އުދިނޭޒީ އަތުން ބަލިވެ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ޔުވެންޓަސް އިން ނަގާލައިފި

އިޓާލިއަން ސެރިއޭގައި ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން އުދިނޭޒީ އަތުން ބަލިވެ ލީގު ތާވަލްގެ އެއްވަނައިގައި އޮތް އިންޓަ މިލާނާއި ދެމެދުގައިވާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ޔުވެންޓަސް އިން ނަގާލައިފި އެވެ.
މިދެޓީމު އުދިނޭޒީގެ ދަނޑުގައި ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ޔުވެންޓަސް އިން ކާމިޔާބުކޮށްފައިވާއިރު، މިއީ ލީގުގައި ޔުވެންޓަސް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޔުވެންޓަސް އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް މިހާފުގައި އުދިނޭޒީ އިން ޔުވެންޓަސްގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.
Advertisement
މިލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ޑިފެންޑަރު ލައުޓާރޯ ޖިއަނެއްޓީ އެވެ. މިއީ ޔުވެންޓަސްގެ ކީޕަރު އަތުގައި ޖެހިފައި ނުކުތް ބޯޅައެއް މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އުދިނޭޒީގެ ލަނޑަށްފަހު ޔުވެންޓަސް އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރި އިރު މިހާފުގައި އެޓީމުގެ ޕޮލެންޑް ފޯވާޑް މިލިކް އަށް ވަނީ ވަރަށް ހުސް ދެ ފުރުސަތެއް ލިބި ބޭނުން ކުރެވޭގޮތް ނުވެފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އުދިނޭޒީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އުދިނޭޒީ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 24 މެޗުން އުދިނޭޒީ އަށް 22 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 15 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ޔުވެންޓަސް އަށް 24 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ