މެމްބަރު އިލްހާމަށް ހަމަލާދިން މައްސަލަ ބަލަން ފަށައިފި

ތިން އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން ސައިކަލުގައި ދަނިކޮށް ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އިލްހާމް އަހުމަދަށް މިއަދު ބަޔަކު ހަމަލާދިން މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
އިލްހާމް ވަނީ މިއަދު އޭނައަށް ބަޔަކު ހަމަލާދިން ކަމަށް ވީނިއުސްއަށް ވެސް ކަށަވަރުކޮށްދީފަ އެވެ.
ފުލުހުން ބުނީ، މެމްބަރު އިލްހާމްއަށް ބަޔަކު މިއަދު ހަމަލާދިން މައްސަލައެއް ހުށަހަޅާފައި ވުމުން، އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.
ވީނިއުސްއާ ވާހަކަ ދައްކަމުން އިލްހާމްގެ ކޮއްކޮ އާދަމް ޒާލިފް ބުނީ، ބޭބޭ (އިލްހާމްބެ) އަށް ހަމަލާ ދިނީ މިއަދު 10:15 ހާއިރު ފަލާހް ޕްރީ ސްކޫލް ކައިރިން ތިން އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން ސައިކަލްގައި ވަޑައިގަންނަވަނިކޮށް، އެސްކޫލް ކާރީއިން ކެފޭއެއްގެ ތެރެއިން ނުކުތް ބަޔަކު ކަމަށެވެ. އެމީހުން ނިކުމެ އިލްހާމްބޭ ދުއްވި ސައިކަލް މަޑުކުރުމަށްފަހު ހަމަލާދިނީ ކަމަށް ޒާލިފް ބުންޏެވެ.
"އިލްހާބެއަށް ހަމަލާ ދިން ވަގުތު އަހަރެނާ އަދި އިލްހާމްބޭގެ އިތުރު ކޮއްކޮ އެއްވެސް ދިޔަ. އަހަރެމެން ދެމީހުން ދިޔައީ އިލްހާމް ބޭގެ ފަހަތުން ސައިކަލުގައި. އެކެފޭ ތެރެއިން ނިކުތް މީހުން އިލްހާމްބޭގެ މޫނު މަތީގައި ވެސް ޖެހި. އިލްހާމްބޭ އަޅައިގެން ހުރި އައިނުވެސް ހަލާކޮށްލި." ވީނިއުސްއާ ވާހަކަ ދެއްކި އިލްހާމްގެ ކޮއްކޮ ޒާލިފް ބުންޏެވެ.
ޒާލިފް ބުނީ، އިލްހާމްބެއަށް ހަމަލަދިން މީހުން ވަނީ އިލްހާމްބޭގެ ދަރިފުޅުގެ ގައިގައި ވެސް އަތްލައިފައި ކަމަށެވެ. އެހެން ނަމަވެސް މާސިރިއަސް އަނިޔާއެއް އެ ދެބަފައިންނަށް ލިބިފައި ނުވާކަމަށް ޒާލިފް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ