ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީން ޕީޕީއެމް އާއި ކޯލިޝަން ހެދުމަށް ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ނިސްބަތްވެވަޑައިގަންނަވާ ގައުމީ އިއްތިހާދު ޕާޓީން ޕީޕީއެމް އާއި ގުޅިގެން ކުރިއަށް ދިއުމަށް ނިންމައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގައުމީ އިއްތިހާދު ޕާޓީން އެގޮތަށް ނިންމީ އެޕާޓީން ބޭއްވި ކައުންސިލް ބައްދަވުވުމެއްގައި އެވެ. މި ނިންމުން ނިންމިކަން ގައުމީ އިއްތިހާދުގެ ކައުންސިލް މެންބަރަކު ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ވަހީދު ވަރަށް އަވަހަށް ޕީޕީއެމްގެ ހަރަކާތްތަކުން ފެނިވަޑައިގަންނަވާނެ އެވެ.
"ހައުސް ކޯލް"ގެ ނަމުގައި މާލޭގެ ގޭގެ އަށް ދޮރުން ދޮރަށް ހިންގެވުމުގެ ތެރޭގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ އެންމެ އަވަހަށް ޕީޕީއެމުން ބާއްވާ ޖަލްސާއެއްގައި ރައީސް މުހައްމަދު ވަހީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ޕީޕީއެމަށް ތާއީދުކުރެއްވުމުގެ ކުރިން އިތުރު ސިޔާސީ ފަރާތްތަކުގެ ތާއީދު ހޯއްދެވުމަށް ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ވަހީދަށް 10،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެވެ. އެއީ ވޯޓުލީ މީހުންގެ 5 ޕަސަންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ