޯޅިތައް އޭނަގެ މޫނުގައި ބީހިލުމުން ނިކަން އަރާމެވެ. ކޮންމެވެސް މީހަކު ކޮޓަރިއަށް ވަންކަން އެނގުނީ ފިޔަވަޅުތަކުގެ އަޑުންނެވެ. ލަސް ދެނެ ފަރިތަ އަޑެކެވެ. އޭނަ އެނބުރި ބަލާނުލާ ހީލިއެވެ. މީހެއްގެ ހާޟިރުން ހިތަށް ހަމަޖެހުން ލިބުމުން އިތުރު ހެއްކަކަށް ބޭނުމެއްނުވެއެވެ. "މާ އަވަހަށް ތިއައީ..." މަޑު އަޑެއް އިވުނެވެ. ފޭރާމާއި ފޭރާން މައްލަވަކޮށްލަނީއެވެ. ކޮންމެވެސް އެއްޗެއް ތަނެއްގައި ބޭއްވުނުފަދަ އަޑެކެވެ. ތަޅުދަނޑިއެއްގެ ތޫނު އަޑެވެ. އޭނަ އިސްތިރިކުރަން ހުރިއިރު ކޮޓަރި އިތުތަށް ހޫނުވިކަމުގެ އިހުސާސްވެސް ކުރެވުނެވެ. "ނަރސް ޓެގް ހަނދާނެއްނެތް ދޯ ؟" "ނޫނޭ އަހަރެން އަބަދުވެސް ހަނދާންހުރޭ.."މިރިއަމް އެނބުރުނުއިރު ކޮޓަރިތެރެވަނީ ހުސްކޮށެވެ.އޭނަގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވުމާއެކު ތެދުވެގެންގޮސް ކޮރިޑޯގެ ދެކޮޅު ބަލައިލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ހައިރާންވިއެވެ."އަޖައިބެއްނު.. ދެވަނަފަހަރަށްވެސް ހަމަ އެކަހަލަ ހާދިސާއެއް ހިނގިއެވެ. މިިރިއަމް ހުރީ މަރްވާގެ އިސްތަށިގަނޑުގައި ފުނާ އަޅާދޭށެވެ. "ކެއަފުލް......."އޭނަގެ ފަހަތުން އަޑު އިވުނެވެ." ތިކުއްޖާއަކީ ކޮކޮނަޓް ހަސްކްއެއް ނޫނެއްނު.." "ތިއީ ދުވަހަކުވެސް އިސްތަށިގަނޑު ގަތަން ދަސްނުކުރި ކުއްޖާ..."މިރިއަމް ހިނިގަނޑެއް ޖަހައިލިއެވެ. އޭނަ ލޯގަނޑާއި ދިމާލަށް ބަލައިލުމާއކެު ސިހުނެވެ. ލޯގަނޑުން ފެނުނީ ހަމައެކަނި އޭނައާއި މަރްވާއެވެ. "މަންމީ..ކާކާއި ވާހަކަދައްކަނީ؟" "އެއްވެސްމީހަކާއި ނޫން ހަބިބްތީ..." މިރިއަމް އެއްވެސް މީހަކާއި އެވާހަކަ ހިއްސާނުކުރީ އޭނައަށް އެއްވެސް ވަރަކަށް ބިރުވެރިކަން އިހުސާސްނުކުރެވޭތީއެވެ. ހަމްޒާގާުތުވެސް ނުބުނެ ސިއްރުކުރިއެވެ. އެކަމަކު ހަމްޒާއަށް އެކަން ފާހަގަވިއެވެ. މިރިއަމް ހުސްތަނުގައި އެކަނިމާއެކަނި އިނދެ ބޯ ޖަހާލާފައި ލޮލުގެ ވިދުންގަދަވެ ހިނިތުންވަނީ އެހެން މީހުންނަށް ނުފެންނަ ފަރާތަކާއި ކުރާ މުއާމަލާތަކުގެ ސަބަބުންނެވެ އެއްރޭ ދަންވަރު ހަމްޒާއަށް ހޭލެވުނީ ހިމޭނުން ވާހަކަދައްކާ އަޑަށެވެ. މިރިއަމް އެނދުމަތީގައި އޭނައަށް ފުރަގަސްދީގެން އިނދެ ވައި އަޑަކުން ވާހަކަދައްކަމުން ދިޔައެވެ."އަހަރެން ބުނެފީމެއްނު...މަރްވާ ނިދައިފި.." "މިރިއަމް..."ހަމްޒާއަށް ގޮވައިލެވުނެވެ. އަދި އަތުގައި ހިފައިލެވުނެވެ. އޭނަ ސިހިގެން ދިޔިމާއެކު ތަންކޮޅެއް ބާރަށް ކިޔައިލިއެވެ." ތޮހެން ބިރުނުގަންނަވާ.." އެއާއެކު އސްފިޔަ ޖަހާލާފައި ހައިރާންކަމާއެކު މޫނަށް ނަޒަރު ހުއްޓައިލިއެވެ."އަހަރެން ހީކުރީ ބަދިގޭގައި ކަމަށް.." "ހަމަ މިތާ ހުރީ..މިހުރިހަ ވަގުތެއްގައި..." މިރިއަމް އެމޫނަށް ބަލަމުން ދިޔައީ ކަޅިޖަހާނުލައެވެ. އެއާއެކު ޝުއޫރުބަދަލުވިއެވެ. ޕެނިކެއްނުވިޔަސް މާޔޫސްވިފަދައެވެ. "އޯ...އެހެންވިއްޔާ އިމޭޖިންވީ..." ހަމްޒާ އޮޅުން ފިލުވާދޭކަށް ނޫޅުނެވެ. މިރިއަމްއަށް ނިދުނުފަހުންވެސް އޭނައޮތީ ބޯދަށަށް އަތްލައްވައިގެން ސީލިންއަށް ނަޒަރު ހުއްޓާލައިގެންނެވެ. ދޭތެރެއަކުން ފުރޮޅިލައެވެ. ލޯ މަރައިލައެވެ. ޑޮކްޓަރެއްގެ ޖުމްލަ ކަންފަތުގައި ގުގުމައިލިއެވެ."ހެލުނިސޭޝަން ތަންކޮޅެއް އަވަހަށް ފެށިދާނެ..ޚާއްސަކޮށް ހަނދާނާއި ގްރީފް އޮޅިއްޖެއްޔާ..." އޭނައަށް ބަލައިލެވުނީ މިރިއަމްގެ މޫނަށެވެ. މޫނުމަތިން ފެންނަނީ އަމާންކަމެވެ. އޭނަ ކަންބޮޑުވަނީ އެކަމައިހެދިއެވެ. ސަބަބަކީ އެފެންނަ އެއްޗެއް ނޫނީ ވާހަކަދައްކާ މީހަކުދެކެ ބިރުނުގަން އެކަމުން ހިތްހަމަޖެހުމެއް ލިބޭތީއެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ