ސިޔާސީ ގޮތުން ހިންގާ މާރާމާރީތައް ހުއްޓެންޖެހޭ - މައުމޫން

ސިޔާސީ ގޮތުން ހިންގާ މާރާމާރީތަކާއި ހަމަނުޖެހުންތައް ހުއްޓުވަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހއ.ހޯރަފުށިން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެއްވެ ތިބި މީހުންގެ ތެރޭގައި ހުރި މީހަކު ވަޅިއަކުން އެމަނިކުފާނަށް ހަމަލާދިނުމަށް މަސައްކަތްކުރި ހާދިސާއަށް މިއަދު ފަސް އަހަރުވެފައިވާ ކަމަށެވެ.
އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީއަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ކަމަށް ވެސް މައުމޫންގެ ޓުވީޓުގައި ފާހަގަކުރައްވާފައިވެ އެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ގޮތުން ހިންގާ މިފަދަ މާރާމާރީތަކާއި ހަމަނުޖެހުންތައް ހުއްޓުވަން ޖެހޭ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ޑރ.އަފްރާޝީމް އަވަހާރަކޮށްލި ހާދިސާއަކީ ދުރާލައި ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށާއި އެކަމުގެ އަޑީގައި ވަނީ ސިޔާސީ ބައެއް ކަމަށެވެ. ނަމަވެސް އެމައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެމީހުންނާއި ބެހޭ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ފުލުހުން ހާމަކުރި ހަމައެކަނި އެއްޗަކީ އެމައްސަލައިގައި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ކަމެވެ. ޑރ އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެން 4 މިލިއަން ރުފިޔާ ހުށައަޅައިގެން ކަމަށް ފުލުހުން ބުނެ އެވެ.
ޑރ. އަފްރާޝީމް މަރާލާފައިވަނީ މާލޭގައި ހަރަކާތްތެރިވާ ކުޑަ ހެންވޭރަށް ނިސްބަތްވާ ގްރޫޕްގެ ދެމީހުން ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. އަމަލީ ގޮތުން މިކަމުގައި ބައިވެރިވި އެދެމީހުންނަކީ ހ. ލޮބީ ހުސެން ހުމާމް އަހުމަދު އަދި ހ. ހިކޯސްޓް އަލީ ޝާން އެވެ. އަދި މިކަމުގައި 18 އަހަރުން ދަށުގެ ކުއްޖަކު ވެސް ބައިވެރިވެފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. ހުމާމް އާއި ޝާންގެ މައްސަލައިގެ ތަހުގީގު ނިންމާ މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.
ފުލުހުން ބުނި ގޮތުގައި ކުޑަ ހެންވޭރު ގޭންގަކީ ބޮޑެތި ކުށްތައް ކުރާ ގޭންގެކެވެ. އަދި ސިޔާސީ ބަޔަކު ޚަރަދުކޮށްގެން އެ ގްރޫޕުން ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ