އެމްޑީޕީ އޮތީ ހިސޯރުކޮށްފައި، އިސްކޮށް ހުރީ ނަޝީދު: އުމަރު

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އޮތީ "ލާދީނީ ފިކުރުގެ މަދު ބަޔަކު" ހިސޯރުކޮށްފައި ކަމަށާއި އެކަމުގައި އިސްކޮށް ހުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އަށް އަބަދު ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ، މި ސަރުކާރުގެ ކުރީހެ ހޯމް މިނިސްޓަރު އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަހާ ދިމާކޮށް ފޭސްބުކްގައި އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ހިސޯރުކޮށްފައިވާ އެމްޑީޕީ ސަލާމަތް ކުރެވޭތޯ އެ ޕާޓީގެ އިންތިޚާބީ ތިން ރައީސަކު ކުރިން މަސައްކަތް ކުރެއްވި އެވެ.
އެއީ އިބްރާހީމް އިސްމާއީލް (އިބްރާ) އާއި ޑރ. އިބްރާހީމްދީދީ (ޑރ. ޑީޑީ) ގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެވެ.
އުމަރު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނެކަން އިއުލާން ކުރެއްވުމާއެކު، އެ ޕާޓީއަށް ޓަކައި އެންމެ ބޮޑަށް ގުރުބާންވި ރީކޯ މޫސާ މަނިކާއި ޕާޓީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ ވެސް ވަނީ އެމްޑީޕީން ވަކިކޮށްފަ އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވީ އެމްޑީޕީ ތެރޭގައި ވަނީ ޑިމޮކްރަސީގެ ހަމަތައް ފުނޑުފުނޑުކޮށްލާފައި ކަމަށެވެ.
ރައީސް ނަޝީދު ލަންކާގައި: އުމަރުގެ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި.
އޭނާ ވިދާޅުވީ އެމްޑީޕީ އެތެރޭގައި އިންސާފުވެރި އިންތިޚާބެއް ބާއްވައިފި ނަމަ "ޕާޓީ ހިސޯރުކޮށްގެން އުޅޭ ލާދީނީ ޓީމް ބަލިވެދާނެ" ކަމަށެވެ.
"...[އެކަމަކު] އެފަދަ އިންތިޚާބެއް ނުބާއްވައި އެމްޑީޕީ ހިސޯރުކޮށްގެން އޮވެ އެ ދަނީ ކުރިއަށެވެ،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ