ކަސްޓަމަރެއްގެ މައުލޫމާތު ލީކް ކުރި މައްސަލާގައި 8 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފ. ނިލަންދޫ ބްރާންޗްގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް ދޫކޮށްލުމަށް އޭނާގެ ވަކީލު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި އެދިއްޖެ އެވެ.
ގާސިމްގެ ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު ރޭ ކަރެކްޝަނަލް ސާވިސް އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު އޭނާ ހައްޔަރުކުރި ހިސާބުން ފެށިގެން އޭނާގެ ހުކުމް ތަންފީޒް ވެފައިވާ ކަމަށެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ތެރޭގައި ހިންގާފައި ހުރި ހިޔާނާތުގެ އަމަލުތަކުގެ ތެރެއިން ހޯދި ފައިސާތަކެއް ކަމަށް ބެލެވޭ ފައިސާތަކެއް ޖަމާކުރި ކަސްޓަމަރެއްގެ މައުލޫމާތު ނަހަމަ ގޮތުގައި ބަޔަކާ ހިއްސާކުރުމުގެ ތުހުމަތުގައި ގާސިމް ހައްޔަރުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
މިމައްސަލާގައި ދައުލަތުން ވަނީ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު އާންމު ކުރުމުގެ ދައުވާ ގާސިމްގެ މައްޗަށް އުފުލާފަ އެވެ.
ގާސިމްގެ މައްޗަށް ހުކުމްކޮށްފައިވާއިރު އޭނާގެ މައްޗަށް ހުކުމް ކުރެވިގެން ނުވާނެ ކަމަށް ބުނެ ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގާސިމްގެ ދިފާއުގައި ކެމްޕޭނެއް ހިންގަމުން ދަނިކޮށެވެ. އަދި ގާސިމްގެ ނަން މިހާރު ވަނީ އިންޓަނޭޝަނަލް އެންޓި ކޮރަޕްޝަން އެވޯޑަށް ޝޯޓްލިސްޓް ވެސް ވެފަ އެެވެ.
ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ދައުލަތުން އެދިގެން ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ކަމަށްވާތީ މިމައްސަލަ ކުރިއަށް ދިޔަ ގޮތެއް އަދި އިއްޔެގެ އަޑުއެހުމުގައި ކަންކަން ހިނގާދިޔަ ގޮތެއް ސާފުވެފައެއް ނުވެ އެވެ.
ގާސިމް މައްސަލާގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާސިމުގެ އަމަލަކީ މުޅި މުޖުތަމައުގެ ހައްގުގައި ކުރި ކަމަކަށްވާތީ އޭނާގެ މައްޗަށް ދައުވާ އުފުލުމުގެ ބަދަލުގައި ދައުލަތުން ޖެހޭނީ އޭނާއަށް ހިމާޔާތް ދޭން ކަމަށެވެ.
ގާސިމްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފެށުމާއެކު ޝަރީއަތް ނިމެންދެން އޭނާ ގޭގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެހެންކަމުން މިއަދު ހުކުމް ކުރުމާ ހަމައަށް އޭނާއަށް ހުރީ ގޭބަންދުގަ އެވެ.
ގާސިމް ދޫކޮށްލުމަށް ކަރެކްޝަނަލް ސާވިސްގައި އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ