އަޒާނަށް: ވެއްޓޭތަން ފެނި މޭކަރަނީތަ!

އަޒާނެވެ. ހެދުނު ދޮގު އަދިވެސް މަދީހެއްޔެވެ. ތިޔަވަރަށް ތިޔަ ދޮގުހަދަނީ ކާކު ކޮން އެއްޗެއް ގަބޫލު ކުރާނެ ކަމަށް ހެއްޔެވެ. އަޒާނުމެން ދައްކާ ވާހަކަ ގަބޫލުކުރާ މީހަކު ނެތެވެ. 
އެމްޑީޕީގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި ދެ ހަފްތާގެ ކާޑް ގަންނާނެހާ ފައިސާ ނެތްނަމަ މުއިއްޒު ވެރިކަމުގެ ފުރަތަމަ މަހު ރާއްޖެއަށް ކާޑުގަތީ އަޒާނުމެން ޗާލީ ތުއްތު ބުނާ ކަހަލަ އެއްޗެހި ބާލައިގެން ހެއްޔެވެ. ނޫނީ މަތިން ދޮލަނގު ބާވާލެއްވީ ހެއްޔެވެ. 
ކަޅުދިގު ހޮޅިވެރިކަމުގައި ދޮގު ވިއްކޭނީ ވަކިވަރަކަށެވެ. ކިތަންމެ ބޮޑު ތެދެއް އަޒާނު ހެއްޖަސް ގަބޫލުކުރާނެ މީހަކު ދާދި މަދެވެ. މޮޔައެއްގެ އަތަށް ކަނޑިއެއް ލިބިގެން ހޫރާ ނެގުމަކުން ކައިރިއަށް ގޮސް އަމިއްލައަށް ކަތިވާކަށް މީހަކު ނޫޅެއެވެ. 
ރައްޔިތުން ނިކުމެ މޮޔަމީހާ އަތުން ކަނޑި އަތުލާ މަންޒަރު ދެކޭކަށް އަޒާނަކަށް ފަސޭހައެއް ނުވާނެއެވެ. ތުރުތުރު އަޅާނެއެވެ. މޮޔަ ގޮވޭނެއެވެ. ބަޔަކު ހައްލައިލެވޭތޯ މަތިމައްޗަށް ދޮގު ހެދޭނެއެވެ.
އަމިއްލަ ކަރަށް ދަންމަޅި އަމިއްލައަށް މަހާލައިގެން އެއީ އެންމެ މޮޅުގޮތް ކަމަށް ދެކިގެން ހުންނަ މަރުމޯލަކަށް ވަކިވާނީ ކޮން ތަންދޮރެއް ހެއްޔެވެ. ތިޔަށްވުރެ ވަކީން ބޮޑަށް ރައްޔިތުންގެ އިތުބާރު ގެއްލުނު ބަޔަކު މި ގައުމުގައި ވެރިކަމެއް ނުކުރެއެވެ. 
ފިރުއައުނަށް ސަނާކިޔާ އެއްކައުވަންތަ ކުރުރުވަންވެސް ތިޔަފާޑުގެ ބައިގަނޑެއް އުޅުނެވެ. ހިޓްލަރާއި ޕީނަޗޭއާއި މުގާބޭ ގާތުގައިވެސް ތިޔަހެން ބަޔަކު ތިއްބެވެ. ގޮޓަބަޔާ އާއި ހަސީނާ ވެސް ތިޔަ ފާޑަށް ފުއްޕިއެވެ.
ރައްޔިތުންގެ ބާރަކީ ތިޔަކިޔާ ކުރީސަރުކާރު ލަވައަކުން ކަނޑުވާލެވޭނެ އެއްޗެއް ނޫނެވެ. ރައްޔިތުންގެ ފަޅިއަކީ ގައުމުގެ ބޮޑު އާބާދީގެ ފަޅިއެވެ. މަހު އެއްޗެތިކޮޅު ލިބޭ ގުނބޯލުންގެ ފަޅިއެއް ނޫނެވެ. 
ދެހަފްތާ ކާޑޭ ކުރީ ސަރުކާރޭ ދަރަންޏޭ އަލަމްގިރިއޭ ރޯޔަލް ރޭޕޭ ނޮވެމްބަރ ތިނެކޭ ކިޔައިގެން ޗިޕްޖަހައިގެން ޖައްބާރުކަން ދެމެހެއްޓިދާނެ ކަމަށް ހީނުކުރާށެވެ. މޮޅު ވާހަކަ ދައްކައިގެން ވައިނޮޅީގައި ދަތް އަޅައިގެން ތިބެވޭނެ ކަމަށް ހީނުކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ