މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް 29 މީހަކު ވާދަކުރަނީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރު ކަމަށް މީޑިއާތަކުގެ ފަރާތުންނާއި އަމިއްލަ ގޮތުން 29 މީހަކު ވާދަކުރާ ގޮތަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހޯމް މިނިސްޓްރީން ބުނި ގޮތުގައި މީޑީއާ ކައުންސިލްގެ ދެން އޮންނަ ދައުރަށް މީޑިއާގެ ފަރާތުން ކުރިމަތިލީ 17 މީހެކެވެ. އަދި އާންމުންގެ ތެރެއިން ކުރިމަތިލި މީހުންގެ ތެރެއިން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އޭނާ އަށް ފެނިވަޑައިގަންނަވާ 12 މީހަކު ކަނޑައަޅުއްވައިފަ އެވެ. މީޑިއާ ކައުންސިލްގެ ގާނޫނުގައިވާ ގޮތުން އެ ކައުންސިލްގެ އިންތިހާބަށް އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން ވޯޓުލާނެ މީހުން ކަނޑައަޅުއްވާނީ ހޯމް މިނިސްޓަރެވެ.
ހޯމް މިނިސްޓްރީން ވަނީ މީޑިއާ ކައުންސިލަށް ކުރިމަތިލި މީހުންގެ ނަންތައް އާންމުކޮށްފަ އެވެ. އެ ކައުންސިލަށް މީޑިއާގެ ފަރާތުން ކުރިމަތިލި މީހުންގެ ތެރޭގައި ތަޖުރިބާކާރު ނޫސްވެރިން ހިމެނެ އެވެ.
މީޑިއާ ކައުންސިލަށް މީޑިއާތަކުން ކުރިމަތިލި މީހުން:
1- ފަޔާޒް ޔޫސުފް- ޕީއެސްއެމް
2- މުހައްމަދު ނިޔާޒް- ޗެނަލް 13
3- އަޒްމީ އަލީ- އެމްވީސްޕޯޓްސް
4- އަހުމަދު ރިފާއު- ވީމީޑިއާ
5- މުހައްމަދު އައުޒަމް- އަލްކައުން
6- މުހައްމަދު ހަމްދޫން- މިހާރު
7- އަހުމަދު މުޖުތަބާ- ސަން މީޑިއާ
8- އިބްރާހިމް މުހައްމަދު- އެމްވީޓީވީ ޗެނަލް
9- މުހައްމަދު އީމާނާ- އަރާމަގުޑޮޓްކޮމް
10- މުހައްމަދު ފަޒީން- ރާއްޖެ ޓީވީ
11- މިސްބާހް އައްބާސް- ވީއެފްޕީ
12- ހުސެއިން ރަޝީދު- އައިސްޓީވީ
13- އާދަމް ޒާހިރު- އަނގޮޅި މަޖައްލާ
14- އަބްދުލް މުއީދު ހަސަން- ބަހުރު މަޖައްލާ
15- އިބްރާހިމް ފައުޒީ- ޑިސްކަވާ އިސްލާމް
16- އަހުމަދު އާޒިފް- ހިތާދޫ އޮންލައިން
17- ހަސަން ޝާކިރު މުހައްމަދު- އަސްދަނޑި މަޖައްލާ
މީޑިއާ ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލި މީހުންގެ ތެރެއިން ހޯމް މިނިސްޓަރު ކަނޑައެޅުއްވި ލިސްޓް:
1- އައިޝަތު ޝަފާހަތު އިއްޒަތު- ގ. ގޮފި
2- ހުސެއިން މުހައްމަދު ހަނީފް- ހ. ވަލަންޖު
3- ޝައުފާ ހުސެއިން- ފެހިވާގެ/ސ. މަރަދޫ
4- މަރިޔަމް ހަލީލް- އަލިފަރުދާގެ/ގއ. މާމެންދޫ
5- އާމިނަތު ރުޝްމާ- ހ. މޮސްކޯގެ
6- މުހައްމަދު އާޒިމް އަބްދުލް ހާދީ- މއ. ކެކުރި
7- މަރިޔަމް ލީނާ އަލީ- މ. މޯނިންވިލެޖް
8- އާމިނަތު ޝާނީ- މ. މެދުރިޔާ
9- އަހުމަދު އަބީރު އިސްމާއިލް- ދަފްތަރު ނަމްބަރު ރސ 4753
10- އާފިޔާ އަބްދުލް އަޒީޒް- ދަފްތަރު ނަމްބަރު ރސ 8946
11- އަންވަރު އިބްރާހިމް- މަންޒިލް/ބ. ތުޅާދޫ
12- އަސްއަދު ޝަރީފް- މއ. ލޮޓަސް
މީގެ އިތުރުން ހޯމް މިނިސްޓްރީން ވަނީ މީޑިއާ ކައުންސިލްގެ މިހާރުގެ ދައުރު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ، އާ ކައުންސިލްގެ މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުގައި އޮބްޒާވަރުންގެ ގޮތުގައި އާއި މަންދޫބުންގެ ގޮތުގައި ރަޖިސްޓަރީ ކުރުން އަންނަ ހަފުތާ އިން ފެށިގެން އެ މިނިސްޓްރީގައި ކުރިއަށް ގެންދިއުމަށް ނިންމައިފަ އެވެ.
މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތަކީ އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކު ކަމަށް ވުމާއި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށެއް ނުވަތަ ޚިޔާނާތް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ ކުޑަކުއްޖަކާ ބެހުމުގެ ކުށެއް ސާބިތުވެފައި ނުވުމާއި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އެއްވެސް ޖިނާއީ ކުށެއް ސާބިތުވެފައި ނުވުމެވެ. އަދި މިދިޔަ އެއް އަހަރު ތެރޭގައި ލިޔުނު އެއްޗަކާ ގުޅިގެން ކުށެއް ސާބިތުވެފައި ނެތުމަކީ ވެސް ޝަރުތެކެވެ.
މީޑިއާ ކައުންސިލްގައި ތިބެނީ މީޑިއާތަކުގެ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން ހަތް މެމްބަރެކެވެ. ނަމަވެސް މީޑިއާ ކައުންސިލްގެ ދެން އޮންނަ ދައުރަށް އިންތިހާބު ކުރަން ޖެހެނީ 13 މީހެކެވެ. ސަބަބަކީ މިހާރު ހިނގަމުން އަންނަ މީޑިއާ ކައުންސިލްގެ ދައުރުގެ ވަކި ހިސާބަކުން ދެ މެމްބަރަކު އަލަށް އިންތިހާބު ކޮށްފައި ވުމެވެ. އެއީ މީޑީިއާތަކުން އެކަކާއި އާންމުންގެ ތެރެއިން އެކަކެވެ. މީޑިއާ ކައުންސިލްގެ ޓާމެއްގެ މުއްދަތަކީ ދެ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ