"ބުރްކިނީ" މަނާކުރި މައްސަލަ ފަރަންސޭސި އެންމެމަތީ ކޯޓުން ބާތިލް ކޮށްފި

ފަރަންސޭސިވިލާތުގެ ބައެއް ރަށްތަކުގައި "ބުރްކިނީ" ލައިގެން މޫދަށް އެރުން މުސްލިމް އަންހެނުންނަށް މަނާކުރި ކުރުން އެގައުމުގެ އެންމެ މަތީ ކޯޓުން ބާތިލް ކޮށްފިއެވެ.
"ބުރްކިނީ" އަކީ މުސްލިމް އަންހެނުން މޫދަށް އެރެން ބޭނުންކުރާ، މޫނާއި ދެއަތްތިލަ ފިޔަވައި، އެހެން ހުރިހާތަނެއް ނިވާވެފައި ހުންނަ ޚާއްސަ ހެދުމެކެވެ.
"ބުރްކިނީ" ލައިގެން މުސްލިމް އަންހެނުން މޫދަށް އެރުން އެގައުމުގެ ބައެއް ރަށްތަކުގައި މަނާކުރި މައްސަލާގައި ފަރަންސޭވިލާތުގެ އެންމެ މަތީ އިދާރީ ކޯޓު ކަމަށްވާ ސްޓޭޓް ކައުންސިލަށް މިމައްސަލަ ހުށަހެޅީ އެގައުމުގެ ހިއުމަން ރައިޓްސް ލީގާއި، ފަރަންސޭސި މުޖުތަމައުގައި އިސްލާމްދީނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާ ދެކޮޅަށް ހަރަކާތްތެރިވާ ގްރޫޕަކުންނެވެ.
މިމައްސަލަ ބެލުމަށްފަހު ސްޓޭޓް ކައުންސިލުން ދާދި ދެންމެއަކު ކުރި ހުކުމުގައި ބުނެފައިވަނީ، އާންމު ހަމަޖެހުމަށް ނުރައްކަލެއްކަމަށް ސާބިތުވާ ހާލަތްތަކުގައި ސަރަހައްދީ އިދާރާތަކަށް ވަކިވަކި ފަރުދުންނާ ދެކޮޅަށް ފިޔަވަޅު އެޅިދާނެ ކަމަށެވެ. އެހެންކަމުން، އާންމުކޮށް "ބުރްކިނީ" މަނާކުރި ކުރުން ބާތިލްކަމަށް ވަނީ ކަނޑައަޅާފައެވެ.
ސްޓޭޓް ކައުންސިލްގެ ހުކުމަށް "ފްރެންޗް ކައުންސިލް އޮފް މުސްލިމް ފެއިތު" އިން ވަނީ މަރްހަބާ ކިޔާފައެވެ. އަދި ބުނެފައިވަނީ، މިއީ ލިބުނު ކާމިޔާބީއެއް ކަމަށެވެ.
ފަރަންސޭސިވިލާތުގެ މުސްލިމް އަންހެނުން "ބުރްކިނީ" ލައިގެން އަތިރިމަތީގަ އުޅުމާއި، މޫދަށް އެރުން އެންމެ ފުރަތަމަ މަނާކޮށްފައިވަނީ "ވިލެނުއެވް-ލޯބެޓް" ޓައުންއިންނެވެ. އެއާ ގުޅިގެން އެގައުމުގެ އިތުރު ތިރީހަކަށް އަވަށުން ވަނީ އެފިޔަވަޅު އަޅާފައެވެ.
ފަރަންސޭސިވިލާތުގެ ބައެއް ހިސާބުތަކުގައި "ބުރްކިނީ" މަނާކުރުމާ ގުޅިގެން އެގައުމާއި، ބައިނަލްއަގްވާމީ މުޖުތަމައުގައިވެސް ވަނީ ވަރުގަދަ ބަހުސެއް ފެށިފައެވެ.
މައްސަލަ އިތުރަށް ހޫނުވެ ހުޅުފަޅައިގެންދާގޮތްވީ، ފަރަންސޭސި ރިސޯޓް ސަރަހައްދެއް ކަމަށްވާ ނިސްގެ ބީޗެއްގައި އިށީނދެގެން އިން މުސްލިމް އަންހެނެއް ވަށާލައި ހަތިޔާރުއެޅި ފުލުހުން ތިބި މަންޒަރާއި، އަދި އެ އަންހެންމީހާ އޭނާ ލައިގެންހުރި އަތްދިގު ޓޮޕް ބާލާ މަންޒަރު ފެންނަ ފޮޓޯތަކެއް މުޅި ދުނިޔޭގެ މީޑިއާގައި ފެތުރިގެން ދިއުމާ ގުޅުގެންނެވެ.
މިމައްސަލާގައި ނިސްގެ މޭޔަރުގެ އޮފީހުން ވަނީ، މުސްލިމް އަންހެންމީހާ ލައިގެންހުރި ހެދުން ފުލުހުން ބޭލުވިކަމަށް ދައްކާ ވާހަކަތައް ދޮގު ކޮށްފައެވެ. އޭއެފްޕީއަށް މައުލޫމާތު ދެމުން ނިސްގެ މޭޔަރުގެ އޮފީހުން ބުނެފައިވަނީ، އަންހެންމީހާ އޭނާ ލައިގެންހުރި ޓޮޕް ބާލަނީ އޭނާ އެތެރެއިން ލައިގެންހުރި މޫދަށްއެރޭ ހެދުން ދެއްކުމަށް ކަމަށާއި، ފޮޓޯތައް ނަގާފައިވާ ވަގުތާއި އަންހެންމީހާ ޓޮޕްބާލަންއުޅޭ ވަގުތާ ދިމާވުމުން އެގޮތަށް ހީވަނީ ކަމަށެވެ.
ބީޗްގައި ހުރި މުސްލިމް އަންހެންމީހާ ފުލުހުން ޖޫރިމަނާ ކުރުމުން، އެތަނުން ވަގުތުން ގޮސްފައިވާ ކަމަށް މީޑިއާއިން ބުނެފައި ވެއެވެ.
"ބުރްކިނީ" މަނާކުރި މައްސަލާގައި ފަރަންސޭސި ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މޮރޮކޯ ދަރިކޮޅުގެ އެޑިއުކޭޝަން މިނިސްޓަރ ނަޖާތު ވަލައުދު ބަލްކާސިމް ވެސް ވަނީ ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާކަން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފަރަންސޭސިވިލާތުން ޓެރަރިޒަމާއި ގުޅުވައި "ބުރްކިނީ" މަނާކުރުމަކީ ދެކޮޅުޖެހޭ ކަމެއްނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ