އޭއައި އާއެކު ޔޫރަޕުގެ ބޭންކުތަކުން 200،000 ވަޒީފާ ގެއްލުމުގެ ބިރު
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މަސްނޫޢީ ވިސްނުން ބޭނުންކުރުން އިތުރުވެ، ބޭންކިން ޚިދުމަތްތައް ޑިޖިޓަލައިޒް ކުރަމުންދާތީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ޔޫރަޕުގެ ބޭންކުތަކުން 200،000 އަށްވުރެ ގިނަ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތްކަމަށް މާލީ ތަހުލީލުކުރާ ފަރާތްތަކުން ލަފާކޮށްފިއެވެ. މޯގަން ސްޓޭންލީން ނެރެފައިވާ އަންދާޒާތަކުން ދައްކާގޮތުގައި، 2030 ވަނަ އަހަރާ ހަމައަށް ދާއިރު ބޭންކިން ދާއިރާގެ ކޮންމެ 10 ވަޒީފާއަކުން އެއް ވަޒީފާ މަދުކުރުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ އެ ފަރާތުން ދިރާސާކުރި 35 ބޭންކެއްގައި މަސައްކަތްކުރާ ގާތްގަނޑަކަށް 2.12 މިލިއަން މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް 212،000 މުވައްޒަފުން ކަމަށް އެ ފަރާތުން ބުނެއެވެ. މި ބަދަލުތައް އަންނަނީ ބޭންކުތަކުން އޭއައި ބޭނުންކޮށްގެން ޚަރަދު ކުޑަކުރުމަށާއި، ގިނަ އޮޕަރޭޝަންތައް އޮންލައިންކޮށް ހިންގުމަށް އަވަސްވެގަނެފައިވާ ދަނޑިވަޅެއްގައެވެ. ތަހުލީލުތަކުން ދައްކާ ގޮތުގައި ވަޒީފާ އުނިކުރުން އެންމެ ބޮޑަށް އަމާޒުވާނީ ބޭންކުތަކުގެ "ސެންޓްރަލް ސަވިސަސް" ޑިވިޜަންތަކަށެވެ. އޭގެ ތެރޭގައި ބެކް އޮފީހާއި މިޑްލް އޮފީހުގެ މަސައްކަތްތަކުގެ އިތުރުން ރިސްކް މެނޭޖްމަންޓް އަދި ކޮމްޕްލަޔަންސް ފަދަ މަޤާމުތައް ހިމެނެއެވެ. https://sun.mv/172896 އެމެރިކާގެ ބޭންކުތަކާ އަޅާބަލާއިރު ޔޫރަޕުގެ ބޭންކުތަކުގެ ފައިދާ ކުޑަވުމުގެ ސަބަބުން، ޚަރަދު ކުޑަކޮށް ފައިދާ އިތުރުކުރުމަށް އިންވެސްޓަރުންގެ ފަރާތުން ބޭންކުތަކަށް ވަނީ ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެފައެވެ. މޯގަން ސްޓޭންލީން ފާހަގަކޮށްފައިވާ ގޮތުގައި ގިނަ ބޭންކުތަކުން އަންދާޒާ ކުރަނީ އޭއައި އާއި ޑިޖިޓަލައިޒޭޝަންގެ ސަބަބުން މަސައްކަތުގެ އިފިޝަންސީ ނުވަތަ ހިންގުމުގެ ފެންވަރު 30 އިންސައްތައަށް އިތުރުވެގެންދާނެ ކަމަށެވެ. މި ބަދަލުތަކުގެ އަސަރު މިހާރުވެސް ފެންނަން ފަށާފައިވާއިރު، ނެދަލޭންޑްސްގެ އޭބީއެން އެމްރޯ އިން ވަނީ 2028 ގެ ނިޔަލަށް އެ ބޭންކުގެ ފުލްޓައިމް މުވައްޒަފުންގެ ފަސްބައިކުޅަ އެއްބައި މަދުކުރާނެކަން އިއުލާނުކޮށްފައެވެ. ހަމައެއާއެކު ފްރާންސްގެ ސޮސައިޓީ ޖެނެރަލް އިން ވެސް ވަނީ ޚަރަދު ކުޑަކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ދީފައެވެ. މީގެ އިތުރުން ޔޫބީއެސް އިން ވަނީ އެ ބޭންކުގެ އެނަލިސްޓުންގެ ސިފައިގައި "އެވެޓާ" ބޭނުންކޮށްގެން ކްލައިންޓުންނަށް ވީޑިއޯ ފޮނުވަން ފަށާފައެވެ. އަދި އެ ބޭންކުގެ 250 އިސް ވެރިންނަށް އޭއައި އާ ގުޅޭ ތަމްރީނު ދިނުމަށް އޮކްސްފޯޑް ޔުނިވަސިޓީއަށް ވަނީ ފޮނުވާފައެވެ. އޭއައި އަށް ބަރޯސާވުން އިތުރުވަމުން ދިޔަ ނަމަވެސް، ބައެއް އިސް ބޭންކަރުން ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން ޖޭޕީ މޯގަންގެ ޔޫރަޕް، މިޑްލް އީސްޓް އަދި އެފްރިކާގެ ކޯ-ޗީފް އެގްޒެކެޓިވް ކޮނާ ހިލަރީ ވިދާޅުވީ، އޭއައިގެ ފޯރީގައި މުވައްޒަފުންގެ އަސާސީ ހުނަރުތައް ގެއްލިގެން ނުދާނެ ގޮތަކަށް އަމަލުކުރުން މުހިންމު ކަމަށެވެ. ކޭޝްފްލޯ މޮޑެލް ހެދުމާއި ޕްރައިސް-ޓު-އާނިން ރޭޝިއޯ ފަދަ އަސާސީ ކަންކަން ޖޫނިއަރު މުވައްޒަފުންނަށް ދަސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށާއި، އެހެން ނޫންނަމަ މުސްތަޤުބަލުގައި ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ