ތެލުގެ އަގު ބޮޑުވި ނަމަވެސް މިވަގުތަށް ކަރަންޓުގެ އަގު ބޮޑެއް ނުވާނެ: ސްޓެލްކޯ

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ ބާޒާރަށް އެތެރެކޮށް ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކުރި ނަމަވެސް ފިއުލް ސާޗާޖު ބޮޑު ނުކުރަން ނިންމާފައިވާ ކަމަށް ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ މައި ކުންފުނި، ސްޓެލްކޯއިން ބުނެފި އެވެ. އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު މިއަދު ބޮޑުކުރަން ނިންމި އިރު މިއީ މަސް ދުވަހުގެ ތެރޭގައި ތެލާއި ޑީސަލްގެ އަގު ބޮޑުކުރި ދެ ވަނަ ފަހަރެވެ. އެކަމާ ގުޅޭ ގޮތުން ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު ވިދާޅުވީ، ތެލުގެ އަގު ބޮޑުވި ނަމަވެސް މިވަގުތު ކަރަންޓުގެ އަގު ބޮޑު ނުކުރަން ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ. "ރައްޔިތުންނަށް އިތުރު ބުރައެއް ނުޖެއްސުމަށް ރައީސް ވަނީ ސަބްސިޑީއެއް ދީގެން ނަމަވެސް ކަރަންޓުގެ އަގު މިވަގުތު ބޮޑު ނުކުރައްވަން ނިންމަވާފައި،" ޒުހޫރު ވިދާޅުވި އެވެ. ޖޫން މަހު ތެލުގެ ޑިއުޓީ ފަސް ޕަސެންޓަށް ސަރުކާރުން ކުޑަކުރުމުން ސްޓެލްކޯ އިންދޭ ކަރަންޓުގެ ޚިދުމަތުން ނަގާ ފިއުލް ސާޗާޖު ވަނީ ޖުލައި މަހުގެ ތެރޭގައި ކަނޑާލައިފަ އެވެ. ފިއުލް ސާޗާޖު ކަނޑާލުމުގެ ކުރިން އެ ކުންފުނިން ނަގަމުންދިޔައީ ޔުނިޓަކަށް 35 ލާރި އެވެ. ސްޓެލްކޯ އިންދޭ ކަރަންޓުގެ އަގު ބޮޑު ނުކުރަން ނިންމި ނަމަވެސް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިވަގުތު ފޯނަށް ޖަވާބު ނުދެއްވާތީ އެ ކުންފުނިން ނިންމާފައިވާ ގޮތް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ