މައުމޫނު ފެކްޝަނަށް ނޭނގި އެޗްސީ ގައި ޕީޕީއެމް މައްސަލަ އިސްތިއުނާފްކޮށްފި

ސިވިލްކޯޓުން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނަށް ހަވާލުކުރަން ހުކުމް ކުރުމާއި ގުޅިގެން މައުމޫނު ފެކްޝަނުން އެމައްސަލަ އިސްތިއުނާފްކުރުމަށް ނިންމާފައިވަނިކޮށް އަމިއްލަ ފަރާތަކުން ހައިކޯޓުގައި އެމައްސަލަ އިސްތިއުނާފްކޮށްފި އެވެ.
މިމައްސަލަ މައުމޫނު ފެކްޝަނަށް ނޭނގި އިސްތިއުނާފްކޮށްފައި ވަނީ ސ. ހުޅުދޫ ފެންފިޔާޒުވިލާ، އައްބާސް ވާފިރެވެ. އައްބާސް އަކީ ދަށުކޯޓުގައި އެމައްސަލަ ހިނގިއިރު ހިމެނުނު މީހެއް ނޫންކަމަށްވެސް ފާހަގަކުރެވެއެވެ.
ޕީޕީއެމްއިން މައްސަލަ އިސްތިއުނާފް ކުރުމަށް މަސައްކަތް ކުރަމުންދަނިކޮށް ޕީޕީއެމްއަށް ރައްދުވާ ގޮތަށް ހައިކޯޓަށް އެމައްސަލަ ހުށަހެޅުމުން ހައިކޯޓުންވަނީ މައްސަލަ ބަލައިގަނެ ރަޖިސްޓްރީވެސް ކޮށްފައެވެ. އަދި މިމައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނަށް ތާވަލުކުރުމަށްފަހު ވަނީ ކެންސަލްކޮށްފައެވެ. މައުމޫންގެ ފެކްޝަންގެ ފަރާތުން އިސްތިއުނާފް ގެ މަސައްކަތުގައި އުޅުއްވަނީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒެވެ.
މިކަމާގުޅިގެން މައުމޫނު ފެކްޝަނުގެ އޮފިޝަލަކު ވިދާޅުވީ "އަޅުގަނޑުމެންނަށް ލިބުނީ ކުއްލި ހައިރާން ކަމެއް، އަޅުގަނޑުމެން އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް ކުރަނިކޮށް، އެހެން ފަރާތަކުން އިސްތިއުނާފަށް ލީމާ. އިސްތިއުނާފަށް ހުށަހަޅާފައި އޮތްކަން ވެސް އެނގުނީ ޗިޓް އައުމުން. މިއީ ވަރަށް ދެރަކަމެއް،" މައުމޫން ފެކްޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
މައުމޫނުފެކަޝަނަށް ފޮނުވި ޗިޓްގައި ޕީޕީއެމްގެ ފަރާތުން ކޯޓަށްދާ ފަރާތަކީ އެކަމަށް ހަމަޖައްސާފައިވާ ފަރާތެއްކަން އަންގައިދޭ ގަރާރެއް ކޯޓަށް ގެންދިއުމަށްވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ