ދިއްފުށީގައި ޤާއިމުކުރެވިފައިވާ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމާ އައިސް ޕްލާންޓް ޙަވާލުކޮށްފި

ކ.ދިއްފުށީގައި ޤާއިމުކުރެވިފައިވާ އިރުގެ އަލިން ކަރަންޓު އުފައްދާ 40 ކިލޯވޮޓްގެ ނިޒާމު ސްޓެލްކޯ އާއި އަދި މިޕްރޮޖެކްޓްގެ ދަށުން ކ.ދިއްފުށީގައި ޤާއިމުކުރެވުނު އައިސްއުފައްދާ މެޝިން ދިއްފުށީގެ ކައުންސިލާ ޙަވާލުކޮށްފިއެވެ.
މިމަޝްރޫއަކީ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި ރާއްޖެއިންބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުމަށް ސަރުކާރުން ހިންގާ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއަ ޕްރޮގްރާމެކެވެ.
ކ.ދިއްފުށީގައި ޤާއިމުކުރެވުނު ނިޒާމަކީ ދިވެހިސަރުކާރުގެ އިސްނެގުމަކަށް ގްލޯބަލް ސަސްޓެއިނެބަލް އިލެކްޓްރިސިޓީ ޕާރޓްނަރޝިޕް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނު ސަރުކާރުގެ ހިލޭއެހީގެ ދަށުން ޤާއިމުކުރި ނިޒާމެކެވެ. މިނިޒާމުން ދުވާލަކު 190ޔުނިޓްގެ ކަރަންޓު އުފައްދާނެއެވެ. އެހެންކަމުން މިނިޒާމަކީ ރަށަށް ދުވާލުގަޑީގައި ބޭނުންކުރާ އެންމެ މަތީ ލޯޑުގެ 12 ޕަސެންޓާއި އެއްވަރުގެ ނިޒާމެކެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން ދިއްފުށީ ރައްޔިތުންނަށް މިއަދު މި ހަދިޔާކުރެވޭ އައިސް ޕްލާންޓުގެ ސަބަބުން ރަށުގެ މަޝްވެރިން ބޭނުންވާ އައިސް ހޯދުމުގައި ލުއިތަކެއް ލިބިގެންދާނެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވަނީ މި ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާރަށެއްގައި އެރަށަކަށް ދުވާލު ގަޑީގައި ބޭނުންވާ ކަރަންޓުގެ އެންމެމަތީ ޢަދަދުގެ 30 ޕަސެންޓު އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފެއްދުން ކަމަށެވެ.
އެގޮތުން މިހާރުވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގެ މިފަދަ މަޝްރޫޢުތައް ފެށިގެން ކުރިއަށް އެބަދެއެވެ. އަދި އަނެއްބައި މަޝްރޫޢުތައް ޓެންޑަރިންގ ސްޓޭޖުގަޔާއި ޑިޒައިނިން ސްޓޭޖުގަ އެބަހުއްޓެވެ. މުޅި ރާއްޖޭގައި މިހާރު ވެސްވަނީ 4 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ޤާއިމުކޮށްފައެވެ. މީގެތެރެއިން 2 މެގަވޮޓަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރާ ހަވާލުވެ ވަޑައިގެންނެވި ފަހުން ޤާއިމުކޮށްފައިވާ ނިޒާމުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ