އަވަގުރާނަ ގޮވުނީތީ މެމްބަރު އަލީ އާރިފް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ޕީޕީއެމް/އެމްޑީއޭ މެމްބަރުންނާއި އިދިކޮޅު މެމްބަރުންނާ ދެމެދު ހިނގި ޒުވާބާއި ހަމަނުޖެހުންތަކުގެ ތެރޭގައި އަވަގުރާނަ ގޮވިފައި ވާތީ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފި އެވެ.
ޕީޕީއެމް "ރުމާލު 2" ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފް ވިދާޅުވީ މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކުގައި "ލަދު ބަހެއް" ބުނެވިފައިވާ ކަމަށެވެ. އެ ހިސާބަށް ދާން ޖެހުނީ އިދިކޮޅު މެމްބަރުން ޖަހަމުން އަންނަ ސަކަރާތް ހުއްޓުވުމަށް ތަކުރާރުކޮށް އެންގުމުން ވެސް އަޑު ނޭހުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް އެ ޖަޒުބާތުގައި ހިނގައިދިޔަ ކަންކަމުގެ ތެރޭގައި، އެކަންކަން ދިޔަ ގޮތުން އަޅުގަނޑަށް ލަދު ބަހެއް ބުނެވުނީތީ ނިހާޔަތަށް މައާފަށް އެދި ތިޔަބޭފުޅުންނަށް ދަންނަވަން،" އަލީ އާރިފް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ގޯނާކުރުން ހުއްޓާލުމަށް ތަކުރާރުކޮށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ބައްދަލު ކުރައްވައި، އެކަން ހުއްޓާލުމަށް އެދިވަޑައިގެންނެވި ކަމަށް އޭނާ ކަމަށެވެ.
އިބޫ އިންނެވި ކޮޓަރީގެ ދޮރުގައި ފައިން ޖައްސަވައި އެެތެރެއަށް ވަދެވަޑައިގަތުމަށް ފަހު އަލީ އާރިފް ހިތްހަމަނުޖެހުންފާޅުކުރައްވާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް.
"އަޅުގަނޑުމެންގެ ލީޑަޝިޕުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބޫއަށް ދެންނެވިން މިކަން ހުއްޓާށޭ. ތިބޭފުޅުން ޖަހާ ސަކަރާތް ޖަހާށޭ މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި. އެއީ ސިޔާސީ ސަކަރާތް ޖަހާ ތަނޭ. އަޅުގަނޑުމެން ސިޔާސީ ކަންކަން ކުރާނީ އެތަނުގައޭ،" އަލީ އާރިފް ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އެކަން ނުހުއްޓުމުން، ޕީޕީއެމްގެ މެންބަރުން މަސީހުގެ ދިފާއުގައި ނުކުންނަން ޖެހުނީ ކަމަށް އަލީ އާރިފް ވިދާޅުވި އެވެ. އަދި ސަރުކާރު ކޯލިޝަންގެ މެމްބަރަކާ ބެހޭތަން ފެނިއްޖެ ނަމަ، "ނުހުރެވޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ އާރިފް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންހެން، އަމާންކަމަށާއި ހަމަޖެހުމަށާއި ތަރައްގީއަށް ތާއީދު ކުރެ އެވެ. މުޅި ގައުމުގެ މަސްލަހަތު އެންމެންނާ ގުޅިފައިވާ ކަމަށާއި ނަމަވެސް "ހަނގުރާމައެއް" ކުރަން ބޭނުން ނުވާ ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ފޭސްބުކް މެދުވެރިކޮށް އާންމު ކުރެއްވި ވީޑިއޯގައި އަލީ އާރިފް އަވަގުރާނަ ގޮވަނީ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލާ ދިމާލަށެވެ. އެ ޒުވާބުގަނޑުގެ ތެރޭގައި ފައްޔާޒް ވެސް އަވަގުރާނަ ގޮވާ އަޑު އިވެ އެވެ.
މީގެއިތުރުން އަލީ އާރިފް، ޕީޖީ ގްރޫޕްގެ ލީޑަރު އިބޫގެ ކޮޓަރީގެ ދޮރުގައި ކޮޅުފައިން ޖައްސަވައި ދޮރު ހުޅުވާ މަންޒަރު ވެސް ފެނެ އެވެ. އަލީ އާރިފް އެ ކޮޓަރި އަށް ވަދެވަޑައިގެން މޭޒު މަތީ ވަރަށް ބާރަށް އަތުން ޖައްސަވައި އިބޫއާ ދިމާލަށް އަޑުގަދަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ