ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ވިހިވަނަ އިންތިހާބަށް ކެމްޕެއިންކުރުމުގެ ތެރޭގައި ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއްކެވެ. 
ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި އަލިފާން ރޯކޮށްލާފައިވަނީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބޭ ގޮތުގައި ރޯކޮށްލި ކެމްޕެއިން އޮފީހަކީ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރި ކެނޑިޑޭޓް ފަރުހަތު މުހައްމަދުގެ ކެމްޕެއިން އޮފީހެކެވެ. އެ ދާއިރާއިން ގޮނޑި ކާމިޔާބު ކުރައްވާފައިވަނީވެސް ފަރުހަތެވެ. 
ކެންޕެއިން އޮފީހުގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރު ކުރީ މިއަދު މެންދުރުފަހެވެ. 
ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި މައްސަލަ މިހާރު ތަހުގީގުކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ