13 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް ފަށައިފި

13 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް މިއަދު ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގައި ފަށައިފި އެވެ. މި މަހު 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 14 ސްކޫލަކުން ވާދަކުރެ އެވެ. މި މުބާރާތުގައި ފިރިހެން އަދި އަންހެން ތިން އުމުރު ފުރައެއް ހިމެނެ އެވެ. އެއީ 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، މިފަހަރުގެ މުބާރާތުގައި 14 ސްކޫލުން 437 ކުޅުންތެރިން ވާދަކުރާ ކަމަށެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ސްކޫލުތަކަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް، ބ.އަތޮޅު ތައުލީމީ މަރުކަޒު، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް، ސީއެޗްއެސްސީ، ގަލޮޅު މަދަރުސާ، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ހިރިޔާ ސްކޫލް، އިމާދުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ކެޔޮދޫ ސްކޫލް، ލާލޭ އިންޓަނޭޝަނަލް ސްކޫލް، މ. އަތޮޅު ތައުލީމީ މަރުކަޒު އަދި މޭނާ ސްކޫލެވެ. މިއަދު މެންދުރު ފެށި މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މި މުބާރާތުގައި ފުރަތަމަ ކުރިއަށްދަނީ ޓީމް އިވެންޓްގެ މެޗުތަކެވެ. އަދި އެއަށް ފަހު ކުރިއަށްދާނީ އޯޕަންސް އިވެންޓުތަކުގެ މެޗުތައް ކަމަށް ބެޑްމިންޓަން އެސޯސިއެޝަނުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ