ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫންގެ ފެކްޝަނުން ޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގެ ކުއްޔަށް ހިފާފައިވަނިކޮށް އެ ތާރީހަށް އެތަން ދެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީން އަންގައިފި އެވެ.
ޕީޕީއެމްގެ ފަސްވަަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިމަހުގެ 31 ވަނަ ދުވަހު އާންމު ޖަލްސާއެއް ބާއްވަން ނިންމަވާ ރައީސް މައުމޫން ޓްވީޓާ މެދުވެރިކޮށް އެކަން އިއުލާންކުރީ މިމަހުގެ 13 ވަަނަ ދުވަހު އެވެ.
"ޕީޕީއެމްގެ ފަސްވަަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިރާދަކުރެއްވިއްޔާ 31 އޮކްޓޫބަރު ވަނަ ދުވަހުގެ ރޭ އަޅުގަނޑު އާންމު ޖަލްސާއެއް ބާއްވާނަން. މިޖަލްސާއަށް ވަޑައިގެން ދެއްވުމަށް ޕީޕީއެމްގެ ލޮބުވެތި މެންބަރުންނަށް އަޅުގަނޑު ދައުވަތު އަރުވަން. އެންމެ ފުރަތަމަ ގައުމު،" ޕީޕީއެމްގެ އާންމު ޖަލްސާއާއި ގުޅޭގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އައްޔަންކޮށްފައިވާ އަބްދުﷲ އަލީމް މިއަދު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދަރުބާރުގެ ކުއްޔަށް ދޭން ހައުސިން މިނިސްޓްރީން ނިންމުމުން މިމަހުގެ 13 ވަނަ ދުވަހު އެ މިނިސްޓްރީއަށް ފައިސާވެސް ދައްކާފައިވާނެ ކަަމަށެވެ.
އަލީމް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ނިންމުން ބަދަލުކޮށް ދަރުބާރުގެ ކުއްޔަށް ނުދެވޭނެ ކަން އަންގާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އެތަން ކުއްޔަށް ދެވެން ނެތް މައިގަނޑު ސަބަބެއް ކަމަށް ބުނާ ސަބަބަކީ ދަރުބާރުގޭގައި އޯލެވަލް އިމްތިހާން ކުރިއަށް ގެންދަން ނިންމާފައި އޮތުން ކަމަށްވެސް އަލީމް ވިދާޅުވި އެވެ.
އަލީމް އިތުރަށް ވިދާޅުވީ އާންމު ޖަލްސާއެއް ބޭއްވުމަށް ދަރުބާރުގެ ލިބޭ ގޮތް ނުވުމުން މިޖަލްސާ ބާއްވާނެ ތާރީހާއި ތަނެއް ފަހުން އަންގާނެ ކަމަށެެވެ.
ޕީޕީއެމްގެ އާންމު ޖަލްސާއެއް ބޭއްވުމަށް ރައީސް މައުމޫންގެ ފެކްޝަނުން ތައްޔާރުވަމުން މިދަނީ ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ކޯޓު އަމުރެއް ނެރެފައިވާ ވަގުތެއްގަ އެވެ.
ސިޔާސީ ޕާޓީގެ ދަފްތަރުގައި ޕީޕީއެމް ރަޖިސްޓްރީ ކުރީ 27 އޮކްޓޫބަރު 2011 ގައެވެ. އެހެންކަމުން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ޕީޕީއެމްއަށް ފަސް އަހަރު ފުރޭނެ އެވެ.
ޖަލްސާ ބާއްވަން މައުމޫން ފެކްޝަނަށް ދަރުބާރުގެ ދިނުމަށްފަހު އަތުލާފައިވާއިރު ރައީސް ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ މަސައްކަތްތައް މިހާރު ކުރަމުންދަނީ ދަރުބާރުގޭގަ އެވެ.
ޖަލްސާ ބާއްވަން މައުމޫން ފެކްޝަނަށް ދަރުބާރުގެ ދިނުމަށްފަހު އަތުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ