ޑރ. އަބްދުﷲ ޚަލީލް ކިޔާ ބޭފުޅަކު ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ކަމަށް އައްޔަންކޮށްފައި ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެެވެ.
އިދިކޮޅު އެމްޑީޕީއިން އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ސޮއިކުރައްވާ މިމަހުގެ 12 ވަނަ ދުވަހު އެމަނިކުފާނަށް ފޮނުއްވި ސިޓީއަކަށް ޖަވާބު ދެއްވުމުގެ ގޮތުން މިއަދު އެމަނިކުފާނު އެމްޑީޕީއަށް ފޮނުއްވި ސިޓީއެއްގައި އެމްނިކުފާނު ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވައިދު ތަންދޭ ގޮތުގެމަތިން ޕީޕީއެމްގެ ގައުމީ ޖަލްސާއިން އިންތިހާބުކޮށްފައިވާ ޕީޕީއެމްގެ ކައުންސިލުން ޑރ. އަބްދުﷲ ޚަލީލް ކިޔާ ބޭފުޅަކު ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އައްޔަންކޮށްފައި ނުވާނެ ކަމަށެވެ.
ރައީސް މައުމޫނަށް ފޮނުއްވި ސިޓީގައި އަނަސް ވިދާޅުވެފައިިވަނީ ޕީޕީއެމްގެ ނަމުގައި "ޑރ. އަބްދުﷲ ޚަލީލް" މިނަން ޖައްސަވާ، ސޮއި ކުރައްވާފައިވާ ސިޓީއެއް އެމްޑީޕީއަށް ފޮނުއްވާފައިވާ ކަން ނުވަތަ ނޫންކަން ސާފުކޮށްދެއްވާ، އަދި ސޮއި ކުރައްވާފައިވާ ނަމަ، ސޮއި ކުރައްވާފައިިވަނީ ކޮން ހައިސިއްޔަތަކުން ކަން ސާފުކޮށްދެއްވުމަށް އެދޭ ކަމަށެވެ.
އެމްޑީޕީން މިފަދަ ސިޓީއެއް ރައީސް މައުމޫނަށް ފޮނުއްވީ ޕީޕީއެމުން އެމްޑީޕީއަށް މިމަހުގެ 12 ވަނަ ދުވަހު ފޮނުވި ސިޓީއަކާއި ގުޅިގެންނެވެ.
ޕީޕީއެމުން އެމްޑީޕީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ 54 ވަކީލަކު ސަސްޕެންޑް ކުރުމާ ގުޅިގެން ގުޅިފައިވާ ޕާޓީ ތަކުން ނެރުނު ބަޔާނުގައި ޕީޕީއެމްގެ ނަން ހިމަނައިގެން އެ ބަޔާން ނެރެ، އެމްޑީޕީގެ ވެބްސައިޓްގައި ޝާއިއުކުރުމާ ގުޅިގެން އެ ބަޔާނުން ޕީޕީއެމްގެ ނަން މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ޖެހުމުގެ ކުރިން އުނިކުރުމަށެވެ.
ނަމަވެސް އެ މުއްދަތު ހަމަވެގެން ދިޔައިރު އެ ބަޔާނުން ޕީޕީއެމްގެ ނަން އުނިކޮށްފައެއް ނުވެ އެވެ.
ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕާޓީ ދެބައިވެ، ދެ ފެކްޝަނުން ވެސް ސެކްރެޓަރީ ޖެނެރަލުން ވަނީ އައްޔަންކޮށްފަ އެވެ. ރައީސް ޔާމީން ފެކްޝަނުން ޚަލީލް ހަމަޖެއްސި އިރު މައުމޫން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަކީ އަބްދުލްއަލީމެވެ.
އެމްޑީޕީން ރައީސް މައުމޫނަށް ފޮނުއްވި ސިޓީގައި އެމަނިކުފާނާ މުހާތަބު ކުރައްވާފައިވަނީ ޕީޕީއެމްގެ ރައީސްގެ ގޮތުގަ އެވެ.
އޭގެ އިތުރުން ޕީޕީއެމްގެ އިންތިހާބީ ރައީސަކީ އަދިވެސް މައުމޫން ކަމަށް އެ މަނިކުފާނުގެ އޮފީހުން ވިދާޅުވާ އިރު، ރައީސް ޔާމީން ރިޔާސަތު ބަލަހައްޓަވާ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގައި މައުމޫން ވަނީ ޕާޓީގެ ރައީސް ކަމުން ވަކިކޮށްފަ އެވެ. އެހެންވެ މިހާރު އެ މަނިކުފާނަކީ ޕީޕީއެމާ އެއްވެސް ގުޅުމެއް އޮތް ބޭފުޅެއް ނޫން ކަމަށް ރައީސް ޔާމީން ފެކްޝަނުން ދަނީ ބުނަމުންނެވެ.
ޕީޕީއެމްގެ އެސްޖީ ކަމަށް ޚަލީލް ކިޔާ ބޭފުޅަކު އައްޔަނެއް ނުކުރޭ - ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ