އަސާސީ ބޭސްތަކުގެ އަގުކޮންޓްރޯލް ކުރުން މާޗުމަހަށް ފަސްކޮށްފި

ރާއްޖޭގައި ވިއްކާ އަސާސީ ބޭސްތައް ވިއްކޭނެ އެންމެ މަތީ އަގު ތަންފީޒުކުރުން މާޗު މަހަށް ފަސްކޮށްފިއެވެ. ހެލްތު މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައި ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިޒް (އެމްއާރުޕީ) ކަނޑައަޅަން އަންގައިފައިވާތީ ރާއްޖެ އެތެރެކޮށް ވިއްކާ ހުރިހާ ބޭހަކަށް އެމްއާރުޕީ ކަނޑައެޅުން މާޗުމަހަގެ އެއްވަނަ ދުވަހަށް ފަސްކޮށްފައިވާކަމަށެވެ. އެގޮތުން ބޭސް ގަންނަ އަގަށް ގިނަވެގެން ލެވޭނީ 100 ޕަސެންޓް މާކްއަޕެއް ކަމަށް ކަނޑައަޅައި، ރާއްޖެ އިމްޕޯޓުކޮށް ވިއްކާ ހުރިހާ އަސާސީ ބޭހަކަށް، ޖެނުއަރީން ފެށިގެން އެމްއާރުޕީ ތަންފީޒު ކުރަން ހަމައްޖައްސާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ހެލްތު މިނިސްޓްރީން ނެރުނު އިއުލާނެއްގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަގު ކޮންޓްރޯލް ކުރަން ފަށާނެ ކަމަށް ވަނީ ބުނެފައެވެ. ހެލްތު މިނިސްޓްރީން ބުނެފައިވަނީ މާޗު މަހުން ފެށިގެން ފާމަސީތަކުގައި ވިއްކާ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ފާމަސީތަކުން ހިދުމަތް ހޯދަން އަންނަ މީހުންނަށް ފެންނަން ހުންނަން ޖެހޭނެ ކަމަށެވެ. އަސާސީ ބޭހުގެ އަގު ކޮންޓްރޯލް ކުރުމުގެ ދެވަނަ ފިޔަވަހި ވެސް ކުރިއަށް ގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން ދެވަނަ ފިޔަވަހީގައި، ރާއްޖެއަށް އެތެރެކޮށް ވިއްކާ ހުރިހާ ބޭހަކަށް އެމްއާރުޕީ ތަންފީޒު ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ