އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ކުރިން ހިންގި ޖީއެމްއާރު ކުންފުނިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް އެއާޕޯޓް ޑިވެލޮޕްމެންޓް ޗާޖާއި އިންޝުއަރެންސް ފީގެ ގޮތުގައި 27 ޑޮލަރު އުނިކުރަން ހުއްދަ ދިން ސިޓީގައި ސޮއި ކުރެއްވި މައްސަލައިގައި އެމްއޭސީއެލްގެ ކުރީގެ ޗެއާމަން (ބަންދު) އިބްރާހިމް ސަލީމްގެ މައްޗަށް އެމްއޭސީއެލްއިން ކުރި ދަޢުވާ ކުރިޔަށް ގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.
ސިވިލް ކޯޓުން މިހެން ނިންމާފައި ވަނީ، އެއާޕޯޓް ޑިވެލޮޕްމެންޓް ޗާޖް އުވާލުމަށް ބަންދު އިބްރާހިމް ސަލީމް ސިޓީގައި ސޮއި ކުރެއްވީ، އޭނާ އޭރު ހުރި އެމްއޭސީއެލްގެ ޗެއާމަންކަމުގެ މަޤާމުގެ ހައިސިއްޔަތުން ލިބޭ ބާރުތަކުގެ ބޭރުން ކަމަށް ވާތީ، އެ ޢަމަލަކީ އެމްއޭސީއެލް ހިންގާ ޤަވާއިދުގެ 38 ވަނަ މާއްދާގެ ދ ގައިވާ ގޮތުން މަޤާމުގެ ހައިސިއްޔަތުން ލިބިފައިވާ ބާރުތަކުގެ ބޭރުން ކުރި ކަމެއްގެ ގޮތުގައި ކަނޑައަޅާއިދިނުމަށް އެމްއޭސީއެލްއިން ސިވިލް ކޯޓުގައި ކުރި ދަޢުވާގައި، ކުރީގެ ޗެއާމަން ސަލީމް ނެންގެވި އިޖުރާޢީ ނުކުތާއަކާ ގުޅިގެންނެވެ.
ބަންދު އިބްރާހިމް ސަލީމްގެ ފަރާތުން ނެގި އިޖުރާޢީ ނުކުތާގައި ބުނެފައި ވަނީ، މި ދަޢުވާއަކީ އޭނާގެ މައްޗަށް ކުރެވޭ ދަޢުވާއަކަށް ނުވާނެ ކަމަށާއި، މިއީ ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ ނ އާއި ކުންފުންޏާ ބެހޭ ޤާނޫނުގެ 74 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށެވެ.
އެހެން ނަމަވެސް ސިވިލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައި ވަނީ، މި ދަޢުވާ ކުރެވުނު އިރު ސަލީމް ހުންނެވީ އެ ކުންފުނީގެ ޗެއާމަން ކަމުގައި ކަމަށާއި، ކުންފުންޏެއްގެ ޑިރެކްޓަރެއްގެ މައްޗަށް ދަޢުވާ ނުކުރެވޭނެ ކަމަށް ކުންފުންޏާ ބެހޭ ޤާނޫނުގައި ބުނެފައި ނުވާ ކަމަށެވެ.
ބަންދު އިބްރާހިމް ސަލީމްގެ މައްޗަށް ކުރެވުނު ދަޢުވާ ކުރިޔަށް ގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ