ބޭރުފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނެތް ޝަރޫ ލޯންޗް ސާވިސް މެދުވެރިކޮށް ސްޓެލްކޯ އާއި ފެނަކަ ކޯޕްރޭޝަން އިން ޑޮލަރު ގަތުމަށް ފައިސާ ދިން މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑޮލަރު ގަތުމަށް ސްޓެލްކޯ އިން ވެސް ޑޮލަރު ގަންނަން ފައިސާ ދައްކާފައި ވަނީ ފެނަކަ ކޯޕަރޭޝަނަށް ވެސް އެއް މިލިއަން ޑޮލަރު (17 މިލިއަން ރުފިޔާ) ގަތުމަށް ފައިސާ ދިން ޝަރޫ ލޯންޗް ސާވިސްއަށެވެ. ފެނަކަ އާއި ސްޓެލްކޯ އަށް ފައިސާގެ ބަދަލުގައި ދިން މޮރިޝަސް ކޮމާޝަލް ބޭންކްގެ ޗެކްތައް ވަނީ ބައުންސް ވެފައި ކަމަށް ދެ ކުންފުނިން ވެސް ބުނެއެވެ. އަދި އެ ޑޮލަރު ޗެކްތައް ބައުންސްވުމުން އަނބުރާ ދިވެހި ރުފިޔާގެ ޗެކްތައް ވެސް ވަނީ ބައުންސް ވެފައެވެ. މިހާރު ދެ ކުންފުނިން ވެސް ވަނީ އެ ފައިސާ ހޯދުމަށް ޝަރޫ ލޯންޗް ސާވިސްއާ ދެކޮޅަށް ދައުވާ އުފުލާފައެވެ.
ސްޓެލްކޯގެ އޮފިޝަލް ވިދާޅުވީ އެ ފައިސާ ނުލިބުމުން ސިވިލް ކޯޓަށް ހުށަހެޅި ކަމަށާއި މި މައްސަލަ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުގައި ކުރިއަށް ގެންގޮސް، ދެ ކުންފުނިން ވާހަކަ ދައްކައިގެން ހައްލު ނުވުމުން މިހާރު ޝަރީއަތަށް ފޮނުވާފައި ކަމަށެވެ. ހަމައެހެންމެ ފެނަކަ ކޯޕްރޭޝަންގެ ފަރާތުން ވެސް އެފައިސާ އަނބުރާ ހޯދުމަށް މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.
އެމްއެމްއޭގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފެނަކަ އާއި ސްޓެލްކޯ އިން ޑޮލަރު ގަތުމަށް ފައިސާ ދިން މައްސަލަ އެމްއެމްއޭ އިން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެމްއެމްއޭ އިން އެކުލަވާލާފައިވާ މަނިޓަރީ ގަވާއިދުގެ ދަށުން މަނީ ޗޭންޖާ ކަމުގެ ލައިސަންސް އެމްއެމްއޭ އިން ދޫކޮށްފައި ވަނީ 471 ފަރާތަށެވެ. އެ ފަރާތްތަކުގެ ތެރޭގައި ޝަރޫ ލޯންޗް ސާވިސް ނުހިމެނެއެވެ.
ދައުލަތުގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް ޑޮލަރު ގަތުމުގައި "ކެހި" ލިބިފައިވާ އިރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބޭނުންވާ ޑޮލަރު ގަތުމަށް ދައުލަތުގެ މުއައްސަސާއެއް ކަމަށްވާ މޯލްޑިވް މާކެޓިން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ދިން ފައިސާގެ ބަދަލުގައި ޑޮލަރު ވެސް އަނބުރާ ފައިސާ ވެސް ނުލިބޭ މައްސަލައެއް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ.
ޝަރޫ ލޯންޗް ސާވިސް އިން ޑޮލަރު ގަންނަން ސްޓެލްކޯ އާއި ފެނަކަ އިން ފައިސާ ދިން މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ