ގަން އެއާޕޯޓުގެ މައްސަލައާ ގުޅިގެން ގާސިމް ވާހަކަފުޅު ދައްކަވައިފި

އައްޑުއަތޮޅު ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ދައުލަތަށާއި ރައްޔިތުންނަށް މާބޮޑު ފައިދާއެއް ނުވާ ކަހަލަ ގޮތަކަށް ބަޔަކަށް ދިނުމަށް މިސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާއި ގުޅިގެން، އެކަން އެގޮތަށް ނުކުރުމަށް ރައީސް ޑރ.ވަހީދަށް ދަންނަވާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިއަދު އޮތް ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ގަން އެއާޕޯޓް ދޫކުރުމަށް ބަޔަކު އެދިފައިވާ އެދުމަކީ އޭގައި ރައްޔިތުންނަށް ފައިދާވާ ގޮތް ފެންނަން ނެތް އެދުމަކަށްވާތީ އެއީ ބަލައިގަނެވޭނެ އެދުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މީގެ އިތުރުން، ޚިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފަވާ ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ މައްސަލައިގައި، ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ، ފަސްސަތޭކަ މިލިއަން ރުފިޔާއަށް ކުރިއަށް ގެންދާ އެމަޝްރޫއުން، ދިވެހި ރައްޔިތުންނަށް ކުރާނެ މާބޮޑު ފައިދާއެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، އެމަޝްރޫއަކީ ހަމިލިއަން ޑޮލަރުގެ ކުޑަ އަގަކަށް ކުރިއަށް ގެންދެވޭނެ މަޝްރޫއެއް ކަމަށެވެ.
ބޯޑަރ ކޮންޓްރޯލް ސިސްޓަމް ޤާއިމުކުރުމުގެ މަޝްރޫއު ހުއްޓާލުމަށް ހައި ކޯޓުން ކޮށްފައިވާ އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާތީ، އެކަމަށް އިޝާރަތްކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވީ، ގަވާއިދާ ޚިލާފަށް ދީފައިވާ މަޝްރޫއުތައް ހުއްޓުވުމުގެ ބާރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް އޮންނަން ޖެހޭނެ ކަމަށާއި، ޤާނޫނު އިސްލާހު ކޮށްގެން ނަމަވެސް އެބާރު އެކޮމިޝަނަށް ހޯދަދޭން ޖެހޭ ކަމަށެވެ.
ޖީއެމްއާރުގެ މައްސަލައިގައި ކުރީގެ އިދިކޮޅު ހަތަރު ސިޔާސީ ޕާޓީއަކުން ސޮއިކޮށްފަވާ އެއްބަސްވުން މީޑިޔާއަށް ހާމަކުރައްވަމުން، އެ އެއްބަސްވުމުގައި ހުރި މާއްދާތަކާއި ގުޅޭގޮތުންވެސް ނޫސްވެރިންގެ މިބައްދަލުވުމުގައި ޤާސިމް އިބްރާހިމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ