ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަދެވަޑައިނުގެންނެވޭ ގޮތަށް މަޖިލީހުގައި ތަޅު އެޅުވުމުން މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
މައުމޫން ހަމީދު ފާޑު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވާނެ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެފައި ވަނިކޮށް މަޖިލީހުގެ އިދާރައިގެ ހުރިހާ ގޭޓް ތަޅުލައި، އެތަނަށް މެމްބަރުންނަށް ވަދެވަޑައިނުގެންނެވޭ ގޮތް ހަދައި ސެކިއުރިޓީއަށް ސިފައިން ބައިތިއްބާފައި ވަނިކޮށެވެ.
މައުމޫން ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ނުވަދެވޭ ގޮތް ހެދުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސްޕްރީމް ކޯޓަށް ވަނުމަށް ހުރަސް އެޅުމާ އެއްފަދަ ކަމަށެވެ.
މައުމޫން ހަމީދު މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ނުވަދެވޭ ގޮތަށް ގޭޓްތަކުގައި ތަޅު އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މެމްބަރުންނަށް މަޖިލީހަށް ވަދެވެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދަނީ ވިދާޅުވަމުންނެވެ. އަދި މަޖިލީހުގެ ތަޅު އެޅުވުމުގެ ބާރު ސިފައިންނަށް ލިބިގެން ނުވާ ކަމަށްވެސް ބައެއް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނުން ފެށިގެން ތަޅު އަޅުވާފައިވާއިރު، ތަޅުއެޅުވި އޮފިސަރުންގެ ތަފްސީލް ފައިލް ކުރެވެން ޖެހޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ފާތިމަތު ދިޔާނާ ސައީދު ވަނީ ވިދާޅުވެފަ އެވެ. ދިޔާނާ މިވިދާޅުވީ ވަކި ކަމެއް ކުރުމަށް ވަކި ފަރާތަކުން ގާނޫނާ ހިލާފަށް ދޭ އޯޑަރުތަކަކީ ގާނޫނު ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި ދިޔާނާ ވަނީ އެކަން ޔަގީންކޮށްދެއްވުމަށް ގާނޫނު އަސާސީގެ 245 ވަނަ މާއްދާ ފާހަގަކުރައްވާފަ އެވެ.
މަޖިލީހުގައި ތަޅުއަޅުވާފައިވާތީ މިއީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
މަޖިލީހަށް މެންބަރުން ވަނުން މަނާ ކުރުމުން މައުމޫން ހަމީދު ފާޑު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ