ލާދީނީ ފިކުރު ގެނެސް ގައުމު ބައިބައިކުރަން ބަޔަކު މަސައްކަތްކުރޭ - ގާސިމް

މިގައުމަށް ލާދީނީ ފިކުރު ގެނެސް ގައުމު ބައިބައިކޮށް ދީނާއި ގައުމިއްޔަތު ބަލިކަށިކޮށްލުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކާ ދޭތެރޭ ހުރިހާ ދިވެހިންވެސް ހޭލާ ފާރަވެރިވެގެން ތިބުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާޢިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
މިއަދު ފާހަގަކުރަމުންދާ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައި ގާސިމް ވިދާޅުވީ ދިވެހިންގެ އިސްލާމީ އަޤީދާ ބަލިކަށިކޮށް ދިވެހި ބިމުގައި އެހެންދީންތައް ފެތުރުމަށް ބައެއް ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތް ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށެވެ.
އަދި ދިވެހިން މާތްވެގެންވާ އިސްލާމްދީން ޤަބޫލުކުރިތާ އެތައް ސަތޭކަ އަހަރެއް ފާއިތުވެދިޔައިރުވެސް ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތީ އިސްލާމްދީނުގެ ނޫރު ދިވެހި ޖީލުތަކަށް ފޯރުކޮށްދިނުމަށް ކާބަފައިން ކުރެއްވި ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ދިވެހިންނަށް މިއަދު ތަފާތު އެކި ރޮނގުތަކުގައި ލިބިފައިވާ ކުރިއެރުމާއި ތަރައްޤީއަކީ މާތްވެގެންވާ އިސްލާމްދީނުގައި ދިވެހިން ސާބިތުވެ ތިބުމާއި ގުޅިގެން ލިބިފައިވާ ކާމިޔާބެއް ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ އިސްލާމްދީނުގެ ހިޔާވަހިކަމުގައި ދިވެހި ޤައުމު ތާއަބަދަށް ބާއްވައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ