ސައްހަ މެމްބަރުން އެންމެ ގިނައީ ޕީޕީއެމްގައި ކަމަށް މައުމޫން ވިދާޅުވެއްޖެ

ރާއްޖޭގައި މިވަގުތު ހުރި ސިޔާސީ ޕާޓީތަކުގެ ތެރެއިން ސައްހަ މެމްބަރުން އެންމެ ގިނަ ސިޔާސީ ޕާޓީއަކީ ޕީޕީއެމް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއަށް އެއްލައްކަ މެމްބަރުން ހަމަކުރުމުގެ އަމާޒަށް އެ ޕާޓީއިން މިހާރު މަސައްކަތް ކުރަމުން އަންނަ އިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުން ގިނަ ބަޔަކު ދަނީ ޕީޕީއެމްއަށް ސޮއި ކުރަމުންނެވެ. އެގޮތުން، މިއަދު އދ.މާމިނގިލިން ޕީޕީއެމްއަށް އަލަށް ސޮއި ކުރި 104 މީހެއްގެ ފޯމު ވަނީ ޕީޕީއެމްއާ ހަވާލު ކޮށްފައެވެ.
މި 104 ފޯމާއި، އދ.މާމިނގިލީގައި މީގެ ކުރިން ތިބި ޕީޕީއެމްގެ 36 މެމްބަރުންނާ އެކު، އެރަށުގައި ޕީޕީއެމްގެ 140 މެމްބަރުން މިހާރު ވަނީ ހަމަވެފައެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި، އދ.މާމިނގިލިން ޕީޕީއެމްއާ ގުޅުނު 104 މެމްބަރުންގެ ފޯމާ ހަވާލުވެވަޑައިގަތީ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމެވެ.
މި ރަސްމިއްޔާތުގަި ރައީސް މައުމޫން ވިދާޅުވީ، ޕީޕީއެމްގައި މިހާރު ހުރި އަދަދަށް ވުރެ ވެސް މެމްބަރުން ގިނަވެގެން ދާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ސައްހަ މެމްބަރުން އެންމެ ގިނަ ސިޔާސި ޕާޓީއަކީ ޕީޕީއެމް. އަދި ކުރިޔަށް އޮތް ތަނުގައި މިހާރަށް ވުރެވެސް މެމްބަރުން އިތުރުވެގެން ދާނެ ކަމަށް އަޅުގަނޑަށް ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް،" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ، ޕީޕީއެމް ދަނީ އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަވަމުން ކަމަށާއި، މެމްބަރުން ދާނީ އިތުރުވަމުން ކަމަށެވެ. އަދި ޕީޕީއެމްގެ ފަރާތުން އިންތިޚާބުކުރި ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވުމުން، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ކުރިޔަށް އޮތް ތަނުގައި ވަރަށް ހަލުއިކަމާ އެކު ކުރިޔަށް ދާނެ ކަމަށެވެ.
މީގެ އިތުރުން، ރައީސް މައުމޫން ވިދާޅުވީ، ޕީޕީއެމްއަށް ތާޢީދުކުރާ، އަދި ޕީޕީއެމްއާ ގުޅުމަށް އެދޭ އެތައް ބަޔަކު ރާޢްޖޭގައި އެބަތިބި ކަމަށާއި، އެބޭފުޅުން ޕީޕީއެމްއަށް ގެނައުމަށް އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
އަދި ޕާޓީގެ އަމާޒަކީ ވީ އެންމެ އަވަހަކަށް އެއްލައްކަ މެމްބަރުން ޕީޕީއެމްއަށް ހަމަކުރުން ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ޕީޕީއެމްއަށް ސޮއި ކުރާ މީހުން ދާނީ އިތުރުވެގެން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
"އަޅުގަނޑުގެ އެދުމަކީ ވީ އެންމެ އަވަހަށް އެއްލައްކަ މެމްބަރުން ހަމަކުރުމުގެ އަމާޒަށް ވާށިލުވުން،" މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ