ކޮމަންޑޫ ދާއިރާގެ އެމްއެންޕީ ޓިކެޓު ހަންނާނުއާ ހަވާލުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރާ އަބްދުލް ހަންނާނު އިދުރީސްއާ ޓިކެޓް ހަވާލުކޮށްފިއެވެ. އެމްއެންޕީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ކުރިމަތިލުމަށް ހުޅުވާލުމުން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ހަންނާނު އެކަންޏެވެ. ކޮމަންޑޫއަށް އުފަން ހަންނާނު އެކަނި އެކަމަށް ކުރިމަތި ލާފައިވާއިރު, އޭނާއަށް ޓިކެޓް ހަވާލުކޮށްފައިވަނީ މިރޭ ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ހަންނާނަކީ މިގެ ކުރިން ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭގެ ތެރޭގައި ފަސް ސްކޫލެއްގެ ޕްރިންސިޕަލްގެ މަގާމާއި ވިލާ ކޮލެޖުގެ ފެކަލްޓީއޮފް ޝަރީއާ އެންޑް ލޯގެ މެނޭޖަރުކަން ހިމެނެއެވެ. މިހާރު ހަންނާނު އުޅުއްވަނީ އަމިއްލަ ވިޔަފާރިއެއްގެ މަސައްކަތުގައެވެ. ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަނީ ށ. ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދެވެ. އަދި ކޮމަންޑޫ ދައިރާގެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމުގެ ޓިކެޓު ދީފައި ވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓްރު މޫސާ ފަތުހީ އާދަމަށެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ. ހުސައިން ވަހީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ