މާލީ ދާއިރާގެ ދާރުލްއާސާރެއް ހެދުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މާލީ ދާއިރާ ދައްކުވައިދޭ ދާރުލްއާސާރެއް ހެދުމުގެ އެއްބަސްވުމުގައި ހަ އިދާރާއެއްގެ މެދުގައި މިއަދު ސޮއިކޮށްފި އެވެ.
ޕެންޝަން އޮފީހުން ކުރުނބާ އައިލެންޑް ރިސޯޓްގައި މިއަދު ބޭއްވި "މޯލްޑިވުސް ފައިނޭންސް ފޯރަމް"ގައި ދާރޫލްއާސާރެއް ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރި ހަ އިދާރާއަކީ އެމްއެމްއޭއާއި ޓޫރިޒަމް މިނިސްޓްރީ އާއި ޕެޝަން އޮފީހާއި ބެންކު އޮފް މޯލްޑިވްސް އާއި ސީއެމްޑީއޭގެ އިތުރުން އެލައިޑް އިންޝުއަރެންސެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވީ މާލީ ދާއިރާގެ ދައްކުވައިދޭ ދާރުލްއާސާރެއް ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރި ހަ އިދާރާ ގުޅިގެން ދާރުލްއާސާރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ދާރުލްއާސާރު ހެދުމަށް ބެއްނުންވާ ހަރަދު މިހާތަނަށް ލިބިފައިނުވާ ކަމަށާއި ނަމަވެސް ހަރަދު ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން މިއަދު މި ސޮއިކުރި އެއްބަސްވުމަކީ އެފަދަ މިއުޒިއަމްއެއް ހެދުމުގެ ގޮތުން ވީ އެއްބަސްވުމެއް، އަދި އަޅުގަނޑުމެންނަކަށް އަދި އެކަމަށް ބޭނުންވާ ފައިނޭންސެއް ވެސް ނުލިބޭ. އަޅުގަނޑުމެންގެ މި އެއްބަސްވީ އަޅުގަނޑުމެން ގުޅިގެން އެ ފައިނޭންސް ހޯދައިގެން އެ މަސައްކަތް ކުރުމަށް،" ޕެންޝަން އޮފީހުގެ ސީއީއޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލީ ދާއިރާގެ ދާރުލްއާސާރެއް ހަދާނީ ގައުމީ ދާރުލްއާސާރުގެ "ކޯނާއެއް"ގައި ކަމަށާއި މާލީ ދާރުލްއާސާރު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހުޅުވޭވަރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ފައިސާގެ ގޮތުންނާއި އަދި އެހެނިހެން ފައިނޭންސް ގޮތްގޮތުން ތާރީހެއް އޮތް އިރު، މާލީ ދާއިރާގެ ދައްކުވައިދޭ ދާރުލްއާސާރެއް ތެރެއިން އެފަދަ ތާރީހީ ކަންތައްތައް ފެނިގެން ދާނެ ކަމަށެވެ.
ކުރުނބާ އައިލެންޑް ރިސޯޓްގައި މިއަދު ބޭއްވި "މޯލްޑިވުސް ފައިނޭންސް ފޯރަމް"ގައި ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ މައްސަލަތަކުގެ މައްޗަށް އެކުލަވާލައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިގްތިސާދީ މާހިރުންގެ ޝުއޫރުފާޅުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ