#ރިޕޯޓު: 120 ރުފިޔާގެ ކާޑު ހޯދަން ދިވެހި ރައްޔިތުން ރަތްދަކަ އަވީގައި, ކިއު ހަދައިގެން ތިބެން ޖެއްސި ރައީސަކު މިނޫނީ ދިވެހި ތާރީޚު ދެކެފައެއް ނެތް!

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި މުއިއްޒު ވެވަޑައިގެންނެވި އެއް ވައުދަކީ ކޮންމެ ރޯދަމަހަކަށް އަމާޒުކޮށް ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ހަނޑުލާއި ފުށް “ރޯދަ ހަދިޔާ”އެއްގެ ގޮތުގައި ދެއްވާނެކަމަށް ވިދާޅުވެ ވީ ވައުދެވެ.
އެއަށްފަހު, ސަރުކާރުގެ ސިޔާސީ މަގާމްތަކުގަ ތިބި ބައެއް މުވައްޒަފުން ގެންދަނީ, ގޭގެއަށް ހިލޭ ސާބަހަަށް ކާޑުގެ ބާވަތްތައް ބެހުމަށް ސަރުކާރުން ނިންމާފައިވަނީ ރައީސުލްޖުމުހޫރިއްޔާގެ ހެޔޮފުޅުކަމުން ކަމަށް ބުނެ ރައީސް މުއިއްޒު ޕްރޮމޯޓު ކުރުމަށް މަރުފަލި ޖައްސަވަމުންނެވެ.
އަދި މިއަދު ސަރުކާރުން ވަނީ މާލެއާއި ރާއްޖެތެރޭގެ ބައެއް ރަށްރަށުގައިވެސް ހިލޭ ފޯރުކޮށްދޭ ކާޑު ބަހަން ފަށާފައެވެ.
އެހެންނަމަވެސް ކުރިޔަށް ރޯދަމަސް އޮއްވާ, 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށަކީ އާދައިގެ އާއިލާއެއްގެ ކިތައްދުވަހުގެ ކެއުންތޯ ސަރުކާރަށް ވަޒަން ކުރެވުނިތޯ މިއަދު ހަގީގަތުގައިވެސް ކޮށްލާންޖެހޭ ސުވާލުކޮށްްލެކެވެ.
10 ކިލޯގެ ހަނޑުލުގެ އަގަކީ 60 ރުފިޔާއެވެ. 50 ކިލޯގެ ފުށުގެ އަގަކީ 50 ރުފިޔާއެވެ. އެހެންކަމުން “ރޯދަ ހަދިޔާ”ގެ ނަމުގައި ރައީސް މުއިއްޒު ކޮންމެ ގޭބިސީއަކަށް ހިލޭ މިފޯރުކޮށްދެއްވަނީ ޖުމްލަ 120 ރުފިޔާގެ ކާޑެވެ. އެގޮތުން 120 ރުފިޔާގެ ކާޑު ހޯދުމަށް އާންމު ރައްޔިތުން މިއަދުވަނީ ކާޑު ބަހާ ބައެއް ލޮކޭޝަންތަކުގައި މެންދުރުދަޅާގެ ރަތްދަކަ އަވީގައި ކާޑޫ ހޯދުމަށް އެތައް އިރަކު ކިއުގައި ތިބެން ޖެހިފައެވެ.
އެއާއެކުވެ, އެއްވެސް އިންތިޒާމެއް ނެތި, ގޭގެއަށް ކާޑު ބެހުމަކީ ރައީސްގެ ހެޔޮފުޅުކަމުން ކޮށްދޭ ކަމެެއް ކަމަށް ބުނެ, އެކަން ރައީސް މުއިއްޒުގެ ޕްރޮމޯޝަނަކަށް ސަރުކާރުން ހަދާފައިވާއިރު, ޚުދު މުއިއްޒުގެ ދެމަފިރި ކަނބަލުންނަށްވެސް 10 ކިލޯ ފުށާއި 10 ކިލޯ ހަނޑޫ ލިބޭ ގޮތަށް ކާޑު ބަހާއިރު, އަސާސީ މި މުހިންމު ވަސީލަތް ފޯރުކޮށް ދިނުމުގައި އެންމެ އާދައިގެން ނިކަމެތި ރައްޔިތު މީހާގެ ހައްގުތަކާއި, މިއަދު މުއްސަދި މަހުޖަނުންގެ ގޮތުގައި ތިއްބެވި, ރައީސް މުއިއްޒުގެ ދެމަފިރި ކަނބަލުންގެ ހައްގުތައް އެއްހަމަޔަކުން މިނާނީ ކޮން އުސޫލަކުންތޯ މިއީ ހަގީގަތުގައިވެސް އުފެދިގެންދާ, އޭގެ ޖަވާބު ބޭނުންވާ ސުވާލެއްވެސް މެއެވެ.
އަދި އެންމެ 120 ރުފިޔާގެ ކާޑު ގަތުމަށް ރައްޔިތުން ދުވާލުގެ ރަތްދަކަ އަވީގައި ތިބެން ޖެހި, ސަލާމް ޖަހައިގެން, ރައީސުލްޖުމުހޫރިއްޔާ ދެއްވުމުން މެނުވީ ކާޑުކޮޅު ނުލިބޭނެކަމަށް ރައްޔިތުންގެ ސިކުޑިތަކަށް ވެއްދުމަށް ރައިސް ގެންދަވަނީ ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއްވެސް ބައްޓަން ކުރައްވަމުންނެވެ.
މިއީ ކޮމިއުންނިސްޓް ޗައިނާއާއި އެއަށްވުރެވެސް ޚުދުމުޚްތާރު ވެރިކަމެއް އޮތް އުތުރު ކޮރެއާގެ އޮތް ބާވަތުގެ ރައްޔިތުން އަޅުވެތިކުރާ ސަރުކާރެއް މިރާއްޖޭގައި ގާއިމްކުރުމުގެ ކެހިވެރި ސިއްރު އެޖެންޑާއެއްގެ ދަށުން މުއިއްޒު ތަންފީޒު ކުރަމުންދާ ސިޔާސަތެކެވެ.
ހަމައެއާއެކު ފާހަގަ ކޮށްލާންޖެހޭ އަނެއް ނުކުތާއަކީ, ހިލޭ ކާޑު ބެހުމަށް މުއިއްޒު ނިންމެވި ދަނޑިވަޅާއި މޫސުމެވެ. އެގޮތުން ކުރިޔަށް އޮތީ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބެވެ. އެއިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ކުންފުނިތަކުން ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާދީ, ރިޝްވަތާއި ކޮރަޕްޝަން އާންމުކޮށް, ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދު ނުކުރާ ފަރާތްތައް ވަޒީފާއިން ވަކިކުރަމުންދާއިރު, އާދައިގެ ނިކަމެތި ރައްޔިތުމީހާ ބަނޑުފުރާނަ މުއްތި ކުރުމަށް ބޭނުންވާ ކާޑުގެ ވަސީލަތްވެސް ރައީސް މުއިއްޒު މިވަނީ ސިޔާސީ ހަތިޔާރަކަށް ހައްދަވާފައެވެ.
އެގޮތުން, ގޭގެއަށް އެއްމެ ހަފްތާއަކަށް ވާވަރުގެ, 120 ރުފިޔާގެ ހަނޑުލާއި ފުށް ހިލޭ ފޯރުކޮށް ދެވުމުން, ރައްޔިތުންގެ ހިތްތައް ގަނެލެވި, މުއިއްޒު ތާއީދުކުރާ ކަނޑިޑޭޓުންނަށް ރައްޔިތުން އުފަލުން ވޯޓު ދޭނެކަމަށް ހީވެ, ވެރިކަމުގެ ދަހިވެތިކަމުގައި މުއިއްޒު އެހިސާބު އެބީދައިން ޖެއްސެވީކަމަށް ވެދާނެއެވެ.
އެހެންނަމަވެސް އެއް ހަފްތާގެ ހަނޑުލާއި ފުށް ހުސްވުމުން, އަނެއްކާވެސް އާދައިގެ ރައްޔިތުމީހާ އޭނާގެ ފަގީރު ދިރިއުޅުމަށް ރުޖޫއަވާން ވީއެވެ. އަނގަޔާއި އަތާއި ދިމާނުވެ, ގޭ ކުއްޔާއި, ކަރަންޓު ބިލާއި ފެންބިލް ނުދެއްކިގެން ނިކަމެތި ރައްޔިތު މީހާ ބޯގާނަން ފަށަންވީއެވެ. ރައީސް މުއިއްޒުގެ ދެމަފިރިކަނބަލުން ތިއްބަވާނީ މުލިއާގޭގައި ކަރޯކޭ ކުޅުއްވާށެވެ.
މުއިއްޒުގެ ހަގީގީ ސިޔާސަތަކީ މިއީއެވެ. އާދައިގެ ނިކަމެތި ރައްޔިތުމީހާގެ ހާލަތު ރަގަޅުކުރުމަށް އެއްވެސް ސިޔާސަތެއް, ޚިޔާލާތެއް ނެތެވެ. އެހާލަތު ބަދަލުކުރަން އަމުދުން ބޭނުންވެސް ނުވަނީއެވެ. ބޭނުންވަނީ, އަބަދުވެސް ”ރައީސްގެ ހެޔޮފުޅުކަމުން“ ދިރިއުޅޭ ރައްޔިތަކު ގައުމުގައި އޮތުމެވެ. ރައްޔިތުންނަށް ހިންދެމި ނުލެވޭނެގޮތަށް ސިޔާސަތުތައް ބައްޓަން ކޮށްފައި ބޭއްވުމެވެ.
އެހާލަތުގައި, ނޭފަތުކުރި ފެނުޖެހިފައި ތިބޭ ރައްޔިތުންތަކެއް ގައުމުގައި ތިބުމުން, ކޮންމެ އިންތިޚާބަކާއި ދިމާކޮށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ގޭބިސީތަކަށް ފޯރުކޮށް ދިނީމަށް ވޯޓު ލިބޭނެކަމަށްވެސް މުއިއްޒުއަށް ހީވީއެވެ. ކުޑަ ކާޑުކޮޅަކުން ރިޝްވަތު ދީގެން ރައްޔިތުންގެ އިއްޒަތުއްނަފްސު ގަނެލެވިދާނެކަމަށް މުއިއްޒުއަށް ހީވީއެވެ.
އާދޭހެވެ! ދޮގާއި މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކަށް ވިންނޭނީވެސް އެ ބީދައިންނެވެ. އެހެންނަމަވެސް ރައީސް މުއިއްޒުއަށް ދަންނަވަމެވެ. 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށަށް ދިވެހި ރައްޔިތުން ހިތް ގަނެލެވިދާނެކަމަށް ހީ ނުކުރައްވާށެވެ. އެކަމެއް ނުކުރެވޭނެއެވެ. ރައްޔިތުންނަށް ރައީސް މުއިއްޒު ވީ ބޭވަފާގެ ނަތީޖާ ވަރަށްވެސް ހިތިވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ