ހަނގުރާމަ ދެމިގެންދާނަމަ، ރާއްޖެއަށް ލިބޭ އިގުތިސާދީ ގެއްލުން ކޮވިޑަށް ވުރެ ބޮޑުވުން އެކަށީގެންވޭ: ޗީފް ސްޓެޓިސްޓީޝަން

އިސްރާއީލާއީ އެމެރިކާއިން ދޭ ހަމަލާތަކަށް އީރާނުން ދެމުން އަންނަ ރައްދުތަކާއެކު ފެށިފައިވާ ހަނގުރާމަ ދިގުލައިގެންދާނަމަ، ރާއްޖެއަށް އިިގުތިސާދީ ގޮތުން ލިބޭ ގެއްލުން ކޮވިޑް-19ގެ ބަލިމަޑިކަމުގެ ތެރޭގައި ލިބުނު ގެއްލުމަށް ވުރެ އިތުރުވުން އެކަށީގެންވާ ކަމަށް ރާއްޖޭގެ ސްޓެޓިސްޓިކްސް ބިއުރޯގެ ޗީފް ސްޓެޓިސްޓީޝަން އާއިޝަތު ޙަސަން މިރޭ ވިދާޅުވެއްޖެއެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭ ހަމަލާތަކާ ގުޅިގެން، އީރާނުން އަންނަނީ، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދެމުންނެވެ. އޭގެ ތެރޭގައި ޔޫއޭއީ، ކުވޭތު، ބަހްރެއިން، ސައުދީ އަރަބިއާ އަދި ގަތަރު ހިމެނެއެވެ. އޭގެ ސަބަބުން އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މަގަށް ވަނީ ހުރަސްއެޅިފައެވެ. މީގެ އިތުރުން، ދުނިޔޭގެ ހަކަތައިގެ މައި މަގު ކަމުގައިވާ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ކުރާ ދަތުރުތައް ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ މެދުކަނޑާލައިފައެވެ. ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރަނީ، އީރާނާ ކައިރީ އޮންނަ މި ކަނޑުއޮޅި ހުރަސްކޮށެވެ. މި މަގު ބަންދުވެއްޖެނަމަ، ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެއެވެ. އެ ހަނގުރާމައަށް އިޝާރާތްކުރައްވައި، އާއިޝަތު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނގުރާމަ ދެމިގެންދާނަމަ، ކޮވިޑް-19ގެ ތެރޭގައި ރާއްޖެއަށް އިގުތިސާދީ ގޮތުން ލިބުނު ގެއްލުމަށް ވުރެ ބޮޑު ގެއްލުމެއް ލިބުން އެކަށީގެންވާ ކަމަށެވެ. ރާއްޖޭގެ ކޮންމެ ސިނާއަތެއް ވެސް، ފަތުރުވެރިކަމާއި އިމްޕޯޓަށް ބަރޯސާވެފައި އޮތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މި ހަނގުރާމައިގެ ސަބަބުން، ސަޕްލައި ޗެއިންނާއި ލޮޖިސްޓިކްސްގެ އިތުރުން، ކަމާ ގުޅުންހުރި މުހިންމު އިންފްރާސްޓްރަކްޗާ ނުވަތަ ބިނާރަށް ގެއްލުންވުމުގެ ނުރައްކާ އޮތް ކަމަށެވެ. ޗީފް ސްޓެޓިސްޓީޝަންގެ އިތުރު ޕޯސްޓެއްގައި ވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލު ވަރަށް ގާތުން ބަލަން ޖެހޭކަން ފާހަގަކުރައްވައިފައެވެ. މުސްލިމުން ރޯދަމަހުގެ ދުވަސްތައް ގުނަމުންދާއިރު، މި ދުވަސްވަރަކީ އާންމުކޮށް ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލޭ ދުވަސްވަރެކެވެ. މީގެ އިތުރުން، މިދިޔަ އަހަރަކީ ރާއްޖޭގައި ފާއިތުވި 13 އަހަރުތެރޭ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނު އަހަރުކަން ވެސް ފާހަގަކުރެވެއެވެ. އެއީ، ކޮވިޑްގެ އަހަރުތަކުގައި ވެސް ނުއުފުލޭ މިންވަރަކަށެވެ. ތަކެތީގެ އަގުތައް އުފުލުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ޑޮލަރުގެ އަގު ނުހިފެހެއްޓުން ހިމެނުނުއިރު، މި އަހަރު ވެސް ރާއްޖޭން ބޭރަށް ބޮޑު ދަރަނިތައް ދައްކަން ޖެހުމުން، ޑޮލަރުގެ އަގު އުފުލުގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ