ކާމިޔާބަކީ ނާކާމިޔާބީގެ ތަޅުދަނޑި ކަމުގައި ވެދާނެކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ 3 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް "ކާމިޔާބު" ގެ ނަމުގައި ކަނިވާ ސަރަހައްދުގައި ކުރިއަށްދާ ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ނާކާމިޔާބަކީ ކާމިޔާބީގެ ތަޅުދަނޑި ކަމުގައި ވީފަދައިން، ކަމިޔާބަކީ ނާކާމިޔާބީގެ ތަޅުދަނޑި ކަމުގައި ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައެވެ.
"ނަކާމިޔާބަކީ ކަމިޔާބީގެ ތަޅުދަނޑި ނުވަތަ އަސްލު ކަމުގައި ބުނާއަޑު އަޅުގަނޑުމެން އަހަމު. އެކަމަކު އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ އޭގެ އިދިކޮޅު. ކާމިޔާބީ އަކީ ނާކާމިޔާބީގެ ތަޅުދަނޑިއަށްވެސް ވެދާނޭ. މީ ވަރަށް މުހިންމު ނުކުތާއެއް." ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ތިމާއަށް ކާމިޔާބެއް ލިބުމުން ތިމާއަކީ އެންމެ މޮޅު މީހާކަމަށް އިހްސާސް ކުރެވުމަކީ އިންސާނުންނަށް ވަރަށް ގިނައިން ވާގޮތެއް ކަމަށެވެ.
ބައެއް ފަހަރު ކާމިޔާބުވުން ހިތަށް އަރާފާނެ އަޅުގަނޑުމެން މިތިބީ މާ މަތީގައިއޭ، އެއްވެސް ބަޔަކަށް އަޅުގަނޑުމެންނާ ދެކޮޅަށް ކަމެއް ނުކުރެވެނެއޭ. އަޅުގަނޑުމެންގެ މައްޗަށް ކާމިޔާބެއް ނުހޯދޭނެއޭ، މި ޝުއޫރަކީ އިންސާނުންނަށް ވަރަށް ފަސޭހައިން އަންނަ ޝުއޫރެއް." ރައީސް މައުމޫން ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ހިތަށް ވަންނަ ފޮނިކަން ނުވަތަ ކިބުރުވެރިކަމަކީ އިންސާނާ ހަލާކުކޮށްލާ އެއްޗެއް ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ. އެހެން ކަމުން ކާމިޔާބީ ސިކުނޑިއަށް ނުވައްދައި ވިސްނަންވީ ކާމިޔާބާއި ނާކާމިޔާބީއަކީ ދުނިޔޭގައި މެދުވެރިކުރައްވާ ދެކަން ކަމުގައި ވިސްނައި ހިތް ތިރި ކުރަން ރައީސް މައުމޫން އިލްތިމާސް ކުރެއްވިއެވެ.
ވޭތުވެދިޔަ ތިން އަހަރު ދުވަހު ޕީޕީއެން އިން ހޯދާފައިވާ ކާމިޔާބީތަކާ ގުޅިގެން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމަށް ކާމިޔާބީތައް ލިބުމުގެ ސިއްރަކީ ޕީޕީއެމްގެ މެންބަރުން ޕާޓިގެ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތާއި، ޕީޕީއެމްގެ ފިކުރަކީ ރައްޔިތުންގެ ގައުމީ ފިކުރަށް ވުމުގެ އިތުރުން ޕީޕީއެމްގެ އުސޫލުތަކަކީ ކުރީއްސުރެ ރައްޔިތުން ގަބޫލުކުރަމުން އައި މަތިވެރި މާތް ހަރުދަނާ އުސޫލުތަކެއް ކަމުގައި ވާތީ ކަމަށެވެ.
"ޕީޕީއެމަށް މި ކާމިޔާބީތައް ލިބުމުގެ ސިއްރަކީ ޕީޕީއެމްގެ ފިކުރަކީ ރައްޔިތުންގެ ގައުމީ ފިކުރަށްވާތީ، ޕީޕީއެމްގެ އުސޫލުތަކަކީ ކުރީއްސުރެ ރައްޔިތުން ގަބޫލުކުރަމުން އައި މަތިވެރި މާތް ހަރުދަނާ އުސޫލުތަކެއް." ރައީސް މައުމޫންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
އަދި ޕީޕީއެމްގެ ފިކުރަކީ އަޅުގަނޑުމެންނަކީ އިސްލާމީ އުސޫލުތަކަށް އިހްތިރާމްކޮށް، މިނިވަންކަމާޢި ސިޔާދަތު ދަމަހައްޓާ ޕާޓީއަކަށް ވުން ކަމުގައިވެސް ޕާޓީގެ ރައީސް ވިދާޅުވިއެވެ. އަދި ޕީޕީއެމް އަކީ ސަރުކާރު ހިމާޔަތްކޮށް ދަމަހައްޓައި ޕާޓީ ކަމަށް ވުމުގެ އިތުރުން ޕީޕީއެމްއަކީ ހަމަ އިންސާފެއް ލޯބިކުރާ، އަމަލުތަކުގައި ދެފުށް ފެންނަ ގޮތަށް، ރައްޔިތުންގެ ކުރިމަތީގައި ޒިންމާދާރު ޕާޓީއަކަށްވެގެންދާ ދުވަހަކީ ދެކެން ބޭނުންވާ ދުވަހެއް ކަމުގައި ޕީޕީއެމްގެ ޒަޢީމް ވިދާޅުވިއެވެ.
ކާމިޔާބީއަކީ ނާކާމިޔާބުގެ ތަޅުދަނޑި ކަމަށްވެދާނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ