ރަނިންމޭޓަކު އިހްތިޔާރުކޮށްފައިވާ ކަމަށް އުމަރު ވިދާޅުވެއްޖެ

ސެޕްޓެމްބަރު 7 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ރަނިންމޭޓަކު އިހުތިޔާރު ކުރައްވާފައިވާ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ އިންތިގާލީ ނައިބު ރައީސްކަން ކުރެއްވި އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
އުމަރު ޓީމްގެ ފަރާތުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ކުރިން އެނާގެ ރަނިންމޭޓެއް ވެސް އިހްތިޔާރު ކުރައްވާފައިވާ ކަމަށާއި އެބޭފުޅަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ތަޖުރިބާކާރު ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް އުމަރު ވިދާޅެއް ނުވެ އެވެ.
"އަޅުގަނޑު ވާނީ އަޅުގަނޑުގެ ރަނިންމޭޓަކު ވެސް އިހުތިޔާރިކޮށްފައި ނަމަވެސް ޕާޓީގެ ގަވައިދު އޮތް ގޮތުން ރިޔާސީ ޕްރައިމަރީ އިންތިހާބު ނިމުމުގެ ކުރިން ރަނިންމޭޓަކު އިއުލާން ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ޕާޓީގެ ރައީސް އަޅުގަނޑަށް އިޝާރާތްކޮށްފައިވާތީ އަޅުނޑުގެ ރަނިންމޭޓްގެ ނަން އަޅުގަނޑެއް ނުއެއް ދަންނަވާނަން." އުމަރު ނަސީރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ވޭތުވެ ދިޔަ އެއްމަސް ދުވަކީ ރިޔާސީ ޕްރައިމަރީގައި ޕީޕީއެމްގެ ފަރާތުން ނުކުންނާނީ ކޮން ކެންޑިޑޭޓެއްތޯ ކަނޑަނޭޅިގެން އެކަމުގެ ތެރޭގައި އުޅުނު އެއްމަސް ދުވަސް ކަމަށާއި މިހާތަނަށް އޭނާ ކުރި އަދި ކުރައްވާ މަސައްކަތީ ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުން ނޫން ކަމަށެވެ.
އަދި އޭނާގެ މަސައްކަތްތަކަކީ ޕީޕީއެމަށް ވެރިކަން ގެނެސް ކުރީގެ ރައީސް ނަޝީދު ވެރިކަމަށް އަޔަ ނުދިނުމަށް ކުރާ މަސައްކަތެއް ކަމަށް އުމަރު ނަސީރު ވިދާޅުވި އެވެ.
"އަޅުގަނޑުގެ މަސައްކަތަކީ ޕީޕީއެމަށް ވެރިކަން ގެނެސް ދިނުމަށް ކުރާ މަސައްކަތެއް. އަދި މުހައްމަދު ނަޝީދު ވެރިކަމަށް އަޔަ ނުދިނުމަށް އަޅުގަނޑު ކުރާ މަސައްކަތެއް، އެ މަސައްކަތުގައި އަޅުގަނޑު ކުރިޔަށް ޖެހެންޏާ ކުރިޔަށް ފަހަތަށް ޖެހެންޏާ ފަހަތަށް އަރިމައްޗަށް ޖެހެންޏާ އަރިމައްޗަށް ޖެހެން އަޅުގަނޑު އަދިވެސް މިހުރީ ތައްޔާރަށް،" އުމަރު ނަސީރު ވިދާޅުވި އެވެ.
ޕީޕީއެމްގައި ތިއްބެވި ސިޔާސީ ޝަހުސިއްޔަތުގެތަކުގެ ތެރެއިން ރައީސް މައުމޫން ފިޔަވައި އެންމެ ބޮޑު ތަޖުރިބާކާރު އިލްޔާސްކަން ފާހަގަކުރައްވަމުން އުމަރު ވިދާޅުވީ އިލްޔާސްއާއި އެކީ މަޝްވަރާތަކެއް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އެ މަޝްވަރާތަކުގެ ބޭނުމަކީ ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ރާއްޖެ ސަލަމާތްކޮށް ވެއްޓިފައިވާ އިގްތިސޯދީ އިޖުތިމާއީ ފުން ވަޅުގަނޑުން ގައުމު ނަގާ ދާހިލީ ސިޔާސަތުތަކާ ހާރިޖީ ސިޔާސަތުތައް ވަރުގަދަ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ލީޑާޝިޕް ޕީޕީއެމްގެ ތެރޭގައި އުފެއްދުން ކަމަށެވެ.
އުމަރު ރޭ ވަނީ އޭނާގެ ކެމްޕޭން މެނޭޖަރާއި ސްޕޯކްސް ޕާސަން ވެސް އިއުލާން ކުރައްވާފަ އެވެ. ކެމްޕޭން މެނޭޖަރަކަށް ހަމަޖެއްސެއްވީ ޕީޕީއެމްގެ ކައުންސިލް މެންބަރު މާޒް ސަލީމެވެ. އަދި ސްޕޯކްސް ޕާސަން އަކަށް ހަމަޖެއްސެއްވީ އަބްދުﷲ ޝިނާނެވެ.
އުމަރު ނަސީރުގެ ކެމްޕެއިން ޖަލްސާގައި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު ބައިވެރިވެވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ އާންމުން ވެސް ޖަލްސާގައި ބައިވެރިވި އެވެ.
އުމަރުގެ އިތުރުން ޕީޕީއެމްގެ ޕްރައިމަރީގައި ދެން ވާދަކުރައްވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ