މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހުޅުވަން ނިންމި ކާނިވާ މިރޭ 8:00 ގައި ހުޅުވާނެ ކަމަށް އެޗްޑީސީ އިން ބުނެފިއެވެ.
އެޗްޑީސީން ބުނީ، ކާނިވާގެ ތައްޔާރީތަކަށް މިއަދު ހަވީރު 4:00 އިން ފެށިގެން ސެންތްރަލް ޕާކް ސަރަހައްދު ބަންދު ވާނެ ކަމަށެވެ.
މިފަހުން ރާއްޖޭގައި ބާއްވާ އެންމެ ކުލަ ގަދަ ކާނިވާ ކަމުގައިވާ މިނިވަން އުފާ ކާނިވަލް 2023 އަކީ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އާބަންކޯ އާއި ހޯމް މިނިސްޓްރީ ގުޅިގެން ހުޅުވާ ކާނިވަލެކެވެ.
މި ކާނިވަލުގައި އާންމުނަށް ބައިވެރި ވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އޭގެތެރޭގައި ކާނިވަލް ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓްތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާއި އެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން ހިމެނެއެވެ. އަދި ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒާ ޓެގް ގެ ހަރަކާތްތައް ވެސް ހިމެނެއެވެ.
މިނިވަން އުފާ ކާނިވަލްގެ ހަރަކާތްތައް އިންތިޒާމް ކޮށްފައި ވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރި ވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެންނެވެ. އަދި މުޅި ޕާކު ކާނިވަލެއް ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކޮށްފައިވާ އިރު، ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށްލުމަށް ހާއްސަ ޒޯންއެއް ވެސް ޕާކުގައި ހުންނާނެއެވެ.
މި ޕާކަށް ވަނުން މުޅިން ހިލޭ ކަމަށާއި ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ހާއްސަ ގުރުއަތެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ކިއުއާރް ކޯޑެއް މެދުވެރިކޮށް ރަޖިސްޓާ ކޮށްލުމުން މި ގުރުއަތުގައި ބަައިވެރިވެގެން، އުރީދޫގެ ހެޔޮ އެދުންތަކާ އެކު އިންޑޮނީސިއާގެ ބާލީއަށް 7 ދުވަހުގެ، އެކޮމޮޑޭޝަން އަދި ޓްރާންސްޕޯޓާ އެކު ދިއުމުގެ ފުރުސަތު ލިބޭނެއެވެ.
މި ޕާކް ކުރިން ހުޅުވަން ހަމަޖެހިފައި ވަނީ ރޭގައެވެ. ނަމަވެސް މި މަހުގެ 27 ވަނަ ދުވަހުގެ ރޭގެ ވަގުތަކުން ފެށިގެން މާލެ ސަރަހައްދުގައި ބޭރަށް ހިންގާ ރޯގާއެއް ފެތުރެމުން ދިއުމުން ކާނިވާ ހުޅުވުން ވަނީ ފަސްކޮށްފައެވެ.
މި ރޯގާ އާ ގުޅިގެން އެޗްޕީއޭއިން ބުނީ، މިއީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށާއި މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަށެވެ. ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިނިވަން އުފާ ކާނިވާ މިރޭ ހުޅުވަނީ، ސެންޓްރަލް ޕާކް ހަވީރު ބަންދުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ