ދިވެހި ފަންނާނުންގެ ހުނަރު ދައްކާލި "ތަރިންގެރޭ ޝޯވ" އަށް ބޮޑު ތަރުޚީބެއް

ދިވެހި ގިނަ ފަންނާނުންގެ ހުނަރު ދައްކާލުމަށް ބޭއްވި "ތަރިންގެ ރޭ ޝޯވ" އަށް ބޮޑު ތަރުޚީބެއް ލިބިއްޖެއެވެ.
ރޭ އޮލިމްޕަހުގައި ބޭއްވި މި ޝޯވ ޝަރަފްވެރިކޮށްދެއްވީ ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރެވެ. އަދި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޔާމީން ރަޝީދުވެސް ވަނީ މި ޝޯވ ބައްލަވާލެއްވުމަށް ވަޑައިގެންފައެވެ.
ތަރިންގެ ރޭ މި ޝޯވއަކީ މިދިޔަ ބޮޑުޢީދުގައި ދިވެހި ފިލްމީ ފަންނާނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިން ޝޯވތައް މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ބަލާލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބޭއްވި ޝޯވއެކެވެ.
މި ޝޯވގައި ދިވެހި ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ 25 ފަންނާނަކު ވަނީ ބައިވެރިވެފައެވެ. 3 ގަޑިއިރަށް ދެމިގެންދިޔަ މި ޝޯވގައި 40 އަށްވުރެ ގިނަ އައިޓަމް ވަނީ ހުށަހަޅާދީފައެވެ.
މި ޝޯވ އިންތިޒާމްކުރި ފަރާތުން ބުނީ މި ޝޯވއަށް އާންމުންގެ ފަރާތުން ލިބިގެންދިޔައީ ވަރަށް ބޮޑު ތަރުޚީބެއްކަމަށެވެ.
އެގޮތުން ޝޯވ ބާއްވާފައިވަނީ ހައުސްފުލްކޮށެވެ. މި ޝޯވއަކީ މިހާތަނަށް އޮލިމްޕަހުގައި ބޭއްވި އެހެން ޝޯވތަކާއި ތަފާތު ކާމިޔާބު ޝޯވއެއްކަމަށް އިންތިޒާމްކުރި ފަރާތުން ވަނީ ބުނެފައެވެ.
އެއީ ޝޯވގައި ފަންނާނުން ހުށައަޅައިދިން އައިޓަމްތަކާއި ހެދުންއެޅުމާއި އަދި އެނޫންކަންކަންވެސް ތަފާތުވުމުގެ ސަބަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ