މިހާރު އަޅުގަނޑުމެންގެ ވަލިއްޔުލް އަމުރަކީ ޤާނޫނޫ އަސާސީ – ރައީސް މައުމޫން

މިހާރު އަޅުގަނޑުމެންގެ ވަލިއްޔުލް އަމުރަކީ ޤާނޫނޫ އަސާސީ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރޭ ކުނޫޒުގައި ބޭއްވި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މިހާރުގެ ވަލިއުލްއަމުރަކީ ވަކި މީހެއް ނޫން ކަމަށާއި އެއީ ގާނޫނު އަސާސީ ކަމަށެވެ. ރައިސުލްޖުމްހޫރިއްޔާ ވެސް އަމަލުކުރައްވަން ޖެހޭނީ ގާނޫނު އަސާސީއިން ލިބިދީފައިވާ އިމުގެ ތެރެއިން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"މިހާރަކު ނެތޭ ވަލީއުލްއަމުރެއް، މިހާރަކު ނުހުންނާނޭނުންތޯ؟ މިހާރު އެ އޮތީ ގާނޫނު އަސާސީ، މިހާރު އަޅުގަނޑުމެންގެ ވަލީއުލްއަމުރަކީ ގާނޫނު އަސާސީ، އޭގަ އޮތް ގޮތަށް ނޫން ގޮތަކަށް އަޅުގަނޑުމެންނަށް ކަމެއް ނުކުރެވޭނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އަދި ގާނޫނު އަސާސީ ދިފާއުކޮށް ދަމަހައްޓައި ހުރުމަތްތެރިކޮށް ހިތުމުގައި ރައިސުލްޖުމްހޫރިއްޔާ ހުންނަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ރައިސުލްޖުމްހޫރިއްޔާ ވެރިކަން ކުރައްވަން ވާނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަމަށް ވެސް ގާނޫނު އަސާސީގައި ލިޔެފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަދި ދައުލަތުގެ ބާރުތަކުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ވެސް ރައިސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަން ޖެހޭނެކަމަށާއި ގާނޫނު އަސާސީގެ މައްޗަށް ބައްޓަން ކޮށްފައިވާ ރާއްޖޭގެ ދުސްތޫރީ ނިޒާމަކީ އޮޅުން ބޮޅުން ބޮޑު ޑެޑްލޮކަކަށް ގޮސްފައިވާ ނިޒާމެއް ކަމަށް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވި ނަމަވެސް އެކަން އޮތީ އެގޮތަށް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"ބުއްދި ގަބޫލްނުކުރާ ކަންތައްތައް ފެންނާތީ އަޅުގަނޑު ވަރަށް ކަންބޮޑުވޭ. އަޅުގަނޑުމެންނަކީ އިންސާނުން. މާތްﷲ ވަނީ އަޅުގަނޑުމެންނަށް ބުއްދި ދެއްވާފައި. އެއާ އެއްގޮތަށް ކަންތައްތައް ކުރަން ޖެހޭނީ،" ރައީސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު ހިތަށް އަރަނީ ހުރިހާ ބޭފުޅުން ދައުލަތު މަތީ މަގާމާ ހަވާލުވުމުގެ ކުރިން ހުވައެއް ކުރައްވަން ޖެހޭ. ރައީސުލްޖުމްހޫރިއްޔާ ވެސް އެ ހުވާގައިވާ ގޮތަށް އަމަލުކުރަން މާތްﷲ ގަންދީ ހުވާކުރުމަށްފަހު އެ ހުވާގައިވާ ގޮތަށް އަމަލުކުރަން ޖެހޭ. އެއީ ވަރަށް ބޮޑު ހުވައެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
"ގާނޫނުއަސާސީއަކު ނޫން ތަޅު އެޅުވިފައި ހުރީ. ތަޅު އަޅުވާފައި ހުރީ މަޖިލީހުގައި. އަޅުގަނޑު ދުށިން އޭގެ ފޮޓޯ ވެސް. އެކަމަކު ގާނޫނުއަސާސީގައި އެބުނާ ނިޒާމުގައި ހުރީ ތަޅު އެޅުވިފައެއް ނޫން. އެހެރީ ހުދޫދުތައް" ރައީސްމައުމޫން ވިދާޅުވި އެވެ.
ސަރުކާރަށާއި ރައީސް ޔާމީނައް ކުރެއްވި ތާއީދު ރައީސް މައުމޫން ވަނީ އަނބުރާގެދަވާފައެވެ. ރައީސް ޔާމީން ވެރިކަމަށް ގެންނަން ވޯޓު ދޭން ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ ހެޔޮ ނިޔަތަކާ އެކުގައި ނަމަވެސް، އެމަނިކުފާނުގެ އަމަލުތައް ހުރީ ރައްޔިތުންނަށް އަނިޔާވެރިވާ ގޮތަށް ކަމަށް ވިދާޅުވެ ރައީސް މައުމޫން ވަނީ ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދިވަޑައިގެންފަ އެވެ.
ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނަށް ޝަހުސް އޮޅުވާލުމުގެ ދައުވާ އުފުލާފައިވާއިރު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ