ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން (އެސްޕީއެމްއެސްސީ) އިން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގައި ތަކުރާރުކޮށް ކުރިމަތިވާ ބޭސް ހުސްވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެކެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެސްޕީއެމްއެސްސީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ، އާ ނިޒާމުގެ ސަބަބުން ބޭސް ހުސްވުމުގެ ކުރިން ގައުމީ ފެންވަރުގައި ބޭހަށް އޮތް ޑިމާންޑް އަންދާޒާކޮށް، ބޭސް ރޭވުންތެރިކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށެވެ.
ޑރ. ޝާހު ވިދާޅުވީ ބޭސް ހުސްވުމުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި އަދަދުތައް ސައްހަކޮށް ދެނެގަތުން ކަމަށެވެ. މިކަމަށްޓަކައި އެސްޕީއެމްއެސްސީން ދަނީ އެންޓަޕްރައިޒް ރިސޯސް މެނޭޖްމަންޓް (އީއާރްޕީ) ސިސްޓަމަކާއި އީ-ލޮޖިސްޓިކްސް ޕްލެޓްފޯމެއް ގާއިމުކުރަމުންނެވެ. މީގެ ސަބަބުން ބޭހުގެ ސްޓޮކް ހުރި މިންވަރު ވަގުތުން ބަލާލެވޭނެއެވެ.
މި ނިޒާމުގެ އެހީގައި މުޅި ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދެނެގަނެ، ލަފާކުރެވޭ ޑިމާންޑަށް ބަލައި ބޭސް ގަތުމުގެ ކަންކަން ހަރުދަނާ ކުރެވޭނެ ކަމަށް ޑރ. ޝާހު ފާހަގަކުރެއްވިއެވެ. "މީގެ ސަބަބުން ބޭސް ހުސްވުމުގެ ކުރިން ފެންވަރު ރަނގަޅު ބޭސް އެތެރެކޮށް، ލިބޭނެ ގޮތް ކަށަވަރު ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ވަކި ރަށެއްގައި ހަކުރު ބަލީގެ ބޭސް ބޭނުންވާ ބަލިމީހުންގެ އަދަދު އެނގޭނަމަ، އެ ރަށަކަށް ބޭނުންވާ ބޭސް ދުރާލާ ފޮނުވައި ސްޓޮކް ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން، މި ނިޒާމުގެ ދަށުން އާންމުންނަށް ބޭސް ލިބެން ހުރިތޯ ބެލޭނެ ޕޯޓަލްއެއް ވެސް ގާއިމުކުރެވޭނެއެވެ. މީގެ ސަބަބުން ވަކި ބޭހެއް ލިބެން ހުރީ ކޮން ފާމަސީއަކުން ނުވަތަ ކޮން ރަށަކުންކަން އާންމުންނަށް ފަސޭހައިން ބަލާލެވޭނެއެވެ. ޑރ. ޝާހު ވިދާޅުވި ގޮތުގައި މި ޕްލެޓްފޯމްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެއެވެ.
މިވަގުތު އެސްޕީއެމްއެސްސީން އެންމެ އިސްކަމެއް ދެނީ މާކެޓުން ހުސްވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ބޭސްތައް ހޯދުމަށެވެ. ޑރ. ޝާހު އިތުރަށް ވިދާޅުވީ މިހާރު ލިބެން ނެތް ގިނަ ބޭސްތަކެއް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ރާއްޖެއަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ