ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިޚަބުގައި ފޭދޫ ދާއިރާއަށް ކުރިމަތިލާ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ނިހާދުގެ ކެންޑިޑެންސީ ބާތިލް ކުރެވޭނެ އެއްވެސް ތަނެއް ނެތް ކަމަށް ސިވިލް ކޯޓުންް މިއަދު ކުރި ހުކުމް ގަބޫލުނުކުރައްވާ ކަމަށް މި މައްސަލަ އެ ކޯޓަށް ހުށައެޅުއްވި އެ ދާއިރާގެ މިހާރުގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
މި ހުކުމް ގަބޫލުނުކުރައްވާނެ ކަން ހާމަކުރައްވަމުން އަލްހާން ވަނީ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓްގައި މި ހުކުމް ގަބޫލުނުކުރައްވާނެ ކަން ހާމަކޮށް 6 ނުކުތާއެއް ފާހަގަކޮށްފައެވެ.
އެގޮތުން ދެފަރާތުން ކުރެ އެއްވެސް ފަރާތަކަށް އިންތިހާބުގެ ކުރިން މައްސަލަ އިސްތިއުނާފް ނުކުރެވޭ ގޮތަށް މިއަދު 3:45 ގައި ހުކުމް ކުރުމަކީ އެކަމުގެ ތެރެއަށް ނާޖާއިޒް ނުފޫޒް ވަދެފައިވާ ކަމަށް ގަބޫލުކުރާ ކަމަށް އަލްހާން ބުނެފައިވެއެވެ.
އަދި މިފަދަ މައްސަލައެއް ހިނގަން ޖެހޭ މިންވަރަށް ވުރެ އަވަހަށް މައްސަލަ ނުހިނގާ ވަގުތު ގެއްލުވާލާފައިވާ ކަމަށާއި އަދި އޭނާ ޝަރީއަތަށް ހުށައެޅި ހެކިތަށް އެއްވެސް ވަރަކަށް ގާނޫނީ އަދި ޝަރުއީ ހަމައަކުން ރިޔާއަތްކޮށްފައި ނެތްކަންވެސް އަލްހާން ވަނީ ބުނެފައެވެ.
އެއް އިންތިހާބެއްގައި ވޯޓުލުމަށް ދެ ލިސްޓެއް އުފެއްދިދާނެ ކަމަށް ހުކުމުގައި ބުނެފައިވުމާއި އެފަދަ އާއްމު އިންތިހާބެއް ސައްހަކަމަށް ބެލެވޭ އާއްމު މިންގަނޑަށް ރިޔާއަތްކޮށްފައި ނެތުމާއި އަދި އެމްޑީޕީގެ އިންތިހާބާއި ބެހޭ ގަވާއިދާ ހިލާފުވާކަމަށް ހުށައެޅުނު ކަންކަމަށް ހުކުމުގައި ރިޔާއަތްކޮށްފައި ނެތުމަކީ ކޯޓުން ކުރި ހުކުމް ބަލައިނުގަންނާނެ ސަބަބުތަކެއް ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އިންތިހާބު ބާތިލު ކުރަން ޖެހޭނީ އިންތިހާބުގެ ނަތިޖާއަށް ބަދަލު އަންނަ ފަދަ މައްސަލައެއް ކުރިމަތިވުމުން ކަމަށް އެ ޕާޓީގެ އިންތިހާބާ ބެހޭ ގަވައިދުގައި ބުނެފައިވާ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކަމެއް އަލްހާނުގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށެވެ.
ފޭދޫ ދާއިރާގެ އެމްޑީޕީގެ މަޖިލީސް ޕްރައިމަރީގައި މުހައްމަދު ނިހާދަށް 316 ވޯޓް ލިބިވަޑައިގެންނެވި އިރުގައި، އަލްހާންއަށް ލިބިވަޑައިގެންފާ ވަނީ 154 ވޯޓެވެ.
އަލްހާން ފަހުމީ ވަނީ ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާއަށް އަމިއްލަ ހައިސިއްޔަތުން ކުރިމަތި ލައްވާފަ އެވެ.
ސިވިލް ކޯޓުން އިއްވި ހުކުމް ގަބޫލެއް ނުކުރަން – އަލްހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ