ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބެހިގެންދާ ގޮތަށް 25،000 ޓަނުގެ މަސް އެއްފަހަރާ ރައްކާކުރެވޭ މިންވަރުގެ ކެޕޭސިޓީ ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި މަސްވެރިން ބާނާ މަސް ކިރުވުމަށްފަހު އެ މަސް ރައްކާކުރުމުގެ ގާބިލުކަން މިހާރު ހުރި 8،500 ޓަނު 25،000 ޓަނަށް އިތުރުކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށައިފި އެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މަސް ރައްކާކުރެވޭނެ އިންތިޒާމުތައް ގާއިމުކުރުމަށް ކަމަށެވެ. އެގޮތުން ދެކުނާއި މެދުރާއްޖެ ތެރެއާއި އުތުރުގައި މަސް ރައްކާކުރެވޭނެ ނިޒާމުތައް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާކަން މިނިސްޓަރު ހާމަކުރެއްވި އެވެ.
މިހާރު ރާއްޖޭގައި މަސް ރައްކާކުރުމުގެ ގާބިލުކަން ހުރި ގޮތަށް އަލިއަޅުއްވައިލައްވައި މިނިސްޓަރު ފާހަގަކުރެއްވީ ޅ.ފެލިވަރުގައި 750 ޓަނު އަދި ކޫއްޑޫގައި 2،000 ޓަނު އަދި ސ.ހުޅުމީދޫގައި 1،500 ޓަނު ރައްކާކުރެވޭ ކަމަށެވެ. ދެން ބޯޓުފަހަރުގައި ހުރި ކެޕޭސިޓީއާއެކު ޖުމްލަ މުޅި ރާއްޖޭގައި މަސް ރައްކާކުރުމުގެ ކެޕޭސިޓީގެ ގޮތުގައި ހުުރީ 8،500 އެއްހައި ޓަނުގެ މަސް ރައްކާކުރުމުގެ ގާބިލުކަން ކަމަށް ޝިޔާމު ވިދާޅުވި އެވެ.
"މަސް ގަންނަ ބޯޓުފަހަރުގެ ކެޕޭސިޓީއާއެކު މިހުރީ ގާތްގަނޑަކަށް 8،500 ޓަނުގެ މަސް ރައްކާކުރުމުގެ ކެޕޭސިޓީ. ވިސްނަވާ ބޮޑު އަދަދެއް މިހިރީ އެއްގަމަކުވެސް ނޫން މި ސްޓޮރޭޖުތަކެއް. މި ސްޓޮރޭޖުތައް މިހުރީ ބޯޓުތަކުގައި. ސްޓޮރޭޖަށް އެއްވެސް ސަރުކާރަކުން އަހަންމިއްޔަތުކަމެއް ނުދޭކަން މި އަދަދުތަކުން އެނގޭ،" ވަޒީރު ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒު ހުރީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސްޓޮރޭޖު ނުވަތަ މަސް ރައްކާކުރާ ވަސީލަތްތައް ފެތުރިގެންދާނެހެން ރާއްޖޭގެ މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކަމުގައި ޝިޔާމު ވިދާޅުވި އެވެ. އެގޮތުން ދެކުނުގެ ހަތަރު ރަށެއްގައި ޖުމްލަ 8،500 ޓަނުގެ މަސް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވި އެވެ.
މި ފެސިލިޓީތަކުގެ ތެރެއިން ތިނަދޫ ފެސިލިޓީގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހާހަމައަށް ނިންމައިލުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ފިޔޯރީ ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ޝިޔާމު ވިދާޅުވި އެވެ. އަދި ކޫއްޑޫގެ ފެސިލިޓީގެ މަސައްކަތް ކޮންޓްރެކްޓުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވިދާޅުވި އެވެ.
ދެކުނުގައި ގާއިމުކުރާ ފެސިލިޓީތަކުގެ އިތުރަށް މެދުރާއްޖެ ތެރޭގައި ޖުމްލަ 2،000 ޓަނުގެ މަސް ރައްކާކުރެވޭނެ ފެސިލިޓީ ތަރައްގީކުރުމަށް ސަރުކާރުންވަނީ ނިންމާފަ އެވެ. އެއީ ފ.ނިލަންދޫގައި ގާއިމުކުރާ 1،500 ޓަނުގެ ފެސިލިޓީއަކާއި މ.މުލަކުގައި ގާއިމުކުރާ 500 ޓަނުގެ ފެސިލިޓީއެކެވެ.
މ.މުލަކުގެ ސްޓޮރޭޖުގެ މަސައްކަތް ކުރަނީ ސައުދީ ފަންޑުގެ އެހީތެރިކަމާއެކު ކަމަށާއި، އެ މަސައްކަތް ސައުދީ އަރަބިއްޔާ ކުންފުންޏަކާ 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާކަން ޝިޔާމު އިއުލާނު ކުރެއްވި އެވެ.
އުތުރުގައި މިހާރު އޮންނަނީ މަސް ކިރުވޭނެ ތަނެއްގެ ގޮތުގައި ފެލިވަރެވެ. ފެލިވަރު އޮންނަނީ އުތުރުގެ އެންމެ ދުރު އަތޮޅުތަކާ ވަރަށް ދުރުގައި ކަމުން އެންމެ އުތުރުގެ އަތޮޅުތަކުން ފެލިވަރަށް ދަތުރުކުރަން ބޮޑު ހަރަދެއް މަސްވެރިން ކުރަންޖެހެ އެވެ. އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެންމެ އުތުރުގައި މަސް ކިރުވައި ރައްކާކުރެވޭނެ ފެސިލިޓީއެއް ގާއިމުކުރަން ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އައިއެސްޓީބީން މިފްކޯއަށް ހަމަޖެހުނު ފަންޑުގެ ތެރެއިން ކުރިއަށްގެންދާ މި މަޝްރޫއަކީ ހއ.އިހަވަންދޫގައި 1،000 ޓަނުގެ މަސް ރައްކާކުރެވޭނެ ކެޕޭސިޓީ ގާއިމުކުރުމަށް ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އިތުރަށް މިފްކޯގެ އެންމެ ދުވަސްވީ ފެސިލިޓީކަމަށްވާ ފެލިވަރުގެ ކެޕޭސިޓީއަށް 4،000 ޓަނު އިތުރުކުރުމަށް މަޝްރޫއެއް ހިންގުމަށް ނިންމާފައިވެ އެވެ.
ފެލިވަރުގެ ސްޓޮރޭޖު ކެޕޭސިޓީ މިހާރު ހުރީ 800 ޓަނަށްވުރެ ދަށުގައިކަން ފާހަގަކުރައްވަމުން ޝިޔާމު ވިދާޅުވީ ސްޓޮރޭޖު ކެޕޭސިޓިގެ އިތުރަށް ފެލިވަރުގެ ދަޅު ބަންދުކުރުމުގެ ގާބިލުކަން 100 މެޓްރިކްޓަނަށް އިތުރުވެގެންދާނެ ކަމަށެވެ.
ޝިޔާމު ވިދާޅުވެފައިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިންމައިލާނީ 25،000 ޓަނުގެ ކޯލްޑް ސްޓޮރޭޖު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބެހިގެންދާ ގޮތަށް ގާއިމުވެގެން ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ކޯލްޑް ސްޓޮރޭޖު ކެޕޭސިޓީ | 25،000 ޓަނަށް އިތުރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ