ގޮނޑިކޮއްކޮ ޝަރީއަތްތަކުން ޝަރުއީ ނިޒާމް ކިލަނބުވެއްޖެ: އިދިކޮޅު އިއްތިހާދު

ގޮނޑިކޮއްކޮ ޝަރީއަތްތައް ގިނަވުމުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ނިޒާމް ކިލަނބުވެފައިވާ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން މިއަދު ބުނެފި އެވެ.
އިދިކޮޅު ސިޔާސީ ފަރާތްތަކުން ރާއްޖޭން ބޭރުގައި އުފައްދާފައިވާ އެ ކޯލިޝަނުން ބަޔާން ނެރުނީ، މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ފިނިފެންމާ ލޯންޗުކޮޅުގައި ބޮންގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 15 އަހަރަށް ޖަލަށް ލާން ހުކުމް ކުރުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދީބުގެ އިތުރުން އަދީބުގެ ދެ ބޮޑީގާޑުން ކަމަށްވާ ސްޓާފް ސާޖަންޓް ހަސަން ރިކާޒާއި ކޯޕްރަލް އަހުމަދު އާމިރަށް ވެސް ވަނީ ޓެރަރިޒަމްގެ ކުށުގައި 10 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.
ރައީސް ޔާމީން ހައްޔަރުކުރުމަށް ފޭކް ކޯޓު އަމުރެއް ހެދި މައްސަލާގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން 17 އަހަރަށް ޖަލަށް ލުމަށް ވެސް ރޭ ވަނީ ހުކުމް ކޮށްފަ އެވެ.
އިދިކޮޅު އިއްތިހާދުގެ ބަޔާނުގައި ބުނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދަ އަދުލުވެރި ޝަރީއަތުން މަހުރޫމްކޮށް، ހަތަރު ބޭފުޅުންނަށް ރޭ ހުކުމްކުރީ އިންސާފުވެރި ޝަރުއީ ނިޒާމުގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން ދިޔަ ބެންޗު ވަކިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ދަށަަށް މައްސަލަތައް ގެންދިއުމަކީ ސީދާ ރައީސްގެ އެންގެވުމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
"މިއީ މުޅި ދުސްތޫރީ ނިޒާމް ގަޑުބަޑުކުރަން ރައީސް ޔާމީން ރާއްވަވައިގެން ހިންގަވާ ބޮޑު ޖަރީމާއެކެވެ،" މި ސަރުކާރުގެ ފުރަަތަމަ ނައބު ރައީސް، ޑރ. މުހައްމަދު ޖަމީލް އިސްވެ ހުންނަވާ އިއްތިހާދުގެ ބަޔާނުގައި ވެ އެވެ.
ޝަރީއަތުގައި ދިފާއުވާން ހެކި ހުށަހަޅަން ފުރުސަތު ނުދިނުމާއި ވަކީލުންނަށް އެކަށީގެންވާ ވަގުތު ނުދިނުމާއި ޝަރީއަތަށް ހުށަހެޅި ތަހުލީލް ރިޕޯޓުތަކުގައި ކަންބޮޑުވާ ކަންތައްތަކެއް ހުއްޓަސް އެއްވެސް ކަމަކަށް ބެލުމެއްނެތި އަވަހަށް ހުކުމް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިއްތިހާދުން ބުންޏެވެ. އަދި އެއީ އިސްލާމީ ޝަރީއަތާއި ގާނޫނީ ހަމަތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ.
މިިދިޔަ އަހަރުގެ މެއި މަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއާ ގުޅިގެން އެތައް ބަޔަކަށް މިހާރު ވެސް ހުކުމް ކުރުމެއްނެތި ބަންދުގައި ތިބޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި 1700 އަށް ވުރެ ގިނަ މީހުންނަށް މިހާރު ވެސް ނުހައްގު ދައުވާތަކާއި ތަހުގީގުތައް ކުރެވެމުން ދާ ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.
"އިންސާނީ ހައްގުތަކަށް ތަކުރާރުކޮށް އަރައިގަނެ، ޝަރުއީ ނިޒާމް ސިޔާސީކޮށް ޚުދުމުޚުތާރު ވެރިކަން އަށަގަންނަމުން އައުމަކީ މިފަދަ ކަންކަން ތަކުރާރުވަމުން އަންނަކަމީ ނުހަނު ކަންބޮޑުވާ ކަމެކެވެ،" ބަޔާނުގައި ބުންޏެވެ.
އިދިކޮޅު އިއްތިހާދުން ބުނީ އެގޮތަށް ކަންތައްތައް ދިއުމުގެ ސަބަބުން ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ޝަރުއީ ނިޒާމަށް ކުރާ އިތުބާރު ވަރަށް ދަށް ވެފައިވާ ކަމަށެވެ. އަދި ދިވެހީންނަށް ހައްގު ތަރައްގީ އަށް ހުރަސްއެޅިފައިވާ ކަމަށް ވެސް ބުންޏެވެ.
އިދިކޮޅު އިއްތިހާދުގައި ރަސްމީކޮށް ހިމެނޭ ދެ ޕާޓީ އަކީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އެވެ. އެ އިއްތިހާދުން އަމާޒު ހިފާފައި ވަނީ ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުކޮށް ރާއްޖޭގައި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ