"100 އަށް ވުރެ ގިނަ އިންޖީނުގެ އަލަށް އިމާރާތްކޮށްފިން"

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި 100 އަށްވުރެ ގިނަ އިންޖީނުގެ އަލަށް އިމާރާތް ކުރެވިއްޖެ ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހިދުމަތް ދޭން ފެށިތާ 73 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ 2018 ވަނަ އަހަރު މި ސަރުކާރު ވެރިކަމަށް އައި އިރު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއް އޮތީ ކަރަންޓުގެ ހިދުމަތާ ގުޅޭގޮތުން ކަމަށެވެ.
"ފެނަކަ އާއި ސްޓެލްކޯގެ މަސައްކަތުން 100 އަށް ވުރެ ގިނަ އިންޖީނުގެ މިހާެރު އަލަށް އިމާރާތްކުރެވިއްޖެ. 300 އަށް ވުރެ ގިނަ ޖަނަރޭޓަރު ސެޓް ރަށްރަށަށް ފޮނުވިއްޖެ" ނައިބް ރައީސް ވިދާޅުވި އެވެ.
ދުނިޔޭގެ އިގުތިސާދަށް އަންނަ ލޮޅުންތަކާއެކު ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަރަންޓުގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް ކޮވިޑް-19ގެ ހާލަތުންނާއި މިހާރު ހިނގަމުންދާ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހާމަވާ ކަމަށް ވިދާޅުވި އެވެ.
ނައިބް ރައީސް ފައިސަލް ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް ތެލަށް ބަރޯސާވުން މިހާރަށް ވުރެވެސް ކުޑަކުރަންޖެހޭ ކަމަށެވެ.
މިގޮތުން ތެލުގެ އަގު އުފުލުމާއެކު ކުރިމަތިވަމުން އަންނަ ދަތިތަކާއެކުވެސް ސްޓެލްކޯއިން ކުރާ މަސައްކަތްތަކާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުގެ ފައިދާއަށް ކޮށްފައިވާ މުހިއްމު ގިނަ މަސައްކަތްތައްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދޭން ފެށީ ޑިސެމްބަރު 20، 1949 ގައެވެ. އެކި ނަންނަމުގައި މާލޭގެ ކަރަންޓުގެ ހިދުމަތް ދެވި އެ ހިދުމަތް ތަރައްގީ ކުރެވެމުން އައިސް މިހާރުގެ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އުފެއްދީ 1997 ވަނަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ