ސަލަފު ޖަމާއަތުން ވެސް ތިއްބެވީ އަޅުގަނޑުމެންނާއި އެއް ފިކުރެއްގައި - މައުމޫން

ޖަމިއްޔަތުއް ސަލަފުން ތިއްބެވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި އެއް ފިކުރެއްގައި ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމްޑީއޭ އާއި ސަލަފުގެ އިތުރުން އަދާލަތު ޕާޓީގެ ވަރަށް ގިނަ މެންބަރުންނާއި ގައުމީ ޕާޓީ އާއި ގައުމީ އިއްތިހާދު ޕާޓީ އާއި އައިޑީޕީ އާއި ޑީއާރުޕީގެ ވެސް ވަރަށް ގިނަ މެންބަރުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންތިހާބު ކާމިޔާބުކޮށްދިނުމުގައި މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ސަލަފް ޖަމާއަތުގެ ބޭފުޅުން ވެސް ތިއްބެވީ އަޅުގަނޑުމެންނާއި އެއް ފިކުރެއްގައި އަޅުގަނޑުމެންނާއި އެކީގައި ބައިވެރިވެވަޑައިގެންދެއްވާ ގޮތަށް. އެހެންވީމަ މި ހުރިހާ ބޭފުޅުންނަށާއި ޕާޓީތަކަށާއި ޖަމާއަތްތަކަށް ތި ހުރިހާ ބޭފުޅުންގެ ނަމުގައި އާއި ޕީޕީއެމްގެ ނަމުގައި އަދި އަޅުގަނޑުމެން ކޯލިޝަން ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ބައެއް ފަރާތްތަކުން ވެސް ޕީޕީއެމްގެ މަސައްކަތާއި ގުޅެމުންދާ ކަމަށާއި އެފަރާތްތަކުން ވެސް ބޭނުންވަނީ ގައުމަށް ހެޔޮ ގޮތް ބޭނުންވާތީ އެފަރާތްތަކުން ވެސް މި މަސައްކަތުގައި ބައިވެރިވުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މިމަހުގެ 28 ވަނަ ދުވަހު އޮންނައިރު މިކުޑަ ދުވަސްކޮޅަކީ ފަރުވާކުޑަކޮށްލައިގެން ވާނެ ދުވަސްކޮޅެއް ނޫން ކަމަށާއި ކުރިއަށް ކުރިއަށް އޮތް ދުވަސްތަކަކީ ވަރަށް މުހިންމު ދުވަސްތަކެއް ކަމަށެވެ. އަދި އެންމެން ގުޅިގެން މިކުރާ މަސައްކަތުގައި ޕީޕީއެމްއަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީއަށް އިޝާރާތްކުރައްވާ ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އާއި ވާދަކުރާ ބަޔަކީ ވަރަށް ގިނަ ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް އޮޅުވާލައިގެން މަސައްކަތްކުރާ ކަމަށާއި އެކަމަށް ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށެވެ.
"އެބޭފުޅުން އެ ގެންގުޅުއްވާ އުކުޅުތަކަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ، އަޅުގަނޑުމެން އެބޭފުޅުންގެ ދަލުގައި އެއްވެސް ހާލެއްގައި ޖެހިގެން ނުވާނެ، އަޅުގަނޑުމެން މި ކުރަނީ ފަހަރެއްގައި ވެސް ވަކި މީހަކަށް ވެރިކަން ހޯދައިދިނުމަށް، ވަކި ޕާޓީއަކަށް ނުވަތަ ވަކި ކޯލިޝަނަކަށް ވެރިކަން ހޯދައިދިނުމަށް ކުރާ މަސައްކަތެއް ނޫން، އަޅުގަނޑުމެން މިކުރަނީ ގައުމަށްޓަކައި ކުރާ މަސައްކަތް." ރައީސް މައުމޫން ވިދާޅުވި އެވެ.
އެތައް ހާސް ބަޔަކު ބައިވެރިވި މި ޖަލްސާގައި ގދ.ފަރެސްމާތޮޑާގެ 3 ކައުންސިލަރަކު ވަނީ ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ. މި ތިން ކައުންސިލަރުން ގުޅުމުން އެ ކައުންސިލްގެ މެޖޯރިޓީ ވަނީ ޕީޕީއެމްއަށް ލިބިފައެވެ.
"އުމަރު ނަސީރުގެ ޓީމު" ގެ ފަރާތުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޓީމުން ގާސިމާ ގުޅުނީ ވަރަށް ގިނަ ގޮތްގޮތުން ބަލައި ވިސްނުމަށްފަހު ކަމަށާއި ގާސިމަކީ ވޭތިވެދިޔަ ތިން އަހަރުގައި ވެރިކަން ކުރެއްވި ނަޝީދުގެ ކިބައިން މިގައުމު ސަލާމަތްކޮށް އަމާން އައްސޭރިއަކަށް ގެންގޮސް ދެއްވާނެ ލީޑަރު ކަމަށެވެ.
ނަޝީދު މާފަންނު ވިލާއަށް ވަޑައިގެން ގާސިމާ ބައްދަލު ކުރައްވާފައިވާތީ އެކަމަށް އިޝާރާތްކޮށް އެ ބަޔާނުގައި ބުނެފައިވަނީ އެއީ ޖުމްހޫރީ ގުޅުމުން ނިންމައިގެން ކުރިކަމެއް ނޫންކަމަށާ އެމްޑީޕީއާއި ޖުމްހޫރީ ގުޅުމުން ކޯލިޝަން ނުހަދާނެކަމުގެ އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ