ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، 24 ގަޑިއިރުގެ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމިން މިހެން ވިދާޅުވީ، މާޅޮސްމަޑުލުއުތުރުބުރީ އިންނަމާދޫގައި ފެނަކަ ކޯޕޮރޭޝަން ލިމިޓެޑުން ގާއިމްކުރެއްވި އާ އިންޖީނުގެ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމިން ވިދާޅުވީ، "24 ގަޑިއިރު ކަރަންޓު ޔަޤީން" އަކީ މި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު އެއްވަޢުދު ކަމަށެވެ. އަދި ސަރުކާރުގެ މިފަދަ ވަޢުދުތައް ޙާޞިލްކުރެއްވުމުގައި ފެނަކާގެ ފަރާތުން ކުރައްވަމުން ގެންދަވާ ހީވާގި، އަގުހުރި މަސައްކަތް ފާހަގަކޮށް އެފަރާތަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސް ޔާމިން ވިދާޅުވީ، އިންނަމާދޫ ރައްޔިތުންނަކީ، މުޖުތަމަޢަށް ފައިދާ ލިބޭ ކަންކަމުގައި އެއްބައިވަންތަކަން އިސްކޮށް، އެކަންކަމުގައި އެއްބާރުލުންދޭ ރައްޔިތެއް ދިރިއުޅޭ ރަށެއް ކަމަށެވެ. " އިންނަމާދޫ ރައްޔިތުންނަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ނަމޫނާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް." ރައީސްގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ އެ މަސައްކަތްތައް ކުރަން އޮންނަ މަގު ކުރުކޮށްގެން ކަމަށާއި އެކަން ކުރެވޭނީ ގާނޫނުތަކާއި ގަވާއިދުތަކުގެ އަލީގައި، އޮޑިޓަ ޖެނެރަލާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ވެސް ވާހަކަދައްކައިގެން ކަމަށެވެ.
މީގެއިތުރުން އިންނަމާދޫގެ، ޢުމްރާނީ އަދި އިޖުތިމާޢީ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މައްޗަށްވެސް ރައީސް ޔާމިން މިއަދު ރަސްމިއްޔާތުގައި ވަނީ އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.
ރައީސް ޔާމީން މިއަދު އިންނަމާދޫ އަށް ވަޑައިގަތީ ރ. އަތޮޅުގެ ބައެއް ރަށްރަށުގެ އިތުރުން ނ. ލަންދޫ އަދި ބ. ގޮއިދޫ އަށް މިއަދު ހެނދުނު ފެއްޓެވި ރަސްމީ ދަތުރުފުޅުގަ އެވެ. އެ ގޮތުން، އެ މަނިކުފާނު ވަނީ މިއަދު މެންދުރު ރ. މަޑުއްވަރީ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ސަރުކާރުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ