އިސްލާމް ދީނުގައި މުޅަ ތަކެތި ކެއުން ހުއްދަވާ ހާލަތްތައް ވެސް އެބަހުރި ކަމަށާއި އެހެންކަމުން ރާއްޖޭގައި ރަލާއި އޫރުމަސް ވިއްކުން ހުއްދަވާނެ ކަމަށް ދޭހަވާ ފަދަ އިބާރާތަކުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވާހަކަދައްކަވައިފި އެވެ.
ގާސިމް މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ އަޑުން ރިޔާސީ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ގެނެސްދޭ ޕްރޮގްރާމުތަކުގެ ތެރެއިން “ގާސިމް އިބްރާހީމާ އެކު ދިވެހިރާއްޖޭގެ އަޑު” މި ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އެހުންތެރިންގެ ސުވާލަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެހުންތެރިޔަކު ގާސިމް އާއި މިރޭ ސުވާލުކޮށްފައިވަނީ ގާސިމަށް ވެރިކަން ލިބިއްޖެ ނަމަ ރާ ވިއްކުމާއި އޫރު ވިއްކުމުގެ ވިޔަފާރި ހުއްޓާލަފާނަންތޯ އެވެ.
ފޯނުން ސުވާލުކުރި މީހާއަށް ޖަވާބުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ގައުމަކަށްވާއިރު ކުރިންސުރެ ވެސް ރަލާއި އޫރު މަސް ރާއްޖޭގެ ރަށް ރަށުގައި ވިއްކަމުންދާ ކަމަށެވެ.
“އަޅުގަނޑު ދަންނަވާލާނީ އިސްލާމް ދީނުގައި އެބައޮތޭ، އިސްލާމް ދީނުގައި އެކަހަލަ ކަންތައް އޮންނަ ގޮތް، އަޅުގަނޑަށް ހީވަނީ ތިޔަބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ވަކި ހާލަތްތަކެއްގައި މުޅަ ތަކެތި ވެސް ކެއުން ހުއްދަވާ ހާލަތްތައް ވެސް އެބަހުރި، ބަނޑުހައި ހޫނުކަން ޖެހިގެން، ނުވަތަ ބަޔަކު ބަނޑަށް މަރުވެދާނެ ކަމުގެ ބިރު އޮތިއްޔާ.” ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އޭނާއަކީ ދަންނަބޭކަލެއް ނޫން ކަމަށާއި ނަމަވެސް އިސްލާމަކަށްވާތީ މިފަދަ ކަންތައްތައް ދަސްވެފައިވާތީ ދަންނަވާލީ ކަމަށެވެ.
ދީނުގައި މުޅަ ތަކެތި ކެއުން ހުއްދަވާ ހާލަތްތައް އެބަހުރި – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ