ޝަހީދު ހުސައިން އާދަމްގެ ބައްޕަ ފޮޓޯއެއް ބޭނުންކޮށްގެން މަކަރާ ހީލަތުން ފައިސާ ހޯދާ މީހެއް

ކުޅުދުއްފުށީ މާވާގެ ޝަހީދު ހުސައިން އާދަމްގެ ބައްޕަ ފޮޓޯއެއް ބޭނުންކޮށްގެން ފޭސްބުކް ޕޯސްޓެއް ޖަހައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާހޯދަން ވަގު އައިޑީއަކުން އެބަ މަސައްކަތް ކުރެއެވެ.
އައިމިނަތު ނަޝްކޮ( ނަޝްކޮ ކުއީން) ނަމުގައި ހަދާފައިވާ މި އައިޑީން ޖަހާފައިވާ ޕޯސްޓުގައި ބުނެފައިވަނީ "އަޅުގަނޑުގެ ބައްޕަ ވަނީ ވަރަށް ސީރިއަސް ހާލަތަކަށްގޮސަ. ހިތުގެ ލޭކޮޅެއް ގަނޑުވެފަ 1 ކިޑްނީ ފެއިލްވެފަ އިނުމުން މިހާރު އޮތީ އައިސީޔޫގަ. އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް އޮޕަރޭޝަންއަށް ކޮންމެ ކުއްޖަކުވެސް ވެވުނު ވަރަކުން ހެލްޕްވެދިނިއްޔާ، ﷲއަށް ޓަކާ އެހީއެއް ވެވެންއޮތް ފަރާތަކުން އަޅުގަނޑަށް މެސެޖްކޮށްލާ" އޭނާގެ ޕޯސްޓުގައި ވެއެވެ.
މީގެ އިތުރުން އެމީހާ ބުނެފައިވަނީ މާލީ ހާލަތުދަށްކަމުން އޮޕަރޭޝަންއަށް ނުދެވިފައިވާކަމަށާއި ލޯބިވާ ހުރިހާ ރައްޓެހިން ބައްޕައަށް އެހީތެރިވެދެއްވުމަށް އެދި އާދޭސްދަންނަވާ ކަމަށެވެ.
ނަމަވެސް އާދަމްގެ ކާފަ ދަރިފުޅެއްވެސް މިކަން ދޮގުކޮށް އެކަން ވަނީ ކޭއޯއަށް ކަށަވަރުކޮށްދީފަ އެވެ.
މި އައިޑީއާ ވާހަކަ ދައްކާ އެކަން އޮޅުންފިލުވަން މަސައްކަތް ކުރި މީހަކު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ އެ އައިޑީން ބުނި ގޮތުގައި އެ މީހާއަކީ ނޭކުރެންދޫ މީހެއް ކަމަށާއި ނަމަވެސް ބައްޕަ އެޑްމިޓްކޮށްފަ އޮތީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކަމަށެވެ. ބައްޕަ އޮތް ވޯޑެއް އެހުމުން އެ މީހާ ބުލޮކް ކޮށްލީ ކަމަށެވެ.
އެކި ގޮތް ގޮތުން މީހުން އަތުން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އަންނަނީ ވަރަށް ގިނަ ވަމުންނެވެ. ހާއްސަކޮށް އެކި ބަލިތައް ތަހައްމަލުކުރަމުން އަންނަ މީހުން އެހީތެރިކަމަށް އެދިޖަހާފައިވާ ޕޯސްޓްތަކުގެ އެކައުންޓް ނަންބަރު އެޑިޓްކޮށް އެ ޕޯޓްތައް ބޭނުން ކޮށްގެންވެސް މަކަރާ ހީލަތުން ފައިސާ ހޯދުން މިހާރުވަނީ ވަރަށް ގިނަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ